ކުޅިވަރު

ކޮންޓޭގެ ޖާދޫގެ ސިއްރަކީ ކޮބާ؟

May 10, 2017

މި ސީޒަންގެ އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށީ، ޒަމާނީ ފުޓްބޯޅައިގެ ވިސްނުމާއި ހިޔާލުގެ މުއްސަނދި ކަމުގެ ތެރެއިން ނެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ތަފާތު ތިން ރަހައެއް، އިނިގިރޭސި ފުޓްބޯޅައިގެ ގަދަ ބާރުތަކުގައި ލައްވާލައިގެން ނެވެ. ސީޒަނަށް ޓީމުތައް ތައްޔާރުވި ގޮތަށް ބަލާއިރު، މިއަހަރުގެ ޕްރިމިއާ ލީގް ކާމިޔާބު ކުރާނެކަމަށް، އަންދާޒާ ކޮށްފައިވަނީ، ޕެޕް ގާޑިއޯލާ ހަވާލުވި މެންޗެސްޓާ ސިޓީ އާއި ހޯސޭ މޮރީނިއޯ ހަވާލުވި އިނގިރޭސި ފުޓްބޯޅައިގެ ރަސްގެފާން މެނެޗެސްޓާ ޔުނައިޓަޑުން ނެވެ. ފުޓްބޯޅައިގެ އެކްސްޕާޓުންނާއި އެނަލަސިޓުންގެ ބަސް އެ ދެ ޓީމަށް ބާރޯސާ ވީ ސީޒަނަށް ތައްޔާރުވުމަށް، އެ ދެ ކުލަބުން ހޭދަ ކުރި ފައިސާގެ އަދަދު ގިނަ ކަމުން ނެވެ. އަގުބޮޑުކޮށް އާ ކުޅުންތެރިންތަކެއް ގެނައުމުން ނެވެ.

އަލަށް ޕްރިމިއާ ލީގަށް އައިސް، އިޓަލީގެ އެންޓޯނިއޯ ކޮންޓޭއަށް ލީގް ޗެމްޕިއަންކަން ދަމައިގަންނަން އުނދަގޫވާނެ ކަމަށް ބުނި ކިތަންމެ މީހެއް އެބައުޅެވެ. ބައެއް އެނަލިސްޓުންގެ އަންދާޒާތައްވެސް ހުރީ އެހެން ނެވެ. ނަމަވެސް، މިހާރު، ލީގް ޗެމްޕިއަންކަން ހޯދަން، ޗެލްސީއަށް ކުރިމަތީގައި އޮތީ އެންމެ މެޗެކެވެ. ބައެއް އެނަލިސްޓުންނާއި އެކްސްޕޯޓުން ޔަގީންކޮށް މިހާރު ހިސާބު ޖަހައިގެން ތިބީ، ޗެލްސީ އަށް ޗެމްޕިއަންކަން ލިބޭނެ ކަމަށެވެ، ތެދެކެވެ. ކުރިމަތީގައި އޮތް ވެސްޓްބްރޯމްވިޗް ޗެލްސީއަށް އަތު ނުލެވޭނެ ކަމަށް ބުނާނާ އެއްވެސް ފޯމިއުލާއެއް މިހާރު ނެތެވެ.

މިހަފުތާގައި، ޗެމްޕިއަންކަމުގެ ގްލޯރީ އާއި ހިތްހަމަ ޖެހުން ޗެލްސީ އިހްސާސް ކުރާނެ އެވެ. ޖެހިޖެހިގެން ދެ ވަނަ ސީޒަންގައި އިޓަލީގެ މައިސްޓްރޯ އެއް ޕްރިމިއާ ލީގް އުފުލާލާނެ އެވެ. ކޮންޓޭ ވެގެންދާނީ، މިދިޔަ އަށް އަހަރު ތެރޭ، ޕްރިމިއާ ލީގް އުފުލާލާނެ، އިޓަލީގެ ހަތަރު ވަނަ ކޯޗަށެވެ. އެ ސިލްސިލާ ފެށިގެން އަންނަނީ، 2009/2010 ގެ ސީޒަންގައި ސެލްސީއަށް ލީގް ހޯދައިދިން، ކާލޯ އަންޗެލޯޓީއާ ހަމައިން ނެވެ. އެއަށްފަހު 2011/2012 ގެ ސީޒަންގައި މެނެޗެސްޓާ ސިޓީއަށް ލީގް ހޯދައިދިން، ރޮބާޓޯ މަންޗިނީ އެވެ. އޭގެ ފަހުން މިދިޔަ ސީޒަންގައި ލެސްޓާ ސިޓީގައި އެންމެން ހައިރާން ކޮށްލި ކްލައުޑިއޯ ރަނިއޭރީ އެވެ.

މި ސީޒަންގައި ޔޫރަޕްގެ އެންމެ ޓޮޕް ލީގްތަކުގެ ޗެމްޕިއަންކަން، ހޯދާނެ، އިޓަލީގެ ހަމައެކަނި ކޯޗަކީ ޗެލްސީގައި ކޮންޓޭ އެކަންޏެއް ނޫނެވެ. ޖަރުމަންގެ ބްންޑެސް ލީގާގެ ޗެމްޕިއަންކަން މިހާރު ކަށަވަރު ކޮށްފައި ވަނީ އަންޗެލޯޓީ އެވެ. ދެން ހުރީ ކޮންޓޭގެ އިނިގިލީގައި ހިފައިގެން ކުރިއަށް ދިޔަ، ރަޝިޔާގެ ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން މިހާރު ކަށަވަރު ކޮށްފައިވާ ސްޕާޓެކް މޮސްކޯ ކޯޗް މަސިމޯ ކައްރޭރާ އެވެ. އޭނާ ވަނީ އިޓަލީގެ ގައުމީ ޓީމުގައި، ކޮންޓޭގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ދެން ހުރީ ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ފައިނަލަށް ތިން އަހަރު ތެރޭ ދެ ފަހަރަށް ޔުވެންޓަސްގެ ގެންގޮސްދިން މެސިމިލިއާނޯ އެލެގްރީ އެވެ.

އިޓަލީގެ މި ކޯޗުންގެ ޖާދޫގެ ސިއްރަކީ ކޮބާ ހެއްޔެވެ. އިޓާލިއަން ސޭރިއާގެ ވާދަވެރި މާހައުލަކީ، ފުޓްބޯޅައިގެ އެކެޑެމިކް މާހައުލަކަށްވެސް ވަނީ ހެއްޔެވެ. ޔުވެންޓަސްގައި ހޭދަ ކުރުމަށްފަހު، މިސީޒަންގައި ދުނިޔޭގެ ރެކޯޑް ފީއަކަށް ޔުނައިޓަޑަށް ބަދަލުވި، ފްރާންސްގެ ޕައުލް ޕޮގްބާ ސިފަ ކޮށްފައި ވަނީ، އިޓާލީ އަކީ "ޓެކްޓިކަލް ފެންވަރެއްގައި ފުޓްބޯޅައިގެ ޔުނިވަސިޓީ އެއް" ކަމަށެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަނުން، އެގައުމުގެ ފިރެންޒް ގައި ހިންގާ ކޮވަރެޗަނޯ ފުޓްބޯލް ޓެކްނިކަލް މަރުކަޒުން ބިންގާއަޅައިދޭ ކޯޗިން ޕްރޮގްރާމްގެ ނަތީޖާ ރަނގަޅުކަން ހާމަވެއެވެ. އިޓަލީ ކޯޗުންގެ އެންމެ ޕޮސެޓިވް ފާހަގަ އަކީ ފެލްކްސިބަލްޓީގައި ކުރިއަށް ދިއުމެވެ. ކޮންޓޭއާ ހަމައިންވެސް އެކަން އޮތީ އެހެން ނެވެ. އޭނާވެސް، މުޅި ސީޒަންގައި ޑޮމިނޭޓް ކުރަމުން ދަނީ ފްލެކްސިބަލްޓީއާ އެކު އެހުރިހާ ކޮލިޓީ އަކާއި ބުރަދަން ހުރި ޓެކްނިކްތަކައިގެން ނެވެ.

އޭނާގެ އެންމެ ހައި ޕްރޮފައިލް ބޮޑު ބަދަލަކަށްވީ، ސީޒަންގެ ކުރީ ކޮޅު ޗެލްސީއަށް ކުރިމަތިވި ބައެއް އުނދަގޫތަކުން އަރައި ގަތުމަށް، ޗެލްސީގެ ސިސްޓަމަށް އޭނާ ގެނައި ބަދަލެވެ. ހަތަރު ޑިފެންޑަރުންނާއި ސެންޓަރަލް ދެ މިޑްފީލްޑަރުން ލައިގެން އޭނާ ބޭނުން ކުރި ފޯމޭޝަން ދޫކޮށްލުމަށްފަހު ބަދަލު ކޮށްލީ، 3-4-3 ގެ ސިސްޓަމަށެވެ. ނަމަވެސް ކާމިޔާބާ ހަމަޔަށް ދެވޭނީ، ހަމައެކަނި ފޯމޭޝަނަށް ގެންނަ ބަދަލަކުން ނޫނެވެ. ފަރުވާތެރިކަމާއެކު، މެނޭޖް ކުރުމަށް، ފަރުދާގެ ފުރަހުންވެސް، ކޮށްފައިވާ މަސައްކަތުންވެ.

މި ސީޒަންގެ ޕްރިމިއާ ލީގްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާނެ ކަމަށް ބެލެވޭ، ޗެލްސީގެ އެޑެން ހަޒާޑް ބުނެފައި ވަނީ، ކުޅުންތެރިންގެ ވަކިވަކި ބޭނުންތަކަށްވެސް ސަމާލުކަން ދީގެން، ކޮންޓޭ މަސައްކަތް ކުރާ ކަމަށެވެ. މި ސީޒަންގައި އޭނާ ޓޮޕް ފޯމުގައި ފެނުމުގެ ސިއްރަކީވެސް ކޮންޓޭގެ މަސައްކަތުގެ އެހީތެރިކަމުން އޭނާ އަށް އައިސްފައިވާ ބަދަލު ކަމަށް ހަޒާޑް ބުންޏެވެ. މިދިޔަ ދެ އަހަރަށް ވުރެ، ޑިއޭގޯ ކޮސްޓާވެސް މާބޮޑަށް ތަފާތެވެ.

"ތެދެއްމެ، ފުޓްބޯޅައިގެ ވަރަށް ރަނގަޅު ސްކޫލެއް އިޓަލީގެ އެބަހުރި، ނަމަވެސް އިހްލާސްތެރި ކަމާއެކު، ބުނަންޖެހޭނީ އިންގްލެންޑަށް އައިސް މި ލީގާ ކުރިމަތިލަންޏާ ގިނަ ކަންކަމަކުން ވިސްނުން ބަދަލު ކުރަން ޖެހޭނެ، މި ލީގަށް ވަރަށް ރަނގަޅަށް އަދި ވަރަށް އަވަހަށް ފައްކާ ވާން ޖެހޭނެ، މިއީ ވަރަށް އުނދަގޫ ލީގެއް، އަދި ވަރަށް ވަރުގަދަ ލީގެއް، އިޓަލީ އާއި ސްޕެއިންގެ ލީގަށް ވުރެ އެތައްގޮތަކުން ތަފާތު ލީގެއް،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ، ބުނީ ޕްރިމިއާ ލީގްގައި، އަނެއް ކޮޅުން ނިކުންނަ ބައެއް ޓީމު ތަކަކީ، މެދުފަންތީގެ ޓީމެއް ކަމަށް ވިސްނައިފިއްޔާ އެ މެޗުން ވަރަށް ފަސޭހައިން ބަލިވެގެންދާނެ ކަމަށެވެ. އެހެންވެ އެސަބަބަށްޓަކައިވެސް، ޕްރިމިއާ ލީގް އުނދަގޫ ލީގެއްކަމަށް ބުނަންޖެހޭ ކަމަށް، އޭނާ ބުންޏެވެ.

މިދިޔަ އަހަރުގެ ޔޫރޫ ފުޓްބޯޅަ މުބާރަތަށް ފަހު، އޭނާ، ޗެލްސީއާ ހަވާލުވީ ޖުލައި މަހު އެވެ. އެހާ އަވަހަށް ޕްރިމިއާ ލީގަށް އޭނާ ފަރިތަވީ ކިހިނެއް ހެއްޔެވެ. އޭނާ ބުނީ، އެކަން ކުރުމަށްޓަކައި، ކޯޗް ވާން ޖެހޭނީ މައުނަވީ ގޮތެއްގައި ފެހާ މީހަކަށް ކަމަށެވެ. އަދި ފަހަން ޖެހޭނީ ކުޅުންތެރިންނަށް އެންމެ އެކަށޭނެ ހެދުމެވެ.

އަންނަ އަހަރު ޗެމްޕިއަންސް ލީގްގައި ޗެލްސީ ވާދަ ކުރަން ޖެހޭތީ، އަންނަ ސީޒަންގައި ގެންގުޅެންޖެހޭނީ ތަފާތު އީޖާދެއް ކަމަށް ކޮންޓޭ ގަބޫލު ކުރެ އެވެ.

"މި ސީޒަން ރަނގަޅަށް ނިންމާލުމަށްފަހު، އަންނަ ސީޒަނާ ކުރިމަތި ލުމަށް އެންމެ އެކަށޭނެ ހައްލެއް ހޯދަން ޖެހޭނެ،" ކޮންޓޭ ބުންޏެވެ.
ޗެލްސީގެ މިހާރު އޮތް ޓީމަކީ، ޗެމްޕިއަންސް ލީގަށް ފުދޭ ވަރުގެ ޓީމެއް ހެއްޔެވެ. އެސުވާލުގެ ޖަވާބު މީޑިއާގައި ހިއްސާ ކުރާކަށް ކޮންޓޭ ބޭނުމެއް ނުވެ އެވެ. އެނާ ބުނީ ކުލަބު މެނޭޖްމެންޓާ އެކަން ހިއްސާ ކުރާނެ ކަމަށެވެ.

"އެންމެ ފުރަތަމަ އަހަރެން ޖެހޭނީ، ކުލަބުގެ މެނޭޖްމެންޓަށް އަހަރެންގެ ހިޔާލު ހުށަހަޅަން، އަދި އެއަށްފަހު ވާދަވެރި ކަމާއެކު މިކަން ކުރެވޭނެ ގޮތަކަށް ހައްލު ގެންނަން، އެއަށްފަހު އޮތް ހަލަތާ ކުރިމަތިލާން ޖެހޭނީ، ކުޅުންތެރިޔަކު ވިއްކާލަން ޖެހޭތޯ ނުވަތަ ގަންނަން ޖެހޭތޯ ނިންމަން،" އެއީ ހޫނު މޫސުމަށް އޮތް ކޮންޓޭގެ ވިސްނުމެވެ.

އޭގެ ކުރިން އޭނާ އަށް މިއޮތީ އަންނަ ހުކުރު ދުވަހު ވެސްޓް ބްރޯމްވިޗާ ދެކޮޅަށް ކުޅެން ޖެހޭ މެޗުން މޮޅުވެ، ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ކަށަވަރު ކުރުމުގެ މަސައްކަތެވެ. އެއީ އިނގިރޭސި ޕްރިމިއާ ލީގް ކާމިޔާބު ކުރި އިޓަލީގެ އެލީޓް ގުރޫޕްގައި ހިމެނުމަށެވެ.

"އަހަރެން އިންގްލެންޑްގެ [ފުޓްބޯޅައިގެ] މާޒީ ބަލަން، އަހަންނަށް ފެންނަނީ އިޓަލީގެ ގިނަ ކޯޗުން، ލީގް ކާމިޔާބުކޮށްފައިވާ ތަން، އެއީ އަހަރެމެންގެ އިޓަލީގެ ފުޓްބޯޅަ ސްކޫލަށްވެސް ލިބޭ ބޮޑު ނަމެއް، އަދި ލޮޖިކަލީ ވިސްނައިފިނަމަ އަހަރެން ފަހްރުވެރިވެސް ވާނެ ކަމެއް، މިދިޔަ ސީޒަންގައި އަހަރެން ސަޕޯޓް ކުރީ [ލެސްޓާ ސިޓީގެ] ކްލައުޑިއޯ ރަނިއޭރީ އަށް، އޭނާ ޗެމްޕިއަންކަން ހޯދުމުން، އިޓަލީގައި އަހަރުމެން އެކަން ވަރަށް ބޮޑަށް އުފާ ފާޅުކޮށް ފާހަގަ ކުރިން." އިޓަލީގެ 11 ވަނަ ކޯޗްގެ ގޮތުގައި އިނގިރޭސި ފުޓްބޯޅައިގައި މަސައްކަތް ކުރާ ކޯޗް ބުންޏެވެ.