ސްރީ ލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަންގައި ކޮރަޕްޝަންގެ ސަގާފަތެއް އަށަގެންފައިވާ ކަމަށް ބުނެ ސަރުކާރުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ލަންކާގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް ބެލި ބެލުމުން ސްރީ ލަންކަންގައި ސަލާމަތީ ކަންކަން ދޯދިޔާ ކަމާއި ސަލާމަތީ ގޮތުން ނުރައްކާ ވެދާނެ އެކި ހާދިސާތައް ހިނގާފައިވާކަން އެނގިފައިވާ ކަމަށެވެ.
ކޮރަޕްޝަންގެ މައްސަލަތަކަށް ބަލާއިރު ކުރީގެ ސަރުކާރުން 10 މަތިންދާބޯޓު 2.3 ބިލިއަން ޑޮލަރަށް ގަތް އިރު ވެސް އުސޫލުތަކާ ހިލާފަށް ކަންކަން ހިނގާފައިވާ ކަމަށް ބުނެފައިވެ އެވެ. ސަރުކާރުގެ 95 ޕަސެންޓް އަދި ކުންފުނީގެ މުވައްޒަފުންގެ 5 ޕަސެންޓް ހިއްސާވާ ކުންފުނީގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ފަށާފައި ވާއިރު ލަންކާގެ މިހާރުގެ ސަރުކާރުން ދަނީ ކުރީގެ ސަރުކާރުގެ ވަރަށް ގިނަ މަޝްރޫއުތަކުގައި ކޮރަޕްޝަން ހުރި ކަމަށް ތުހުމަތުކޮށް އެ ކަންކަން ބަލަމުންނެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ 2.3 ބިިލިއަން ޑޮލަރަށް 10 މަތިންދާބޯޓް ގަތް އިރު އެއަށް ވުރެ އަގުހެޔޮކޮށް، ރަނގަޅު މަތިންދާބޯޓް ލިބެން ހުރި ކަމަށެވެ. އަދި ކުންފުނީގެ ކުރީގެ ޗެއާމަން ނިޝަންތަ ވިކްރަމަސިންހަ ވަނީ މަގާމުގެ ނުފޫޒު ނަމަހަ ގޮތުގައި ބޭނުންކޮށްފައި ކަމަށް ވެސް ބަޔާނުގައި ކަނޑައެޅިގެން ބުނެފައިވެ އެވެ. އޭނާ އަކީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސްގެ ޅިޔަނެކެވެ.