ދުނިޔެ

އެމެރިކާގެ އެފްބީއައިގެ ޑައިރެކްޓަރު މަގާމުން ދުރުކޮށްފި

May 10, 2017

އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ނުފޫޒުފޯރުމަށް ރަޝިޔާއިން މަސައްކަތްކުރި ކަމަށް ބުނާ މައްސަލައިގެ ތަހުގީ ކުރިއަށް ދަނިކޮށް، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ ވެރިޔާ ޖޭމްސް ކޮމޭ މަގާމުން ދުރުކޮށްފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބާ ދިމާކޮށް ޑިމޮކްރެޓިކް ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ ކެމްޕޭން އީމެއިލްތަކެއް ރަޝިޔާއިން ހެކްކޮށް ލީކް ކޮށްލީ ޓްރަމްޕަށް އިންތިހާބު ކާމިޔާބު ކޮށްދޭން ކަށް ތުހުމަތު ކުރަމުން ދަނިކޮށް ކޮމޭ މަގާމުން ދުރުކުރުމުން އެމެރިކާގެ ސިޔާސީ މަޝްރަހުގައި ވަނީ ތޫފާނެއް އުފެދިފައެވެ. ކޮމޭ މަގާމުން ވަކިކުރެއްވި ސަބަބެއް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނީ އިންތިހާބު ބޭއްވި އަހަރުގެ އީމެއިލް ތަކަކާ ބެހޭ މައްސަލައެއް ބެއްލެވުމުގައި އަމަލުކުރެއްވި ގޮތުގެ ސަބަބުން ކަމަށެވެ. އެ މައްސަލައަކީ އޭރުގެ ރިޔާސީ ކެންޑިޑޭޓް ހިލަރީ ކްލިންޓަން ހިމެނޭ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ބުނީ ކޮމޭ މަގާމުން ދުރުކުރެއްވުމަކީ ރަޝިޔާއިން ރިޔާސީ އިންތިހާބަށް ނުފޫޒުފޯރުވި މައްސަލައަށް ހުރަސް އަޅުއްވަން ވެގެން ޓްރަމްޕް އެޅުއްވި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސް އިން ބުނީ ކޮމޭ މަގާމުން ދުރުކުރެއްވުމުގައި ޓްރަމްޕްގެ ސިޔާސީ އެއްވެސް މަގުސަދެއް ނެތް ކަމަށެވެ.

އެފްބީއައިގެ ޑައިރެކްޓަރު ކަމުގެ މަގާމަށް ކޮމޭ އައްޔަން ކުރެއްވީ 2013 ވަނަ އަަހަރު އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާމާއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ސެނެޓް ލީޑަރު ޗަކް ޝޫމާ ވިދާޅުވީ ކޮމޭ މަގާމުން ދުރުކުރެއްވުމަކީ ބޮޑު ގޯހެއް ކަމަށް ޓްރަމްޕް އަރިހު ވިދާޅުވި ކަމަށާއި އެހެން ނަމަވެސް އޭނާ އެކަމަށް އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ރަޝިޔާއިން އަދާކުރި ދައުރު ބެލުމަށް މިނިވަން ތަހުގީގެއް ކުރުމަކީ އެމެރިކާގެ ރައްޔިތުންގެ އިތުބާރު އަލުން އުފެއްދުމަށް އޮތް ހަމަ އެކަނި މަގު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖެނުއަރީ މަހު އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެކުލަވައިލި ރިޕޯޓެއްގައި ބުނެފައި ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ހެކަރުން ނުފޫޒު ފޯރުވީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އަމުރުކުރައްވައިގެން ކަމަށެވެ. ޕުޓިން އެގޮތަށް އަމުރުކުރެއްވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ޓްރަމްޕަށް އެހީތެރިވެވަޑައިގެންނެވުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ޓްރަމްޕްގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއްގެ ގޮތުގައި ކުރިން ހުންނެވި މައިކަލް ފްލިން ކޯޓަށް ހާޒިރުވެވަޑައިގެންނެވުމަށް އެމެރިކާގެ ފެޑެރަލް ޕްރޮސެކިއުޓަރުން އަންގާރަ ދުވަހުގެ ރޭ ވަނީ އަންގާފައެވެ. އެއީ ރިޔާސީ އިންތިހާބާ ރަޝިޔާއާ ދެމެދު އޮތް ގުޅުން ބެލުމަށް ކުރާ ތަހުގީގަށް ޓަކައި ފްލިންގެ ވިޔަފާރިއާ ބެހޭ ރެކޯޑްތައް ހޯދުމަށެވެ. - ރޮއިޓާސް