ކުޅިވަރު

ތިން އަހަރު ތެރޭ، ޔުވެންޓަސް ދެ ވަނަ ފައިނަލަށް

May 10, 2017

ދެ ވަނަ ލެގް މެޗުގައި، މޮނާކޯގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ތިން އަހަރު ތެރޭ ޔުވެންޓަސްއިން ޗެމްޕިއަންސް ލީގްގެ ދެ ވަނަ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މޮނާކޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގް މެޗު، ޔުވެންޓަސް 2-0 ން ކާމިޔާބު ކޮށްފައި އޮތުމުން އެޓީމު، ފައިނަލުގެ ޖާގަ ކަށަވަރު ކުރީ 4-1 ގެ އެގްރިގޭޓް ނަތިޖާ އަކުން ނެވެ.

ރޭގެ މެޗު ފަށައިގެން، ފުރަތަމަ ގިނަ ހަމަލާތައް ތަނަވަސް ކުރީ މޮނާކޯގެ ކުޅުންތެރިން ނެވެ. އެޓީމުގެ ފަލަކާއޯ ފޮނުވާލި ބޯޅަ، ނުރައްކާކޮށް ދިޔަ ނަމަވެސް އެބޯޅަ ދިޔައީ ގޯލް ހުރަސްކޮށް ބޭރަށެވެ.

މޮނާކޯގެ ޒުވާން ކުޅުންތެރިޔާ ކިލިޔަން ބަޕޭއަށް ވެސް ވަނީ ތަނަވަސް ފުރުސަތެއް ލިބިގެން ގޮސްފަ އެވެ. އޭނަ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑި އަށެވެ. ނަމަވެސް، އެސްސްޓެންޓް ރެފްރީ ނިންމީ، އެވަގުތު ބަޕޭ އޮފްސައިޑްގައި ހުރި ކަމަށެވެ.

އޭގެ ފަހުން، ޔުވެންޓަސްގެ ގޮންޒާލޯ ހިގުއަިން އަށް ވެސް، ތަނަވަސް ފުރުސަތެއް ލިބިގެން ދިޔަ އެވެ. ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި، އޭނާ އާދައިގެ ގޮތަކަށް ފޮނުވާލި ބޯޅަ ކީޕަރު އަތުން ނެއްޓި ގޯލަށް ވަންނާން ދަނިކޮށް، މޮނާކޯގެ ޑިފެންޑަރަކު ވަނީ އެ ބޯޅަ ސާފް ކޮށްލާފަ އެވެ.

ޔުވެންޓަސްގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، މާރިއޯ މަންޒޫކިޗް އެވެ. އޭނާ ލަނޑު ޖެހީ، ޑެނީ އަލްވޭސް ތަނަވަސް ކޯށްދިން ފުރުސަތެއްގައި ބޮލުން ފޮނުވާލި ވަގުތު ކީޕަރު، ދިފާއު ކުރުމުން، ރީބައުންސަށް ނިތް ބޯޅަ އަލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ޔުވެންޓަސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޑެނީ އަލްވޭސް އެވެ.

ޕައުލޯ ޑިބާލާއަށް ވެސް ވަނީ ހުސް ފިރުސަތެއް ލިބިގެން ގޮސްފަ އެވެ. ނަމަވެސް މޮނާކޯގެ ކޮރޭޝިއާގެ ކީޕަރު ޑެނިއަލް ސްބަސިޗް އެބޯޅަ ދިފާއު ކުރީ ކުރިއަށް ނިކުމެ އެވެ.

މޮނާކޯގެ ހަމައެކަނި ލަނޑު 69 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކިލިޔަން ބަޕޭ އެވެ، މި ލަނޑާއެކު، އޭނާ ވެފައި ވަނީ، ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އޭނާގެ އުމުރަކީ 18 އަހަރާއި 140 ދުވަހެވެ.

ފައިނަލުގައި ޔުވެންޓަސް ވާދަ ކުރާނީ، އެތުލެޓިކޯ މެޑްރިޑް ނުވަތަ ރެއާލް މެޑްރިޑާ ދެކޮޅަށެވެ. އެ ދެ ޓީމު ކުޅޭ ސެމީ ފައިނަލު ދެ ވަނަ ލެގް މެޗު އޮންނާނީ މިރޭ އެވެ. ފުރަތަމަ ލެގް މެޗު ރެއާލް ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.