މޯލްޑިވިއަން އައިޑޮލް 2

ޕައިލެޓެއްގެ ހުވެފަނަށް ވުރެ ހިޝާނަށް ރީތިވީ ލަވައިގެ ސްޓޭޖް

އަބަދުވެސް ލަވަޔަށް ޝައުގުވެރިކަން ހުރެ އެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ލަވަ އަޑު އަހަންވެސް ބޮޑު ޝައުގުވެރިކަމެއް ހުރެ އެވެ. ނަމަވެސް އަމިއްލަ އަށް ލަވަ ކިޔޭ ކަމަކަށް ހިއެއް ނުކުރެ އެވެ. އެންމެ ފުރަތަމަވެސް ފާޅުގައި ލަވައެއް ކިޔާލަން ހިތަށް އެރީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގައި ބޭބެ މުހައްމަދު އިޝާން ބައިވެރިވެ ލަވަ ކިޔަން ފެށުމުންނެވެ. މިއީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދެ އަކުން ވިދާލާ ގަދަ ފަހަކުން މުބާރާތާއި ވަކިވި އަބްދުﷲ ހިޝާން އަށް ލަވައިގެ ތެރެއަށް ވަދެވުނު ގޮތެވެ.

"އަބަދުވެސް އޮންނާނީ ކަންފަތަށް ހެޑުސެޓު ކޮށްޕައިގެން ލަވަ އަޑުއަހަން. އެހެން އުޅެނިކޮށް ދެން ފެނުނީ އަޅުގަނޑުގެ ބޭބެ މޯލްޑިވިއަން އައިޑޮލް އަށް އަރާފަ ލަވަ ކިޔާތަން ފެނުނީމަ އިންސްޕަޔާވީ. ލަވަ ކިޔާ ހިތްވީ. ދެން އެހެން ދޭތެރެއަކުން ލަވައެއް ކިޔާލާ، މިހެން ކިޔަން ފެށީމަ ކިޔާހިތްވޭ އަސްލު" މޯލްޑިވިއަން އައިޑޮލްގެ ދަތުރު ނިންމާލުމަށްފަހު އަވަސް އަށް ދިން އިންޓަވުއުއެއްގައި ހިޝާން ބުންޏެވެ.

ބޭބެ ލަވަ ކިޔާތަން ފެނި އުފެދުނު ޝައުގުވެރިކަމުގައި ގޭގައި ލަވަ ޕްރެކްޓިސް ކުރަން ފެށީ އެވެ. ހިޝާން ލަވަ ކިޔާ އަޑު އިވުނު އެންމެންވެސް ނަސޭހަތް ދިނީ ބޭބެ ގޮތަށް މޯލްޑިވިއަން އައިޑޮލްގެ އޮޑިއަށް އަރާލާށެވެ. ލަވައިގެ ތެރެއަށް ނުކުމެ ފިޔަޖަހާލެވޭނެ ހުނަރާއި ފެންވަރު ހިޝާންގެ ގައިގައި ހުރިކަން އެމީހުންނަށް ގަބޫލު ކުރެވި ހިތްވަރު ދިނީ އެވެ. ޕްރޮފެޝަނަލް ކޮށް ނުން ނަމަވެސް މިއުޒިކީ ދާއިރާގައި ކުޅަދާނަ މީހުން އެބަ ތިއްބެވެ.

ގަދަ ފަހަކުން ޝޯ އާ ވަކިވާން ޖެހުނު ނަމަވެސް ހިޝާން ދެރައެއް ނުވެ އެވެ. އެއީ އެހާ ހިސާބަށް އާދެވޭނެ ކަމަށް ހިޝާން އަށް ހީކުރެވިފައި ވެސް ނެތީމަ ކަމަށް ވެދާނެ އެވެ. މޯލްޑިވިއަން އައިޑޮލް ފަދަ ޝޯ އަކުން މިއުޒިކީ ކެރިއާ ފަށަން ލިބުމަކީ ވަރަށް ބޮޑު އުފަލަކާއި ކުރިއެރުމެއް ހިޝާން ގަބޫލު ކުރެ އެވެ. މޮޅު ކުދިން ތަކަކާއި ވާދަކޮށް ގަދަ ފަހަކުން ޖާގަ ލިބުމަކީ ހިޝާން އެންމެ އުފާވާ އެއް ކަންތަކެވެ.

މޯލްޑިވިއަން އައިޑޮލް އަށް ފަހު އަމިއްލަ ލަވަތަކެއްގެ މަސައްކަތް ވެސް ހިޝާން އަށް އެބަ އޮތެވެ. ނަމަވެސް އަދި އޮތީ ރެސްޓު ކުުރުމެވެ. އޭގެ ފަހުގައި ހިޝާންގެ ރީތި ލަވަތަކެއް އިވޭނެ ކަމަށް ބުންޏެވެ. މުސްތަގުބަލުގައި އޭނާ ފެންނާނީ ވެސް މި ދާއިރާ އިންނެވެ. އެކަަމަކު އޭނާ ކުޑައިރު އެންމެ ވާން ބޭނުންވި ޕައިލެޓަކަށް ވުމުގެ ހުވަފެން ވެސް އެބަ އޮތެވެ. ނަމަވެސް ޕައިލެޓަކަށް ވުމުގެ ހިޔާލު ހިޝާން ދޫކޮށްލައިފި އެވެ. ލަވަ ކިއުމުގެ ޝައުގުވެރިކަން މާބޮޑީ އެވެ.

"މިހާރު މިއޮތީ ކެރިއާ އެއް ފެއްޓިފަ މިއުޒިކް ދާއިރާއިން. އެހެންވީމަ އެ ދާއިރާއިން ކުރިއަށް ދާން ބޭނުމީ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި އެކަން ކުރެވޭނެ. ކުރަން ހުރިއްޔާ." ހިޝާން ބުންޏެވެ.

ހިޝާން، އަލީ ރަމީޒު ކޮޕީ ކުރެޔޭ ކިޔާފައި ދައްކާ ވާހަތަކަށް ހިޝާން ވަނީ ރައްދު ދީފަ އެވެ. ހިޝާން ބުނީ އަލީ ރަމީޒަކީ އޭނާގެ ފޭވަރިޓް ކަމަށާއި އަލީ ރަމީޒުގެ ލަވަތައް ކީ ނަމަވެސް އަމިއްލަ ގޮތްތަކެއް ބޭނުންކޮށްފައި ހުންނާނެ ކަމަށެވެ.

"ހިޝާން އާންމުކޮށް ކިޔާހިތްވަނީ މަޑުމައިތިރި ލަވަ. ގިނައިން ކިއިފައިވެސް ހުންނާނީ މަޑުމައިތިރި ލަވަ." ހިޝާން ބުންޏެވެ. ފަހަރުގައި އެއީ ހިޝާން އަކީ މަޑުމައިިތިރި މިޒާޖެއްގެ މީހަކަށް ވީމަ ކަމަށްވެސް ވެދާނެ އެވެ.

"އަސްލު ވަރަށް މަޑުމައިތިރި ވާނެ. އެކަމަކު ބައެއް ފަހަރު ވަރަށް ސަކަރާތް ވެސް ޖަހަން."

އައިޑޮލްގެ ދަތުރު ވީ ހިޝާންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ދަތުރަކަށެވެ. ހުރިހާ ކުދިންނާއެކު އެއްތަނެއްގައި އުޅުނު އިރު ދިމާވި މަޖާ ކަންތައްތަކާއި ހުރިހާ ވަގުތެއްވެސް އެއީ ހިޝާންގެ ހަނދާނުގައި ހުންނާނެ ކަންކަމެވެ. ރަނގަޅު ގިނަ ރައްޓެހިންތަކެއްވެސް އޭނަ އަށް ލިބުނެވެ.

"ދިވެހި މިއުޒިކް އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ އާޓިސްޓުންނާ އެކީގައި ވޯކް ކޮށްލުން އެއީ މި އިންޑަސްޓްރީއަށް ނުކުތް ފަހުން ހިޝާންގެ ޑްރީމް އެއް. މިކަން އެނގޭ މޮޅު ބަޔަކާއި އެކީ މަސައްކަތްކޮށްލުން. އެއި ވަރަށް އުފާވާ ކަމެއް އެ ފުރުސަތު ލިބުނީމަ. މިކަހަލަ އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި ލަވަ ކިޔާލުން މިއި ހަނދާނުން ފިލާބެ ކަމެއް ނޫން." ހިޝާން ކިޔައިދިނެވެ.

ހިޝާންގެ ޝުކުރުގެ ލިސްޓުވެސް ދިގެވެ. "ލަވަ ކިޔަން ބޭނުންވެފައި ހުއްޓާ ޕީއެސްއެމް އިން މިކަހަލަ ފުރުސަތެއް ދީ އެހާބޮޑު ހަރަދުތަކެއް ކޮށްދީ އެވަރުގެ ފޭން ބޭސް އެއް ހޯދައިދީ ޕްރޮމޯޓް ކޮށްދިނީތީ ވަރަށް ޝުކުުރ އަދާކުރަން. އާޓިސްޓަކު އުމުރު ދުވަހު މަސައްކަތް ކޮށްގެން ނުލިބޭ ފޭސް ބޭސް އެއް ލިބިއްޖެ. ޕީއެސްއެމް އިން ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ތެންކިއު. ވަރަށް ލޯބިވޭ އެންމެ ދެކެ. ހިޝާން އަށް ސަޕޯޓްކޮށްދިން އެންމެނަށްވެސް." ހިޝާން ބުންޏެވެ.