ކުޅިވަރު

ޕޮގްބާގެ ޓްރާންސްފާ ޑީލްގެ ތަހްގީގު ފީފާއިން ފަށައިފި

May 10, 2017

ދުނިޔޭގެ ރެކޯޑް ފީއަކަށް، ޔުވެންޓަސްއިން، މެންޗެސްޓާ ޔުނައިޓަޑަށް ބަދަލުވި، ފްރާންސްގެ ޕައުލް ޕޮގްބާގެ މައްސަލަ، ދުނިޔޭގެ ފުޓްބޯޅަ އިދާރާ ފީފާއިން ތަހްގީގް ކުރަން ފަށައިފި އެވެ.

ފީފާއިން ވަނީ، އެ ޓްރާންސްފާގައި ހިމެނޭ 105 މިލިއަން ޔޫރޯގެ ފައިސާ ފޯރުކޮށްދިން ގޮތުގެ ތަފްސީލުތައް ފޮނުވުމަށް، މެންޗެސްޓާ ޔުނައިޓަޑަށް އަންގާފަ އެވެ. އަދި އެ ޓާރްންސްފާގެ ޑީލް ހިންގުމުގައި މެދުވެރިޔަކަށްވި އެޖެންޓްގެ މައުލުމާތު ފޮނުވުމަށާއި އެޖެންޓަށް ހޭދަ ކުރި މިންވަރު ވެސް ފޯރުކޮށް ދިނުމަށް، ފީފާއިން ވަނީ އެދިފައި ވެއެވެ.

ޔުނައިޓަޑްގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ އިންޑަވިޖުއަލް ކޮންޓްރެކްޓާ ބެހޭގޮތުން، ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށާއި، މިދިޔަ އަހަރު އޯގަސްޓް މަސް ނިމުނު އެ ޓްރާންސްފާގެ ޑީލް ނިމުމުން ވެސް ފީފާއަށް އެކަމުގެ ޑޮކިޔުމެންޓްތައް ފޮނުވާފައި ވާނެ ކަމަށެވެ.

މީގެ ކުރިން ވެސް، ޔުނައިޓަޑަށް ކުޅެފައިވާ، ޕޮގްބާ، ޔުވެންޓަސް އަށް ބަދަލުވީ 1.5 މިލިއަން ނުވަތަ އަށެވެ. އޭނާ ޔުވެންޓަސްއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ.

އަލުން، ޕޮގްބާ ޔުނައިޓަޑަށް ގެނައުމުގައި، އެކުލަބުން ވަނީ ޕާފޯމަންސާ ގުޅޭ ބޯނަސްގެ ގޮތުގައި އިތުރު ފަސް މިލިއަން ޔޫރޯ (83 މިލިއަން ރުފިޔާ) އާއި އަދި ޕޮގްބާ ސޮއި ކުރުމުން އިތުރު އަގެއްގެ ގޮތުގައި އިތުރު ފަސް މިލިއަން ޔޫރޯ ދިނުމަށް ވެސް އެއްބަސް ވެފަ އެވެ. އަދި ޔުނައިޓަޑުން ވަނީ އެ ފައިސާ ފޯރު ކޯށްދީފަ އެވެ.