ވިޔަފާރި

ހޯމް އިމްޕްރޫވްމަންޓަށް 22 އަހަރު: ކާމިޔާބީގެ ކުރީގައި އިތުބާރު!

May 10, 2017

މީގެ 22 އަހަރު ކުރިން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓަކީ "ގުދަނަކޭ" ވެސް ބުނެވިދާނެ އެވެ. އޭރު މި ތަނުން ނުލިބޭނެ އެއްޗެއް ނެތެވެ. ހާޑްވެއާގެ ހުރިހާ ސާމާނުން ފެށިގެން މަސް ބާނަން ބޭނުންކުރާ ބުޅި ކަންވާރު ވެސް ލިބެ އެވެ. ނަމަވެސް 2000 ގެ އަހަރު ތަކުން ފެށިގެން ހޯމް އިމްޕްރޫވްމަންޓަށް ބޮޑު ބަދަލެއް ގެނަ އެވެ. މިގޮތުން އައި އެންމެ ބޮޑު އެއް ބަދަލަކީ ބްރޭންޑުތަކަށް ހާއްސަ ކުރުމެވެ. އަދި ހިދުމަތް ރަނގަޅު ކުރުމެވެ. މިބަދަލާއެކު ދެން ފެނުނީ އާއްމުންގެ ބޮޑު އިތުބާރެއް ލިބިގެން ދިޔަ ތަނެވެ.

"ހަގީގަތުގައި އެންމެ ބޮޑު ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރު ލިބުން. ހޯމް އިމްޕްރޫވްމަންޓުގެ ސަބަބުން އިލެޓްރޯނިކް އައިޓަމްގެ ބާޒާރުގެ އަގުތަކަށް ވެސް ހެޔޮ ބަދަލު ތަކެއް އަތުވެއްޖެ،" އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ޖެނެރަލް މެނޭޖަރު މުހައްމަދު މުރާދު ވިދާޅުވި އެވެ.

ނަމަވެސް، މިއަދު ހޯމް އިމްޕްރޫވްމަންޓަށް ބަލާއިރު ދުނިޔޭގެ އެންމެ މަގުބޫލު ގިނަ ބްރޭންޑްތައް ދަނީ ވިއްކަމުންނެވެ. މިގޮތުން މިހާރު ހިޓާޗީ އާއި ނިޕޯން ޕެއިންޓް އަދި ފިލިޕްސް ލައިޓުގެ އިތުރުން ޓެކްނޯ ބްރޭންޑު ވެސް ހިމެނެ އެވެ. މީގެ އިތުރުން ސެންފޯޑް ބަދިގޭ ސާމާނު ވެސް މިހާރު ވަނީ ތައާރަފުކޮށްފަ އެވެ.

އެސްޓީއޯ އިން ދަނީ މި ބާވަތްތަކަށް ބޮޑު ވޮރަންޓީއެއް ވެސް ދެމުންނެވެ. ހިޓާޗީ އޭސީ އަށް 18 މަސް ދުވަހުގެ ވޮރަންޓީ އެއް ލިބެ އެވެ. އަދި ފިލިޕްސް ބަދިގޭ ހުރިހާ އެއްޗަކަށް ދެ އަހަރު ވެސް ވޮރަންޓީއެއް ދޭއިރު މަކިޓާ ޕަވަޓޫލްތަކަށް ހަ މަހުގެ ވޮރަންޓީއެއް ދެ އެވެ.

މުރާދު ވިދާޅުވީ ހޯމް އިމްޕްރޫވްމަންޓުން އެއްޗެއް ވިއްކުމަށްފަހު ދޫކޮށްލަނީ ނޫން ކަމަށެވެ.

"ހަމައެއްޗެއް ވިއްކާފަ ދޫކޮށްލަނީއެއް ނޫން. އެ އަށް ބޭނުންވާ އެންމެ ފުރިހަމަ އާފްޓަ ޓްސޭލް ސާވިސްވެސް ދެން. މީގެ ސަބަބުން އިތުބާރު ބޮޑުވޭ،" މުރާދު ވިދާޅުވި އެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ސަބަބުން އިލެކްޓޯނިކް ސާމާނާ މެދު އާއްމުން ދެކޭ ގޮތް ވަނީ ބަދަލުވެފަ އެވެ.

"ކުރިން އެއްޗެއް ގަނެފަ ހަލާކުވިއަސް އެދެން ނިމުނީ. އެކަމަކު މިހާރު ހޯމް އިމްޕްރޫވްމަންޓް އައުމާ ހަމައިން ޔަގީންކަން އޮވޭ މަރާމާތު ކޮށްދިނުމުގެ ފުރިހަމަ ހިދުމަތް ލިބޭނެކަން. އެހެންވެ މިއީ ލިބޭ ބޮޑު އިތުބާރެއް،" މުރާދު ވިދާޅުވި އެވެ.

މީގެ އިތުރުން ހޯމް އިމްޕްރޫވްމަންޓަށްވީ 22 އަހަރު ތެރޭގައި ދިވެހިންގެ ދިރިއުޅުމަށް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްދީފަ އެވެ. މީގެ އިތުރުން މިތަން ވެގެން ގޮސްފައިވަނީ ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ވެސް ތަނަވަސް ވެގެން ދިޔަ ތަނަކަށެވެ.

ހޯމް އިމްޕްރޫވްމަންޓުން ރައްޔިތުންނަށް ހިދުމަތް ކުރާތާ މި ވަނީ 22 އަހަރު ފުރިފަ އެވެ. ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ ދަށުން ހިންގާ، މި ވިޔަފާރީގެ އަމާޒަކީ މި އިތުބާރު ދެމެހެއްޓުމެވެ.