މިއުޒިކް

ޝަލަބީގެ "އާދޭސް" ގެ ޓީޒާ ބަލައިފިންތަ؟

އަންނަ ހޮނިހިރު ދުވަހުގެ ރެއަށް ހުރިހާ ޕްލޭންތައް މަޑު ޖައްސާލާ ސިޓިން ރޫމްތަކަށާއި ޓީވީ ތަކުގެ ކުރިމައްޗަށް ޖަމާވާނީ އެއީ މޯލްޑިވިއަން އައިޑޮލްގެ މި ސީޒަންގެ އެއް ވަނަ ގެންދާ ފަރާތް އެނގޭ ރެއަށް ހަމައެކަނި ވާތީ އެއް ނޫނެވެ. ޝަލަބީގެ ފޭނުންނަށް އެއީ ހާއްސަ ރެ އެކެވެ. ކަވާ ލަވަތަކަކަށް ފަހު ޝަލަބީގެ އޭނާގެ އަމިއްލަ ލަވަ "އާދޭސް" އެރޭ ރިލީޒް ކުރާތީ އެވެ. މިއީ ޝަލަބީގެ ވީޑިއޯ ލަވަ އެކެވެ.

ލޯބިވެރިން އެކަކު އަނެކަކާ ހިއްސާކޮށްލަން ބޭނުންވާ ގިނަ ވާހަކަތަކެއް މި ލަވަ މެދުވެރިކޮށް ހިއްސާ ކުރެވޭ އިރު ލަވައިގެ ވީޑިއޯ ބަލައިލާ ލަވަ އަޑުއަހާލަން މި ތިބީ ކެތްމަދުވެފަ އެވެ. ނަމަވެސް އެ ލަވައިގެ ޓީޒާއެއް މިހާރު މިވަނީ ފޭނުންނަށް ހަދިޔާކޮށް ދޫކޮށްލާފަ އެވެ. ޝަލަބީ އާ އެކު މި ލަވައިން ޝަމްއަތު، ވިންފާޒް، ޔަމްމު އަދި ދާލި އެވެ.

"އާދޭސް" ގެ ޓީޒާ މިހާރު ބަލައިފިން ހެއްޔެވެ؟

ޓީޒާ އިން ފެނިގެން ދަނީ ތަރުތީބު ކަމެއް ނެތި އެއްޗެހިތައް އުކާލާފައިވާ ގެއެއްގެ ތެރޭގައި ހުރެ ޝަލަބީ އަންހެން ކުއްޖަކު ދެކެ ހިންހަމަ ނުޖެހި ދެރަވެ ހުރެގެން އޭނާ އާ ދުރަށް ދިއުމަށް އެދި ލަވަ ކިޔާ ތަނެވެ. މި ލަވަ އަކީ މަޑުމައިތި ލަވައެއް ކަމަށް ބެލެވެ އެވެ.

"އާދޭސް" ފެންނާކަށް މާ ގިނަ ވަގުތެއް ނެތެވެ. ތިން ދުވަސް ފަހުން ލަވަ ރިލީޒް ކުރާނެ އެވެ.

ޝަލަބީގެ ކަވާ ސޯންގު ތަކުގެ ތެރެއިންވެސް އެންމެ ފަހުން ނެރުނު "ބޭނުމޭ އިޝްގާ" ވަނީ ވަރަސް ބޮޑު މަގުބޫލުކަމެއް ހޯދާފަ އެވެ. ޝަލަބީގެ އެހެން ހުރިހާ ކަވާ ލަވަތަކަކީ ވެސް ފޭނުންގެ މެދުގައި މަގުބޫލު ކަމެއް ހޯދާފައިވާ ލަވަ އެކެވެ. އަދި އެ ލަވަތަކަކީ ގިނަ ބައެއްގެ ޕްލޭ ލިސްޓުގެ އެންމެ ކުރިންވެސް ޖާގަ ހޯދާފައިވާ ލަވަތަކެކެވެ.

ރޯދަމަހަށް ވެސް ޝަލަބީގެ ހާއްސަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.