ބޮލީވުޑް

ކަންގަނާ ކުޅެން ބޭނުންވަނީ އޭނާ ޑައިރެކްޓްކުރާ ފިލްމުތައް އެކަނި!

May 11, 2017
1

ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 10 އަހަރެއްހާ ދުވަސްވެފައިވާ ބަތަލާ ކަންގަނާ ރަނާވަތު ވަނީ މޮޅު އެކްޓިންއެއް ދައްކުވައިގެން އޭނާ އަކީ މޮޅު ބަތަލާއެއްކަން ސާބިތުކޮށްދީފަ އެވެ.

"ކުއީން" ފަދަ މޮޅެތި ފިލްމުތަކުން ފެނިގެން ގޮސްފައިވަނީ ކަންގަނާ މިހާރު ވަނީ ފިލްމު ކުޅުމުގެ އިތުރުން ފިލްމު ޑައިރެކްޝަނާ ދިމާލަށް ވެސް އޭނާ މިސްރާބު ޖަހާފައިވާ ކަމަށް ބުނެފަ އެވެ.

ފިލްމު ޑައިރެކްޓްކުރަން ނިންމައި އެކަން ހާމަކުރަމުން ކަންގަނާ ވަނީ ފާއިތުވި ދިހަ އަހަރު އެހެން ޑައިރެކްޓަރުންގެ ފިލްމުތަކުގައި އޭނާ އަށްވާ ވަރަށް އެކްޓްކުރެވިއްޖެ ކަމަށާއި ދެން އޭނާ އެކްޓްކުރާނީ އަމިއްލަ އަށް ޑައިރެކްޓްކުރާ ފިލްމުތަކުގައި އެކަނި ކަމަށް ބުނެފަ އެވެ.

ކަންގަނާ އަލަށް ޝޫޓިން ފަށާ ފިލްމު، "މަނިކަރްނާ" ގެ ޕޯސްޓަރު ދައްކާލުމަށް ވަރަނަސީގައި ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ކަންގަނާ ވަނީ މިއަދު އޭނާ އަށް އާދެވިފައި ހުރި ހިސާބަކީ ފާއިތުވި ދިހަ ވަރަކަށް އަހަރު އޭނާ ކުޅެފައި ހުރި ފިލްމުތަކުގެ ސަބަބުން އާދެވުނު ހިސާބެއް ނަމަވެސް ދެން އެހެން ޑައިރެކްޓަރުންގެ ފިލްމުތައް އޭނާ ނުކުޅޭނެ ކަމަށެވެ.

"އަހަރެންގެ އުމުރުން މިހާރު 30 އަހަރުން މަތިވެއްޖެ، ދެން ބޭނުންވަނީ ފިލްމު އުފެއްދުމުގެ މަސައްކަތް ކުރަން. ދެން ފިލްމު ކުޅުނަސް ކުޅޭނީ އަމިއްލަ އަށް އުފައްދާ ފިލްމުތައް" ކަންގަނާ ބުނެފައިވެ އެވެ.

އަންނަ އަހަރުގެ ތެރޭގައި އޭނާގެ ފުރަތަމަ ޑައިރެކްޝަންގެ ޝޫޓިން ފަށާނެ ކަމަށް ބުނަމުން ކަންގަނާ ވަނީ އެންމެ ފުރަތަމަ ޑައިރެކްޓްކުރާނީ ކޮމެޑީ ފިލްމެއް ކަމަށް ބުނެފަ އެވެ.

ކަަންގަނާ މިފަހުން ޝޫޓިން ނިންމާލި ފިލްމު "ސިމްރަން" ގައި ލީޑްރޯލު ކުޅުމުގެ އިތުރަށް އޭނާ ވަނީ ފިލްމުގެ ސްކްރިޕްޓް ވެސް ލިޔެފަ އެވެ.

މިފަހުން ކަންގަނާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވަނީ "މަނިކަރްނާ" އަކީ ފަހަރުގައި އޭނާގެ އެކްޓިން ކެރިއަރުގައި ކުޅޭނެ ފަހު ފިލްމަށް ވެދާނެ ކަމަށް ބުނެފަ އެވެ.

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ކަންގަނާ އަކީ އަބަދުވެސް ބޮލީވުޑްގައި ތަރިންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށާއި ބަތަލާއިންނާއި ބަތަލުންގެ މުސާރައިގެ ފަރަގު ބޮޑުކަމުން އެކަމާ އެންމެ ގިނައިން އަޑުއުފުލާ ތަރިއެވެ.