ބޮލީވުޑް

"ތަގްސް އޮފް ހިންދުސްތާން" ގައި އާމިރާއެކު ކެޓްރީނާ

May 11, 2017
1

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ކެޓްރީނާ ކައިފްއަކީ މަޝްހޫރު ތިން ޚާނުން ކަމަށްވާ އާމިރް ޚާން އާއި ސަލްމާން ޚާން އަދި ޝާހްރުކް ޚާނާ އެކު ފިލްމުތައް ކުޅެފައިވާ ހަމައެކަނި ބަތަލާ އެވެ.

ސަލްމާން އާއެކު ކެޓްރީނާ މިހާރު "ޓައިގާ ޒިންދާހޭ" ގެ ޝޫޓިން އަބޫ ދާބީގައި ނަގަމުން އަންނައިރު، ޝާހްރުކް އާއެކު ކުޅޭ އަނަންދް އެލް ރާއީގެ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަަށާނެ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު ނިކުތް "ދޫމް 3" ގައި އާމިރާއެކު ފެނިގެން ދިޔަ ފަހުން އަނެއްކާ ވެސް ކެޓްރީނާ އަށް މިވަނީ އޭނާ އާއެކު ފިލްމެއް ކުޅެން ފުރުސަތެއް ލިބިފަ އެވެ.

ޔާޝް ރާޖް ފިލްމްސްއިން އުފައްދާ ބޮޑު ފިލްމު "ތޮގްސް އޮފް ހިންދުސްތާން" ގައި އާމިރް އާއެކު ބަތަލާގެ ރޯލުން ކެޓްރީނާ ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އާމިރް އާއި މެގަސްޓާ އަމީތާބް ބައްޗަން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު، "ތަގްސް އޮފް ހިންދުސްތާން" ގައި ކެޓްރީނާ އާއެކު "ޑަންގާލް" ގެ ތަރި ފާތިމާ ސަނާ ޝައިހް ވެސް ފެނިގެންދާނެ އެވެ.

ހަބަރުތައް ބުނާ ގޮތުން ކެޓްރީނާ ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެ ފިލްމުގެ ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްރާ އާއި ޑައިރެކްޓަރު ވިޖޭ ކްރިޝްނަ އަޗާރިޔާއާ ބައްދަލުކޮށް ފިލްމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. އަދި ފިލްމުގެ ސްކްރިޕްޓް ވެސް ކެޓްރީނާ ކިޔާފައިވާއިރު އޭނާ ވަނީ މި ފިލްމު ކުޅެން އާނބަސްދީފަ އެވެ.

ކެޓްރީނާގެ އެންމެފަހުން ރިލީޒްވި ދެ ފިލްމު ފްލޮޕްވި ނަމަވެސް މިހާރު އޭނާ އަށް ލިބެމުން އަންނަ ފިލްމުތަކަށް ބަލާއިރު އޭނާގެ ކެރިއަރު އަލުން ވިދާލާނެ ފަދަ ބޮޑެތި ފިލްމުތަކެއް އަންނަނީ ލިބެމުންނެވެ.