"ލަވަ ކިޔަން ފެށުނީ ފާހަނަ ތެރެއިން އެންމެ ފުރަތަމަ. ފާހަނައިގައި ފެންވަރާ ގަޑީގައި ލަވަކިޔަން ފެށީ. އެގޮތަށް ލަަވަކިޔަކިޔާ ބޭނުންވީ މި އިންޑަސްޓްރީއަށް ވަންނަން. އެކަމަކު އޭރު އެއްވެސް ޓްރޭނިން އެއް ނެތި ހުރީމަ ވަދެވޭނެ ކަމަކަށް ހިއެއް ނުކުރަން." މޯލްޑިވިއަން އައިޑޮލްގެ މި ސީޒަންގެ ގަދަ ތިނެއްގައި ހިމެނޭ ހަމޫދު އަހުމަދު ލަވަޔާއި ދިމާއަށް ޝައުގުވެރިކަން ދީލާލި ގޮތް ކިޔައިދެމުން ބުނީ މިހެންނެވެ. އައިޑޮލް ނިންމާލުމަށްފަހު އެނބުރި ގެއަށް ގޮސްފައި ވެސް ފާހަނައިގައި ލަވަ ކިޔަން ހަމޫދު ވަނީ ނިންމާފަ އެވެ.
މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖަކީ މުޅި ހަޔާތުގައިވެސް ބައެއްގެ ކުރިމައްޗަށް އަރާ ހަމޫދު ލަވައެއް ކިޔާލި ފުރަތަމަ ފަހަރެވެ. ސްކޫލްގައި އުޅުނު އިރުވެސް ލަވަ ކިޔަން ބޭނުންވި ނަމަވެސް އެ ހިތްވަރު ހަމޫދަށް ނުލިބެނީ އެވެ.
"ކޮންފިޑެންސް ނުހުންނަނީ ކުރިން. އޮޑިޝަންގައި ވެސް ފެންނާނެ. އައްފާން ސާ ކުރިމަތީގައި ލަވަކިޔަން ވީމަ ތުރުތުރު އަޅާ އަޑު ތުރުތުރު އަޅާ، ހުއްޓީ ހުރެގެން ކިޔުނީ،" މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގައިވެސް ބައިވެރިވާން ބޭނުންވި ނަމަވެސް އެކަމަށް ފަސްޖެހުނު ގޮތް ކިޔައިދެމުން ހަމޫދު ބުންޏެވެ.
ހަމޫދު ބުނީ ލަވަ ކިޔުމުގެ ޝައުުގުވެރިކަން ހުންނަ ޒުވާނުން މޯލްޑިވިއަން އައިޑޮލްގެ ޕްލެޓްފޯމަށް އަރަން ޖެހޭނެ ކަމަށެެވެ. އެއީ އެވަރުގެ އެކްސްޕޯޝާއެއް ލިބޭ ވަރުގެ އިތުރު ޝޯއެއް އަދި ރާއްޖޭގައި އުފެއްދިފައި ނުވާތީ ކަމަށެވެ.
"އެއީ މިއުޒިކަލީ ވަރަށް ޓެލެންޓެޑް މީހުން މީގައި މިއުޅެނީ. ޖަޖެސް ވެސް، ބޭންޑްވެސް، މިއުޒިކްވެސް، ކޯޗާއި އެކީގައި އުޅެގެން ވަރަށް ގިނަ އެއްޗެހި ދަސްވޭ، އަޅުގަނޑަކަށް ހިއެއް ނުވޭ ލަވަ މުބާރާތަކަށް އަރައިގެންނެއް މިހާ ގިނަ އެއްޗެހި އެނގޭނެ ހެނެއް. މިހާރު ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ، ރިސޯޓު މިއުޒިކަށް ދާން ބޭނުމިއްޔާ ވާންވީ މިހެން ކަމާއި ވޯކަލް އާ އެއްޗެހި އެނގިއްޖެ. ދެން ކޮމްޕޯސް ކުރަންވީ އެއްޗެއްސާ، ރީތި މިއުޒިކް ގަނޑެއް ހަދަން ބޭނުންވާ އެއްޗެއްސާ ކުރަންވީ ކަންތައް އެނގިއްޖެ،" ހަމޫދު ބުންޏެވެ.
ގަދަ ތިނަކުން ހަމޫދު ޖާގަ ހޯދައި ދަތުރުގެ އެންމެ ފަހުގެ މަންޒިލަށް ވާދަކުރަމްދާއިރު މިހާތަނަށް އެކި ރަހައިގެ ލަވަތައް ހަމޫދު ހުށަހަޅައިދީފައިވެ އެވެ. ނަމަވެސް ހަމޫދު އެންމެ ހިންހަމަ ޖެހޭ ގޮތަށް މިހާތަނަށް ހުށަހަޅައިދެވިފައިވަނީ "ތުއްތު މޫނާ" އަދި "ރަންނަމާރި" އެވެ.
ނަމަވެސް ހަމޫދު އެންމެ ކިޔާ ހިތްވަނީ "ރަންނަމާރި" ކަހަލަ ލަވަތަކެއް ނޫނެވެ. ވީހާވެސް މަޑުމައިތިރި ލަސް ލަވަތަކެވެ. އެއް ގޮތަކަށްވެސް އެއީ އޭނާގެ މިޒާޖާ ގުޅުވާފައެއް ނޫނެވެ. ހަމޫދަކީ މަޖާ އަދި ވަރަށް ސަކަރާތް ޖަހާ ކުއްޖެކެވެ. މިއީ އޭނާގެ އެކުވެރިން އޭނަ ސިފަކުރާ ގޮތެވެ.
"މިސާލަކަށް 'ރޯންވީހޭ' އެކަހަލަ ލަވަ. އެކަމަކު އެ ލަވަ ކީއިރު ކުޑަކޮށް އަޑު ގޮއްސަ އިނީ. އެހެންވެ އެންމެ ހިންހަމަ ޖެހޭ ގޮތަކަށް ހުށަހަޅައެއް ނުދެވުނު." ހަމޫދު ބުންޏެވެ.
ހަމޫދު މިހާރުވެސް ދަނީ އޭނާގެ އަމިއްލަ ލަވައެއްގެ މަސައްކަތް ކުރަމުންނެވެ. އައިޑޮލް ނިންމާލުމަށްފަހު މަހެއްހާ ދުވަސް ތެރޭގައި ލަވަ ފޭނުންނަށް ދޫކޮށްލާނެ ކަމަށް ހަމޫދު ބުންޏެވެ. ނަމަވެސް އެއީ އިނގިރޭސި ލަވަ އެކެވެ. އެ ލަަވަ ނިންމާލުމަށްފަހު ދިވެހި ލަވައެއްގެ މަސައްކަތް ހަމޫދު ފަށާނެ އެވެ.
ހަމޫދު މޮޅީ ހަމައެކަނި ލަވަ ކިޔާކަށް ނޫނެވެ. އެއީ ވާހަކަ ލިޔުންތެރިއެއްވެސްމެ އެވެ. މިހާތަނަށް ދެތިން ވާހަކަ ލިޔުނު ނަމަވެސް އެއްވެސް ވާހަކައެއް ޕަބްލިޝްކޮށް އާންމުންނަށް ދޫކޮށްލާފައެއް ނުވެ އެވެ. ނަމަވެސް އައިޑޮލް އަށް އައުމުގެ ކުރިން ހަމޫދުވަނީ ޕަބްލިޝް ކުރަން ވާހަކައެއް ލިޔަން ފަށާފަ އެވެ. މެދަކާ ހަމައަށް ލިޔެފައިވާއިރު އައިޑޮލް ނިންމާފަ އެންމެ ފުރަތަމަ އިސްކަން ދޭނީ އެވާހަކަ ފޮތް ނިންމާލާށެވެ. ވާހަކަ ލިޔުމަކީވެސް ހަމޫދުގެ ދިރިއުޅުމުގެ ބައެކެވެ.
"ލިޔަން ފެއްޓުނު ގޮތަކީ އިންޑިއާގައި އުޅެމުން ބޭރު ކުއްޖަކާ ރައްޓެހިވީ. ލޯންގް ޑިސްޓެންސް ރިލޭޝަންޝިޕް އަކަށް. އޭރުދެން ކުޑަވީމަ... އޯވަލީ ރޮމޭންޓިކް ވެގެން. އެހެންވެ މެއިލް ކުުރުމުގެ ބަދަލުގައި ލިޔެފައި އަސްލު މެއިލް ކުރަނީ. އޭގެ ފަހުން ލޯބި ނުވަތަ ދެރަވަކާ ކަހަލަ ކަމެއް ވީމަ ވަރަށް ސެލްފް އެކްސްޕްރެސް ކުރެވޭ. ވަރަށް އައިޑިއާސް އާދޭ. އެކަހަލަ ކަމެއްގެ ތެރޭގައި ފެށުނީ." ހަމޫދު ބުންޏެވެ.
މި ވާހަކަ ނިންމާލެވޭނެ ސީދާ ދުވަހެއް ނޭނގުނަސް ރޯދައަށް ފަހު ދެމަހެއްހާ ދުވަހުގެ ތެރޭގައި އިނގިރޭސި ބަހުން ލިޔާ އެފޮތް ނިންމާލާނެ އެވެ. މުސްތަގްބަލުގައި އޭނާ ދެ ދާއިރާއިންވެސް ފެންނާނެ ކަމަށް ބެލެވެ އެވެ.
އަނެއްކާވެސް އައިޑޮލްގެ ވާހަކަށް ޖެހިލަން ހިނގާށެވެ. އަންނަ ހޮނިހިރު ދުވަހުގެ ރެއަށް ތައްޔާރުވެފައި ހުރި ވަރެއް ބަލާލާނަމެވެ. އައިޑޮލްގެ ޓްރޮފީ އުފުލައިލެވޭނެ ކަމުގެ ކިހާ ޔަގީން ކަމެއް ހަމޫދަށް އެބައޮތް ހެއްޔެވެ؟
"މިތާ މިތިބީ ހަމަ ވަރަށް މޮޅު ކުދިން އެމީހެއްގެ އަމިއްލަ ޒާތުގައި. މިސާލަކަށް އަޅުގަނޑުގެ ޖޯންރާއާއި ބޮބްގެ ޖޯންރާ އާ ޝަމްވީލްގެ ޖޯންރާ އެއީ ތިން ޖޯންރާ އެއް. އެހެން ބުނާކަށް ނޭނގެ. އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތެއް ވާނެ، ހަމޫދުގެ ހިޔާލު ހުރީ މިހެނެވެ.
"އަޅުގަނޑު އެންމެ ފުރަތަމަވެސް ތެންކިއު ބުނެލާނީ ޕީއެސްއެމަށް. އެމީހުންނާއެކު މި ޕްލެޓްފޯމް އައީ. މި ޕްލެޓްފޯމާ ނުލާ ކިތަންމެ ދުވަހެއް ވާންދެން އަޅުގަނޑު ފާހަނައިގައި ލަވަ ކީ ނަމަވެސް މީހަކަށް ނޭނގޭނެ. އެއްވެސް އެކްސްޕޯޝާއެއް ލިބޭނީކީ ނޫން. ދެން އަޅުގަނޑު ބޭނުންވަނީ ކަރަމް ސޯ އަށާއި ވިއްޓެ ސޯ އަށާއި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ވަރަށް ފަން ދެމީހުން."
"ދެން އަޅުގަނޑު ޝުކުރު އަދާކުރަން ބޭނުމީ މަންމަ އަށާއި ، އާއިލާ އަށާއި، އަޅުގަނޑަށް ސަޕޯޓު ކޮށް ވޯޓުދޭ މީހުންނަށް. ދެނަ ވަކިން ހާއްސަ ޝުކުރެއް އަދާކުރަން ބޭނުން އަޅުގަނޑުގެ ބެސްޓްފްރެންޑް އަދީލް އަށް. އޭނަވެސް ވަރަށް ސަޕޯޓިވް."