އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ސައުތުހެމްޓަން އަތުން 2-0 އިން މޮޅުވެ، އާސެނަލް ގަދަ ހަތަރެއްގެ އުންމީދު ދަމަހަައްޓައިފި އެވެ. ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ ހާފުގައި އާސެނަލް އަށް ލަނޑު ޖަހައިދިނީ އެލެކްސިސް ސަންޗޭޒާއި އޮލިވިއޭ ޖިރޫ އެވެ.
މި މޮޅާއެކު އާސެނަލް ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް އެއް ޕޮއިންޓްގެ ލީޑެއް ހޯދައި، ތާވަލްގެ ފަސް ވަނަ އަށް އަރައިފަ އެވެ. އެކަމަކު އެ ޓީމު އޮތީ ތާވަލްގެ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށްވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ.
ޖެނުއަރީން އޭޕްރީލް މަހާ ހަމައަށް އާސެނަލްގެ ފޯމު ދަށްވެ، ގަދަ ހަތަރެއްގެ ފުރުސަތު އެ ޓީމަށް ގެއްލުމުގެ ބިރު ބޮޑުވި ނަމަވެސް، އާސެނަލް އިން ވަނީ އޭގެ ފަހުން ނަތީޖާތައް ރަނގަޅުކޮށް، ގަދަ ހަތަރެއްގެ އުންމީދު ބޮޑުކޮށްފަ އެވެ.
މެޗަށް ފަހު އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ ޓީމުގެ ކުޅުމާމެދު ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.
"މި މެޗުގައި ވެސް ކޮޅަށް ލަނޑެއް ނުވަދެ މި ނިންމާލީ. މި ޓީމުގެ އެޓޭކަށް އަހަރެން އިތުބާރު ކުރަން. މި މެޗުގައި ކުޅުންތެރިން ވަރަށް މަސައްކަތްކުރި. މޮޅުވުމުގެ ރޫހުގައި މުޅި ޓީމު ވެސް ކުޅުނީ،" ވެންގާ ބުންޏެވެ.