އަންނަ ހޮނިހިރު ދުވަހުގެ ރޭ މޯލްޑިވިއަން އައިޑޮލް ދެވަނަ ސީޒަންގެ ގަދަ ތިނެއްގެ ގަދަ ހިފުން އޮތީ އެވެ. އެއް ބައިވެރިއަކަށް އަނެއް ބައިވެރިއަކު ދޫ ނުކުރާއިރު ޝަމްވީލް މުހައްމަދަކީވެސް ދެން ތިބި ދެ ބައިވެރިންނަށްވުރެ ދެރަ ދެ ބައިވެރިންނެއް ނޫނެވެ. މިއުޒިކީ އާއިލާއެއްގެ ތެރެއަށް އުފަންވެ ބޮޑުވީ މިއުޒިކީ ދުނިޔެއެއްގެ ތެރޭގަ އެވެ. އެހެންކަމުން ލަވަ ކިއުމަށް ޝައުގުވެރިވެ ލަވައިގެ ތެރެއަށް ޝަމްވީލަށްވެސް ވަދެވުނީ އެވެ.
"އެންމެ ބޮޑަށް ލަވައިގެ ތެރެއަށް ވަދެވުނީ ޝަމްވީލް ބައްޕަ އާ ހުރެ. ބައްޕަ އަބަދު ގޭގައި ކަރައޯކޭ ޖައްސާނެ. ދެން އުޅޭނެ ބޭންޑެއް ހަދައިގެން. ހިތާނު ކުރާ ގޭގެއަށްވެސް ދާނެ ކުޅެން. ދާއިރު ދާނީ ޝަމްވީލް ގޮވައިގެން، ގެންގޮސް ޝަމްވީލް އިންނާނެ ކައިރީގައި ބައިންދާފައި. މިކަހަލަ ތަންތަން ފެނި ފެނި ޝަމްވީލްވެސް ލަވަ ކިޔާހިތްވާން ފެށީ،"
"ދެން ބައްޕަ ނިދާފައި އޮންނަ ގަޑީގައި ބައްޕައަށް އުނދަގުވާވަރަށް ލަވަޖަހައިގެން ކަރައޯކޭ ޖައްސަނީ ކޮންމެ ގޮތަކަށްވެސް ކިޔޭތޯ. އެގޮތަށް ކިޔަމުން ކިޔަމުން ގޮސް ފެމެލީ އެންމެން އެއްބާރުލައިގެން ސްކޫލް މުބާރާތުގައި ބައިވެރިވީ ފުރަތަމަ." ޝަމްވީލް އަށް ލަވަ ކިޔަން ޝައުގުވެރިވި ގޮތް ކިޔައިދެމުން ބުންޏެވެ.
އެންމެ ފުރަތަމަ ޝަމްވީލް ސްޓޭޖެއްގައި ލަވައެއް ހުށަހަޅައިދީފައިވަނީ ޖަމާލުއްދީން ސްކޫލްގައި އުޅުނުއިރު އިންޓަ ހައުސް މުބާރާތެއްގަ އެވެ. އެ މުބާރާތުން އެއް ވަނަ ލިބުމުން އިތުރު ހިތްވަރެއް ލިބި އިންޓަ ސްކޫލް މުބާރާތުގައިވެސް ބައިވެރިވި އެވެ. ދަރުމަވަންތަ ސްކޫލްގައި އުޅުނު އިރުވެސް ލަވަ މުބާރާތްތަކުގައި ބައިވެރިވި އެވެ.
އެއަށްފަހު ސްޓޭޖަކަށް އަރައި ލަވަ ކިއުމުގެ ދައުރު ނިމުނީ އެވެ. އިތުރު ފުރުސަތެއް ނުލިބި ސްކޫލް ނިންމާލާފައި މަތީ ތައުލީމަށް މެލޭޝިޔާއަށް ދިޔައީ އެވެ. އެނބުރި ރާއްޖެ އައީ ހޮޓެލް އެންޑް ޓުއަރިޒަމް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ސެޓްފިކެޓް ހިފައިގެންނެވެ. އިވެންޓްތައް އޯގަނައިޒް ކުރާނެ ގޮތް އެންމެ ފުރިހަމައަށް ދަސްކޮށްގެންނެވެ. ކިޔެވުމުގެ އެންމެ ފަހު އަހަރުވީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއް ފެށުމަށް ތައްޔާރުވަމުން ދިޔަ ދުވަސް ވަރެވެ.
"އެންމެ ފުރަތަމަ އައިޑޮލް ފަށަން ވެގެން ތައްޔާރުވެގެން އައިއިރު އެ އަހަރު ޑިސެމްބަރުގައި ޝަމްވީލް ނިމެން އިނީ. ދެން ނިމުނު ގޮތަށް މިކޮޅަށް އައިިއިރު ބައިވެރިވާން އެސްއެމްއެސް ކުުރުމުގެ ބައި ނިމި ޝޯ ފެށިފައި އޮތީ. އޭރު ޝަމްވީލް މަންމެން ކައިރީވެސް ވައިފް ކައިރީގައިވެސް ބުނިން މި ސީޒަންގައި އައިޑޮލްގައި ބައިވެރިވާނަމޭ. ޝަމްވީލްގެ ހުނަރު ހުރި ހިސާބެއް ބަލައިލަން ބޭނުންވެފައި ހުރީ" ޝަމްވީލް ބުންޏެވެ.
މޯލްޑިވިއަން އައިޑޮލްގެ ގޯލްޑަން ޓިކެޓް ލިބުމަށްފަހު ގަދަ 10 އަކުން ޖާގަ ހޯދޭނެ ކަމުގެ ޔަގީންކަން ޝަމްވީލަށް އޮތެވެ. ނަމަވެސް އެއަށްފަހު އަބަދުވެސް މުބާރާތުން ވަކިވާން ޖެހިދާނެތީ ޝަމްވީލް ހުރީ އެކަމަށް މީހާ ތައްޔާރުކޮށްގެނެވެ. ޝަމްވީލްގެ ފަހަތުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ކުރާ އިތުބާރު ކިތަންމެ ބޮޑަސް އެވެ.
އެހެން ވީމަ ޝަމްވީލް ކުރިއަށް އޮތްތަނުގައި ފެންނާނީ ކޮން ދާއިރާއަކުން ހެއްޔެވެ؟ ކިޔަވާ ނިންމާލި ހޮޓެލް އެންޑް ޓުއަރިޒަމްގެ ދާއިރާ އިން ހެއްޔެވެ؟ ނޫނީ ލަވަކިޔުންތެރިއެއްގެ ގޮތުގައި ހެއްޔެވެ؟
"ދެ ދާއިރާއިންވެސް ޝަމްވީލް ފެނިދާނެ. ޖޮބަށް ދަމުން މި ދާއިރާގައި ކުރިއަށް ގޮސްދާނެ. ނޫނީ ފެނިދާނެ ހަމައެކަނި ލަވަ ކިޔުމުގެ ދާއިރާއިން. ބޮޑަށް ހީވަނީ ލަވައިންހެން." ޝަމްވީލް ބުންޏެވެ.
މޯލްޑިވިއަންގެ ދަތުރު ނިމެން ކުޑަތަންވެފައިވާއިރު ކޮންމެ ނަތީޖާ އަކާއެކު ވަކިވާން ޖެހުނަސް ޝަމްވީލް ހުރީ މި ދާއިރާއިން ގެއްލޭ ގޮތަކަށް ނޫނެވެ. އަމިއްލަ ގިނަ ލަވަތަކެއްގެ އައިޑިއާތައް މިހާރުވެސް ހުރީ ޝަމްވީލްގެ ސިކުނޑީގައި ކުރަހާފަ އެވެ. ކަވާ ލަވަތަކާއި އަމިއްލަ ރާގުގެ ލަވަތަކެވެ.
"އެކަމަކު އެކަމާ އުޅޭނީ ރޯދަމަހަށް ފަހު. ރޯދަމަހު ރެސްޓް ކުރާނީ."
އައިޑޮލްގެ މި ދަތުރުގައި ގިނަ ލަވަތަކެއް ހުށަހަޅައި ދިންއިރު މިހާތަނަށް އެންމެ ހިންހަމަ ޖެހޭ ގޮތަށް ޝަމްވީލަށް ހުށަހަޅައިދެވުނީ "ޔާރާ އަހާށޭ" މި ލަވަ އަދި "ދޭށޭ އޯގާ" އެވެ.
އެހެން ބައިވެރިންނެކޭ އެއްގޮތަށް ޝަމްވީލްއަށްވެސް މޯލްޑިވިއަން އައިޑޮލްގެ މި ދަތުރު ވީ އެތައް ކަމެއް ދަސްވެގެން ދިޔަ ދަތުރަކަށެވެ. ފޮނި ހަނދާންތަކެއް ރައްކާކުރަން ލިބުނު ދުވަސްތަކަކަށެެވެ
"މި ޖާނީގައި އެންމެ ސްޕެޝަލް ހަނދާނަކީ ޓޮޕް 16 އާއެކު އުޅުނުއިރު އެޖަހާ ސަކަރާތް. އޭއްޗެހި ވަރަށް ވަރަށް ބޮޑަށް ހަނދާން ހުރޭ. އެކަންތައްތަކަި ހަނދާނުން ފިލުވާނުލެވޭނެ ކަންތައްތައް. ދެން މި ޓޮޕް ޓޫގައި މި ތިބި ދެމީހުން. ފަން ދެ މީހުން މީ." ޝަމްވީލް ބުންޏެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރެއަށް ޝަމްވީލް ތައްޔާރުވެފައި ހުރި ވަރެއް ބަލާލާނަމެވެ. އައިޑޮލްގެ ޓްރޮފީ އުފުލައިލެވޭނެ ކަމުގެ ކިހާ ޔަގީން ކަމެއް ޝަމްވީލަށް އެބައޮތް ހެއްޔެވެ؟
"އަމިއްލަ މީހާއަށް ދެން އެހާ ހޯޕެއްވެސް ނެތް. ލިބިވެސް ދާނެ، ނުލިބިވެސް ދާނެ. ދެން މީތި އިންނާނެ ގޮތަކީ 50 ޕަސަންޓު ޖަޖެސް، 50 ޕަސަންޓު ވޯޓް ދެއްތޯ. ފިފްޓީ ޕަސަންޓް ވޯޓާއި ދޭތެރޭ ވަރަށް ބޮޑު އިތުބާރެއް އެބައޮތް. ފޭންސް އަށާއި ޝަމްވީލްގެ ޓީމަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް." ޝަމްވީލް ބުންޏެވެ.
"ފުރަތަމަ ޝަމްވީލް ޝުކުރު އަދާކޮށްލަން ބޭނުންވަނީ ހެއްދެވި ފަރާތަށް، ދެން މަންމަ އާއި ބައްޕަ ކޮށްދެއްވާ ސަޕޯޓަށް. މާމަމެން ކޮށްދެއްވާ ކަންތައްތަކަށް. ޝަމްވީލް އަންހެނުން ދެން ވައިފް ފެމިލީން، ވައިފްގެ މަންމަ އެ ހަމަ ފަހުލަވާނެއް. ދެން ޝަމްވީލް މަންމަ ފެމެލީއަށް، ދެން ޝަމްވީލްގެ ޓީމަށް ވަރަށް ވަރަށް ބޮޑަށް ޝުކުުރ އަދާ ކުރަން. ޓީމަށާ ވައިބަ ގްރޫޕަށް. އެމީހުން ކޮށްދިން ކަންތައްތަކުން ޝަމްވީލް މިހާހިސާބަށް މި އާދެވުނީ. ދެން ނ. އަތޮޅު. ހާއްސަކޮށް ހޮޅުދޫ މީހުންނަށް. ދެން ޝަމްވީލަށް ސަޕޯޓްކޮށް އެސްއެމްއެސް ކުރި އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."
"ޝަފީގް ސާ އަށާއި ސަމީއު ސާ އަށްވެސް ޝުކުރު އަދާކުރަން. ޕީއެސްއެމްއަށްވެސް ޝުކުރު އަދާކޮށްލަން ބޭނުން ވަރަށް ބޮޑަށް މިފަދަ ފުރުސަތެއް ދެއްވީތީ. ތައުބެއަށްވެސް."