- މަސްވެރިކަން މިހާރުވެސް ރަނގަޅު
- އިއްޔެ ވެސް 297 ޓަނުގެ މަސް ކިރުވި
- އިތުރު ބޯޓެއް މިމަހުގެ 15 ގައިވެސް އަންނާނެ
މަސް އުފުލާނެ އިތުރު ބޯޓެއް ގެނެސް މަސް ގަތުމުގެ ކޮންޓްރޯލް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ދޫކޮށްލައިފި އެވެ.
"އަވަސް" އަށް ވާހަކަ ދައްކަވަމުން މިފްކޯގެ އޮޕަރޭޝަނަލް މެނޭޖަރު މުހައްމަދު ދީދީ ވިދާޅުވީ ވޭތުވެދިޔަ ދެ ދުވަހު ވެސް ރާއްޖޭގެ މަސްވެރިކަން ވަރަށް ރަނގަޅު ކަމަށާއި ނަމަވެސް މިފްކޯ އަށް މަސް ގަތުމުގައި ކުރިން ކުރިމަތިވި ދަތިކަން ހައްލުކޮށްފައިވާ ކަމަށެވެ.
"މިހާރު ވެސް އެވްރެޖު ގޮތެއްގައި ދުވާލަކު 150-250 ޓަނުގެ މަސް ކިރުވާ. އިއްޔެ ވެސް 297 ޓަނުގެ މަސް ކިރުވި ނަމަވެސް މިފްކޯއަށް ކުރިން ދިމާވި މަސް ގަތުމުގެ މައްސަލަ މިހާރު ވަނީ ހައްލުކޮށްފަ. އެކަން ހައްލުކުރީ 3،000 މެޓްރިކް ޓަނުގެ ބޯޓެއް ގެނެސްގެން،" ދީދީ ވިދާޅުވި އެވެ.
ރާއްޖޭގެ މަސްވެރިކަން މިދިޔަ މަހު އާދަޔާ ހިލާފަށް ރަނގަޅު ވެގެން ދިއުމާއެކު، މަސް ފިނި ކުރާ ކޮށާރު ފުރުމާ ގުޅިގެން މަސް ގަތުމުގެ ކޮންޓްރޯލް ދޫކޮށްލި އެވެ. މިހެން މިކަން ދިމާވަން ޖެހުނު ސަބަބަކީ ވޭތުދިޔަ 10 ވަރަކަށް އަހަރު ދުވަހު މަސްވެރިކަން ރަނގަޅު ނުވާ ވަރަށް މަސްވެރިކަން ރަނގަޅުވުމާ ގުޅިގެންނެވެ.
އޮޕަރޭޝަނަލް މެނޭޖަރު ދީދީ، ވިދާޅުވީ މަސް ގަތުން ކޮންޓްރޯލް ނުކޮށް ކުރިއަށް ގެންދާނެ ގޮތަކަށް ޗާޓަރު ބޯޓުތަކުގެ ދަތުރުތައް ވެސް މިހާރު ރާވާފައިވާ ކަމަށެވެ.
"ދެން އިރާދަކުރެއްވިއްޔާ އެކަހަލަ [މަސް ގަތުން ކޮންޓްރޯލް ކުރަން ޖެހޭ] ކަހަލަ މައްސަލައެއް ދިމަލެއް ނުވާނެ. އެކަމަށްޓަކައި މިމަހުގެ 15 ވަނަ ދުވަހުވެސް އިތުރު ބޯޓެއް ރާއްޖެ އަންނާނެ،" ދީދީ ވިދާޅުވި އެވެ.
ރާއްޖެ އަށް މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން މަސްވެރިކަން ހެޔޮ ވެގެން ދިޔައިރު، މަސް ގަންނަ ހުރިހާ ފެކްޓްރީތަކެއްގެ ކާރުހާނާތައް ވެސް ފުރިގެން ދިޔަ އެވެ. މިގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހު 420 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީގެ ހިސާބުތަކުން ދައްކަ އެވެ.