ހަބަރު

ރީބްރޯޑްކާސްޓް ކުރަން އެކްސްކްލޫސިވް އެއްބަސްވުން ނުހަދަން އެދެފި

May 11, 2017
3

ރާއްޖޭގައި ޗެނަލްތައް ރީބްރޯޑްކާސްޓް ކުރަން އެކްސްކްލޫސިވްސްކޮށް އެއްބަސްވުން ނުހަދަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިލްތިމާސްކޮށްފި އެވެ.

އެކްސްކްލޫސިވްކޮށް އެއްބަސްވުމެއް ހެދުމުން އެ އެއްބަސްވުން ގާއިމްކުރި ބްރޯޑްކާސްޓަރުގެ އުފެއްދުންތައް ރާއްޖޭގަައި ރީބްރޯޑްކާސްޓް ކުރުމުގެ ހައްގު ލިބޭނީ ހަމަ އެކަނި އެއްބަސްވުން ގާއިމްކުރި ރީބްރޯޑްކާސްޓަރަށެވެ. އެގޮތަށް އެއްބަސްވުން ހެދުމުން ރާއްޖޭގެ އެހެން ބްރޯޑްކާސްޓަރުންނަށް ފުރުސަތު ހަނި ވާނެތީ ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގައި އެކަން ވަނީ މަނާކޮށްފައެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދުގެ 18 ވަނަ މާއްދާގައި ބުނެފައި ވަނީ "ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން ޗެނެލެއް ފޮނުވަންވާނީ ޗެނެލް ދޭ ފަރާތާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން-އެކްސްކްލޫސިވް އެއްބަސްވުމެއް އޮވެގެން" ކަމަށެވެ.

ބްރޯޑްކޮމް އިން މިއަދު ނެރުނު ސާކިއުލާގައި އިލްތިމާސްކޮށްފައި ވަނީ ރީބްރޯޑްކާސްޓްކުރާ ފަރާތްތަކުން އެ ގަވާއިދަށް އަމަލު ކުރުމަށެވެ. އެގޮތަށް އިލްތިމާސް ކުރީ ރާއްްޖޭގައި ރީބްރޯޑްކާސްޓްކުރާ ބައެއް ފަރާތްތަކުން ޗެނަލްތަކުގެ ވެރިންނާއެކު އެކްސްކްލޫސިވް އެއްބަސްވުންތައް ހަދާ ކަމުގެ މައުލޫމާތު ކޮމިޝަނަށް ލިބެމުންދާތީ ކަމަށެވެ.

"... ޗެނެލްތަކުގެ ވެރިފަރާތްތަކާއެކު ރީބްރޯޑްކާސްޓިން ރައިޓްސް ހޯދުމުގެ އެއްބަސްވުން ހަދާއިރު، ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 18ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން އަމަލު ކުރުމަށް ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ،" ކޮމިޝަނުގެ ސާކިއުލާގައި ބުނެފައި ވެއެވެ.