ހަބަރު

24 ފޮއްޓެއްގެ ވޯޓް އަލުން ގުނަނީ

May 11, 2017

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލީ 24 ފޮއްޓެއްގެ ނަތީޖާގައި އޮޅުންތަކެއް ހުރުމުން އެ ފޮށިތަކުގެ ވޯޓް އަލުން ގުނުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ލޯކަލް ކައުންސިލް އިންތިހާބަށް، ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ މައި ސެންޓަރުގައި މިއަދު 3:30 އިން ފެށިގެން އެ ވޯޓް ފޮށިތަކުގެ ލިޔެކިޔުންތަކާއި އެހެނިހެން ވެސް ކަރުދާސްތައް ރައްކާކޮށްފައިވާ ސެކިއުރިޓީ އުރަތައް ކަނޑައިގެން ބަލަމުން އަންނަނީ އޮބްޒާވަރުންނާއި މޮނީޓަރުންގެ ހާޒިރުގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ސެކިއުރިޓީ އުރަތައް އަލުން ކަނޑައިގެން ބަލަން ޖެހުނީ، ބައެއް ނަތީޖާ ޝީޓްތަކުގައި ދިމާނުވާ ކަންތައްތަކެއް ހުރުމުން ސިސްޓަމުން ބައެއް ނަތީޖާ ޝީޓްތައް ރިޖެކްޓް ކުރުމުން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން 8،000 އެއްހާ ނަތީޖާ ޝީޓް ތައްޔާރުކޮށްފައިވާ އިރު އެ ޝީޓްތައް މިފަހަރު ތައްޔާރު ކޮށްފައި ހުރީ އޭގައި ޖަހާފައިވާ ބާކޯޑެއް ސިސްޓަމަށް ރީޑްކުރާ ގޮތަށެވެ.

"މީގެ ބޭނުމަކީ ނަތީޖާތައް އިތުރަށް ކަށަވަރު ކުރުން. އެ ފޮށިތައް މި ބަލަނީ އޮބްޒާވަރުންނާއި މޮނީޓަރުން އަދި މީޑިއާގެ ވެސް ހާޒިރުގައި،" އަކްރަމް ވިދާޅުވި އެވެ.

މުޅި ރާއްޖެ އާއި ލަންކާގައި ވޯޓް ފޮއްޓެއް ބަހައްޓައިގެން ކުރިއަށް ގެންދިޔަ އިންތިހާބުގައި ޖުމްލަ 423 ވޯޓް ފޮއްޓެއް ވަނީ ބަހައްޓައިފަ އެވެ. ބައެއް ދާއިރާގެ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިހާރު ވެސް ވަނީ އިއުލާންކޮށްފަ އެވެ. ނަތީޖާތަކުން ދައްކާ ގޮތުން ބޮޑެތި ސިޓީތަކުގެ އަގުލަބިއްޔަތު ނަގައިގެން އިންތިހާބުގެ ކުރީގައި އުޅެނީ އެމްޑީޕީ އެވެ.