ހަބަރު

2018 އަށް ތައްޔާރުވާން ރައީސް ޔާމީންއާ އެކު މަޝްވަރާކޮށްފި

May 11, 2017
17

ލޯކަލް ކައުންސިލް އިންތިހާބުން ފިލާވަޅު ލިބިގަނެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރަން ޖެހޭ ކަންކަމާ މެދު ޕީޕީއެމްގެ ކައުންސިލާ އެކު ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން މިއަދު މަޝްވަރާކުރައްވައިފި އެވެ. އިންތިހާބަށް ފަހު ޕީޕީއެމްގެ ކައުންސިލާ ރައީސް ބައްދަލު ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

މި ކައުންސިލް ބައްދަލުވުން ނިންމާލުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ބައްދަލުވުމުގައި ކައުންސިލް އިންތިހާބު ދިޔަ ގޮތުން އެ ޕާޓީގެ ކަންކަން އިތުރަށް ކުރިޔަށް ދިޔުމުގައި ވިސްނަން ޖެހޭ ކަންކަމާ މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރަށް ތައްޔާރުވުމަށްޓަކައި އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި ގެންނަން ޖެހޭ ބަދަލުތަކާ މެދު މަޝްވަރާ ކުރެއްވި ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ. އެގޮތުން ކައުންސިލް މެންބަރުން ހިމެނޭ ގޮތަށް ކުޑަ ޓީމެއް ނަގައިގެން އިތުރަށް އެކަން ދިރާސާ ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"އިންތިހާބުގައި މިހެން ދިމާވާން ޖެހުނީ އަޅުގަނޑުމެންގެ ތެރޭގައި ދިމާވީ މައްސަލަތަކެއްގެ ސަބަބުން. މިސާލަކަށް ކާޑުގެ އަގަށް އައި ބަދަލުތަކާއި ކަރަންޓުގެ އަގަށް އައި ބަދަލުތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް. ނަމަވެސް މި އިންތިހާބަކީ ބޮޑަށް އާއިލީ ވޯޓު އަޅާ އިންތިހާބެއް. މި އިންތިހާބުން އަޅުގަނޑުމެނަށް ދޭހަމިވީ ސަރުކާރުން މި ތިން އަހަރު ގެނައި ތަރައްގީގެ އިތުރުން ވެސް ބޭނުންވާ އެހެން މުހިންމު ކަންކަން ހުރިކަން. އެހެން ވީމަ އެކަންކަން ސަރުކާރުން ވަރަށް އަވަހަށް ބަލާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއް ރަހީމް އިތުރަށް ވިދާޅުވީ ހަތަރު އިދިކޮޅު ލީޑަރުންނާއެކު ރައީސް ޔާމީން އިންތިހާބުގައި ކުރިމަތިލެއްވީ އެކަނިމާ އެކަނި ކަމަށާއި އެހެންކަމުން މިހާރު ލިބިފައި ހުރި ގޮނޑިތައް ވެސް ހޯދުމަކީ ޕީޕީއެމްއަށް ލިބުން ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ކައުންސިލް އިންތިހާބުން ލިބޭ ނަތީޖާއިން 2018 ވަނަ އިންތިހާބަށް އަސަރެއް ނުކުރާނެ ކަމަށާއި އެ އިންތިހާބު ތައްޔާރުވަމުން އަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.