ހަބަރު

ކައުންސިލްތަކަށް ފިޔަވަޅު އަޅައިގެން ވިޔަސް ތަރައްގީ ގެންނާނެ: ޒުހޫރު

May 11, 2017
20
  • ސަރުކާރުން މާޔޫސްއެއް ނުވޭ
  • ކައުންސިލް ނިޒާމަށް ތާއީދެއް ނެތް
  • ތަރައްގީއަށް އެއްބާރުލުން ދޭން ގޮވާލި

އިދިކޮޅު ފަރާތްތަކުން ކާމިޔާބުކޮށްފައިވާ ސިޓީތަކުން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ނުދޭނަމަ އެކަމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށާއި އެގޮތުން ސިޓީތަކަކީ ކައުންސިލެއް އޮންނަން ނުޖެހޭ ތަނެއްގެ ގޮތުގައި ވެސް ބަދަލު ކުރެވިދާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ޔޫތު ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރު މިރޭ ވިދާޅުވެއްޖެ އެވެ.

ޗެނަލް 13 ގެ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހޫރު ވިދާޅުވީ ސިޓީތަކުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބުނަސް ރައްޔިތުން ބޭނުންވާ ފެންވަރަށް އެ ސިޓީތައް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަން ޖެހޭ ކަމަށެވެ. އެކަން ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބޮޑެތި ސިޓީތަކުން ސަރުކާރަށް އެއްބާރުލުން ނުދޭނަމަ ތަރައްގީ ގެންނަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށާއި އެގޮތުން ސިޓީތަކުގައި ކައުންސިލް އޮންނަން ނުޖެހޭ ގޮތަށް މަޖިލީހުގެ ރުހުމާއެކު ބަދަލުވެސް ކުރެވޭނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"ކައުންސިލަރަކަށް ވަނީ އެމީހެއްގެ ހުރި ގާބިލް ކަމަކާއި ވައްޓަފާޅިއަށް ބެލިގެން ނޫން. އެ މީހުންނަކީ ރައްޔިތުން ބޮޑު މައްސޫލިއްޔަތެއް ހަވާލުކޮށްފައިވާ ބައެއް. އެހެންވެއްޖެ ނަމަ ކޮންމެ ސިޓީއެއް ވެސް ތަރަރައްގީ ކުރުމުގައި ރައްޔިތުންނަށްޓަކައި ވަރަށް ފުރިހަމަޔަށް އެބޭފުޅުން މަސައްކަތް ކޮށްދޭން ޖެހޭ. އެހެންވީމަ އެއްބާރުލުން ނުލިބޭ ނަމަ ސަރުކާރުން އެކަން ކުރެވޭނެ މަގުތައް ކޮށާނަން. އެއް މަގު ބަންދުވެއްޖެއާ އަނެއް މަގު ކޮށާނަން. ސިޓީތަކަކީ ކައުންސިލެއް އޮންނަން ނުޖެހޭ ތަނެއްގެ ގޮތުގައި ވެސް މަޖިލީހުގެ ރުހުމާއެކު ބަދަލު ކުރެވިދާނެ،" ޒުހޫރު ވިދާޅުވި އެވެ.

ޒުހޫރު ވިދާޅުވީ ކައުންސިލްތަކަކީ ރައްޔިތުން ބަލައިގެންފައިވާ އެއްޗެއް ނޫން ކަމަށެވެ. އެހެން ކަމުން ކައުންސިލް އިންތިހާބުގެ މުހިންމުކަމާއި ބޭނުން ހުދު ކައުންސިލަރުން ވެސް ހަނދާން ނެތިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ހެއްކަކީ އެންމެ ބޮޑެތި ސީޓީތަކުން ވެސް 17 ޕަސަންޓު މީހުން ވޯޓުލާން ނިކުތުން ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"ކައުންސިލް ވެސް ބައްޓަންވެފައި އޮތް ގޮތުން ކައުންސިލަރުންގެ ރޯލު އެބޭފުޅުންނަށް ވެސް ނޭންގި މި އޮތީ. އެހެންވީމަ ކައުންސިލަށް ވޯޓުލާން ނިކުތީ 17 ޕަސަންޓު މީހުން. ކައުންސިލް އިންތިހާބުގައި ބޮޑަށް ދައްކުވާދެނީ އާއިލީ ވޯޓާއި ކުރިމަތިލާ ވަކިވަކި ބޭފުޅުންގެ ހުންނަ ސިފަތަކަށް އަންނަ ތާއީދެއް. އެހެންވެ ސަރުކާރުން އެކަމަށް މާޔޫސް ވާން ޖެހޭ ސަބަބެއް ނެތް. އަދި ރައީސް ޔާމީން ވެސް އެކަމާ މެދު މާޔޫސްކަމެއް ނެތް،" ޒުހޫރު ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން ވަނީ ވެރިރަށް މާލެ، އައްޑު ސިޓީ، ފުވަމުލަކު ސިޓީ އަދި ގދ. އާއި ގއ. ފަދަ ބޮޑެތި އާބާދީަތައް ހިމެނޭ ސަރަހައްދުތަކުގެ އަގުލަބިއްޔަތު ހޯދައިފަ އެވެ.