ބޮލީވުޑް

މަންމަ ދައްކާ މީހަކާ އިންނަން ރަންބީރު ތައްޔާރު؟

May 12, 2017

ބޮލީވުޑްގެ ޒުވާން ތަރިންގެ ތެރެއިން ރަންބީރު ކަޕޫރަކީ ހުސްހަށިބައި އެންމެ ގިނަ ކުދިން ހިތްކިޔާ އެއް ތަރިއެވެ.

ލޯބީގެ ގޮތުން ރަންބީރު މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ކެޓްރީނާ ކައިފްއާ ގުޅުނު ނަމަވެސް މިއިން އެއްވެސް ގުޅުމެއް ކައިވެންޏާ ހަމައަށް ނުގޮސް ވަނީ ރޫޅިފަ އެވެ.

ރަންބީރު އެންމެފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކެޓްރީނާއާ ހަ އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށްފަހު ރުޅިވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އޭގެފަހުން ރަންބީރު ލޯބީގެ ގޮތުން އެއްވެސް މީހަކާ އަދި ގުޅިފައިނުވާ ކަމަށްވާއިރު، އޭނާ އަންނަނީ ކައިވެނިކުރަން ތައްޔާރުވަމުންނެވެ.

ހަބަރުތައް ބުނާގޮތުން ރަންބީރާއި އޭނާގެ މަންމަ ނީތޫ ކަޕޫރު ވަނީ ލަންޑަނަށް ގޮސް ކައިވެނިކުރަން އަންހެން ކުއްޖަކާއި އޭނާގެ އާއިލާއާ ބައްދަލުކޮށްފަ އެވެ.

އާއިލާއިން ދައްކާ މީހަކާ ނުވަތަ އެރޭންޖް މެރިއޭޖެއް ކުރަން އިންނަން ރަންބީރު ތައްޔާރަށް ހުރި ކަމުގެ ހަބަރުތައް ފެތުރުމާއެކު އޭނާގެ ފޭނުން ހީވީ ކެކިގަތް ހެންނެވެ. ރަންބީރު ކައިވެނި ކުރަން އުޅޭ ނަސީބުގަދަ އަންހެން ކުއްޖަކީ ކާކުތޯ ބަލަން ކެތްމަދުވުމާއި ރަންބީރު އޭނާގެ އާއިލާއިން ދައްކާ އަންހެން ކުއްޖަކާ ކައިވެނިކޮށްފާނެތޯ އެ ސުވާލު އުފެދޭތީ އެވެ.

ސަބަބަކީ ބަތަލާ ކެޓްރީނާ އާ ލޯބީގެ ގޮތުން ގުޅުމުން އެކަން އޭނާގެ މަންމަ އާއި ބައްޕަ އަށް ކަމުނުދިޔުމުން ވަނީ އާއިލާގެ ގެއިން ނިކުމެގެން ގޮސް ކެޓްރީނާއާ އެކު ވަކިން ދިރިއުޅެން ފަށާފަ އެވެ.

ބޮލީވުޑްގެ އެއް މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު ވެސް ބައެއް މަޝްހޫރު ބަތަލާއިންނާ ލޯބީގެ ގުޅިގެން އުޅުނު ނަމަވެސް އެންމެފަހުން 2015 ވަނަ އަހަރު ކައިވެނިކޮށްފައިވަނީ އޭނާގެ އާއިލާއިން ކައިވެނި ހަމަޖެއްސި، ދިއްލީ އަށް ނިސްބަތްވާ މީރާ ރާޖްޕުތް އާ އެވެ.