މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ވިދައިގަތް ގޮތަށް ހަބޭސް ބޮޑުބޭރު ގްރޫޕުގެ ތައްގަނޑުގައި ހިންގާ ގްރެވިޓީ ބައި ހަބޭސް ބޭންޑް އެކު ރޮކްސްޓާގެ ގޮތުގައި މަޝްހޫރުވި މުހައްމަދު މުއައްޒިން އަރައިގެން ގޮސް ގެއްލުނީ އެވެ. އެއަށްފަހު މުއައްޒިންގެ ރީތި، ގިނަ ލަވަތަކެއް ދިޔައީ އަޑުއިވެމުންނެވެ. ހާއްސަކޮށް ރީތި ގައުމީ ލަވަތަކެކެވެ.
ރީތި އެތައް ލަވަތަކަކަށްފަހު މުއައްޒިން މިހަރު ވަނީ ފޭނުންނަށް ދޫކޮށްލަން ވީޑިއޯ ލަވައެއްގެ މަސައްކަތް ނިންމާލާފަ އެވެ. "ލޭކޮކާ" ނަމަކަށް ކިޔާ މި ލަވަ އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނަ މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ ގްރޭންޑް ފިނާލޭގައި ރިލީޒް ކުރާނެ އެވެ.
"މިއީ ރާއްޖޭގައި އަދި މިހާތަނަށް ނުހަދާ ކަހަލަ ލަވައެއް. މި ޖޮންރާގެ ލަވައެއް ރާއްޖޭގައި އުފެއްދި ފުރަތަމަ ފަހަރު މީ. ފިލްމީ ލަވައެއް ނޫން. ވަރަށް ޑްރީމީ ލަވައެއް މީ. މިކަހަލަ ގޮތަކަށް މި ލަވަ ސިފަކޮށް ދެވޭނީ." މުއައްޒިން ބުންޏެވެ.
މިއީ އަމިއްލަ ރާގުގެ ލަވައެކެވެ. ހަބޭސް ސްޓޫޑިއޯ އިން އުފައްދާފައިވާ މި ލަވައިން ފެންނާނީ މުއައްޒިން އާ އެކު ހަބޭސް ބޭންޑް އަދި މުޅިން އަލަށް ދާއިރާއަސް ނުކުންނަ އެކްޓްރެސް އެކެވެ. މި ލަވައިން ފިލްމީ ދާއިރާއަށް ތައާރަފްކުރާނީ ދިވެހި މޮޑެލް އައިޝަތު އަފާ އެވެ.
މި ލަވަ ޑައިރެކްޓް ކޮށްފައިވަނީ ހަބޭސްގެ އަލީ މަމްދޫހު އެވެ.
"މިއި ހަމަ ރޮކްސްޓައިލެއްގެ ލަވައެއް. މުއައްޒިން އާ އެންމެ ގުޅޭކަހަލަ،" ލަވަޔާއި ބެހޭ އިތުރު ގިނަ މައުލޫމާތު ދެމުން ހިނިގަނޑަކާއެކު މުއައްޒިން ބުންޏެވެ.
"ލޭކޮކާ" އަކީ މުއައްޒިން ނެރެން ނިންމާފައިވާ އަލްބަމްގައި ހިމެނޭ ލަވަ އެކެވެ. މި އަލްބަމްގައި އިތުރު ދެ ވީޑިއޯ ލަވައެއް ހިމެނޭނެ އެވެ. ދެން ހުންނާނީ އޯޑިއޯ ލަވަތަކެކެވެ. އެ ލަވަތައްވެސް ވަރަށް އަވަހަށް ފެނިގެންދާނެ އެވެ.
މުއައްޒިންގެ ފުރަތަމަ ސޯލޯ ވީޑިއޯ ލަވަ މާދަމާރޭ ރިލީޒް ކުރާއިރު ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވަވެސް މާދަމާ ރޭ އައިޑޮލްގެ ގްރޭންޑް ފިނާލޭގައި ރިލީޒް ކުރާނެ އެވެ.