ހަބަރު

4 ދުވަސް ތެރޭ 44،000 މީހުން އައިޑޮލް ސްޓިކާ ޑައުންލޯޑްކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ފްރެންޗައިޒް ޝޯ، މޯލްޑިވިއަން އައިޑަލްއަކީ ގޭގެ ސިޓިން ރޫމުން ހިފަހައްޓާ ނުލެވި، ޓްވިޓާ އާއި ފޭސްބުކްގެ ތެރޭގައި ވެސް އޭގެ ފޯރި އެތަށް ބަޔަކު ނަގަމުން އަންނަ ޝޯއެކެވެ. މިވީހާ ދުވަހު ސޯޝަލް މީޑިއާގައި "ރަސްކަން" ކުރަމުން ދަނިކޮށް މިދިޔަ އަނގާރަ ދުވަހު ދިރާގުން ވަނީ އައިޑަލްގެ ފޯރި ދިވެހިންނާ ރައްޓެހި ވައިބާއަށް ތާރަފްކޮށްފަ އެވެ. އެގޮތުން އައިޑަލް ތަރިންގެ ސްޓިކާތައް ދިވެހި ވައިބާ ގްރޫޕުތަށް ވަނީ "ފަޅާލައިފަ" އެވެ.

ދިރާގުގެ އޮފިޝަލަކު "އަވަސް"އަށް ވިދާޅުވި ގޮތުގައި އައިޑަލް ތަރިންގެ ވައިބާ ޕެކް ތައާރަފް ކުރިތާ ފަސް ގަޑިއިރު ތެރޭގައި 25،000 މީހުން ވަނީ އެ ޑައުންލޯޑުކޮށްފަ އެވެ. އަދި މިއަދާ ހަމަޔަށް ހަތަރު ދުވަސް ވީއިރު 44،000 އަށް ވުރެ ގިނަ މީހުން އައިޑަލްގެ ވައިބާ ޕެކް ބޭނުން ކުރަމުން އެބައާދެ އެެވެ.

"އައިޑަލްގެ ވައިބާ ޕެކްއާ ޑައުންލޯޑު ކުރާއިރު ދިރާގުގެ ޕަބްލިކް އެކައުންޓު ފޮލޯ ކުރަން ޖެހޭ. ޕަބްލިކް އެކައުންޓުވެސް މިހާރު 44000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރޭ. އައިޑަލް ސްޓިކާތައް ވަނީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައި،" އޭނާ ވިދާޅުވި އެވެ.

އައިޑޮލް ސީޒަން ދެ އެއްގެ ގްރޭންޑް ފިނާލޭއަށް ތައްޔާރުވެފައި ވަނިކޮށް ދިރާހުން އައިޑަލް ސްޓިކާތައް ހިލޭ ދޫކޮށްލުމުން ވައިބާގެ އާއިލީ ގްރޫޕުތަކާއި އޮފީސް ގްރޫޕުތަކާއި އަދި ރައްޓެހިންގެ މެދުގައި އެ ބޭނުން ކުރާ މިންވަރު ވަނީ އިންތިހާއަށް އިތުރުވަމުންނެވެ.

އައިޑަލް ވައިބާ ސްޓިކާ ޕެކްގައި ޖަޖުންނާއި ބައިވެރިން އެންމެ ގިނައިން ބުނާ އެއްޗެއްސާއި ދިރާގުގެ އެންމެ ހިނގި އެއް އިސްތިހާރު ކަމަށްވާ "ލައްވާލީމަ 4ޖީ" ސްޓިކާ ވެސް ހިމެނެ އެވެ. އޭގެ އިތުރުން އައިޑާލް ސީޒަން ދޭއްގެ ފައިނަލިސްޓުންނާއި ސީޒަން އެކެެއްގެ ބައިވެރިންވެސް ހިމެނެ އެވެ.