އިސްލާމީ ދުނިޔޭގެ އަދުގެ ހާލަތު (ފުރަތަމަ ބައި) ލިޔުއްވީ: އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު --
حاضر العالم الإسلامي: މީގެ މާނައަކީ އިސްލާމީ އުއްމަތުގެ އަދުގެ ޙާލަތު ދެނެގަތުމެވެ. އެހެން ނަމަވެސް އަލިއަޅުވާލާނީ ހަމައެކަނި އަދުގެ ޙާލަތާ ބެހޭ ގޮތުންނެއް ނޫނެވެ. އަދުގެ ޙާލަތު ރަނގަޅަށް ދެނެގަންނަން އެގޭނީ، އިސްލާމީ އުއްމަތް ފެށިގެން އައިގޮތް ރަނގަޅަށް ދެނެގަނެވިގެންނެވެ. މިއުއްމަތުގެ އަސްލެއްވެއެވެ. މި ޢިލްމުގެ މަޤްޞަދަކީ އިސްލާމީ އުއްމަތުގެ އެހާރާއި މިހާރުގެ ޙާލަތުގެ މައްޗަށް ބިނާކޮށް ވާހަކަދެއްކުމެވެ. އަދި މި ޢިލްމަކީ އިސްލާމީ އުއްމަތުގެ އެހާރާއި މިހާރު ހިނގާފައިވާ ތަފާތު ކަންތައްތައް (ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، އަޚްލާޤީ) މި ނޫނަސް އިސްލާމީ އުއްމަތަށް ދިމާވާ ތަފާތު ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ޢިލްމެކެވެ.
މި ޢިލްމުގެ ބޭނުމަކީ، ދުނިޔޭގައި މުސްލިމުން ދިރިއުޅެމުންދާ ގޮތްތައް، އަދުގެ މުސްލިމު ދަރިން ދެނެގަތުމެވެ. އިސްލާމީ އުންމަތުގެ ފިކުރީ، ސިޔާސީ، އިޤްތިޞާދީ، އިޖްތިމާޢީ، އަދި އަޚްލާޤީ ޙާލަތުގެ މައްޗަށް އިސްލާމީ އުންމަތް ހޭލެއްވުމެވެ. އަދި މި އުއްމަތަށް ދިމާވާ ތަފާތު ގޮންޖެހުންތައް އޮޅުންފިލުވައިދިނުމާއި، މި މާތް އުންމަތް އެކުވެރިކުރުވައި، އުންމަތުގެ ތާރީޚާއި ޙަޟާރާތް އަލުން ބިނާކުރުމުގެ ފިކުރު އާލާކުރުވައި، ދުނިޔޭގެ ތަފާތު މުއައްސަސާތައް ދެނެގަތުމާއި، އެތަންތަނުގެ މަސައްކަތް ދަނެގަތުން ފަދަ ކަންކަމާއި އިސްލާމްދީނަކީ ޢާލަމްތަކަށް ފޮނުވުނު ދީނެއްކަން ދެނެގަތުމެވެ.
ﷲ ވަޙީކުރައްވާފައިވަނީ؛ (إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ)( ) މާނައީ؛ ހަމަކަށަވަރުން، މިއީ، އެއް އުއްމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އެއްމަތެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް އަޅުކަންކުރާށެވެ!
ދުނިޔެ
ދުނިޔެ އުފެއްދެވި ގޮތުގެ ވާހަކަ މާތް ﷲ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވެއެވެ.
(أَوَلَمْ يَرَ الّذِينَ كَفَرُوَاْ أَنّ السّمَاوَاتِ وَالأرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَآءِ كُلّ شَيْءٍ حَيّ أَفَلاَ يُؤْمِنُونَ * وَجَعَلْنَا فِي الأرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجاً سُبُلاً لّعَلّهُمْ يَهْتَدُونَ * وَجَعَلْنَا السّمَآءَ سَقْفاً مّحْفُوظاً وَهُمْ عَنْ آيَاتِهَا مُعْرِضُونَ * وَهُوَ الّذِي خَلَقَ الْلّيْلَ وَالنّهَارَ وَالشّمْسَ وَالْقَمَرَ كُلّ فِي فَلَكٍ يَسْبَحُونَ)
މާނައީ: "ހަމަކަށަވަރުން، އުޑުތަކާއި ބިން، އެކަތިގަނޑަކަށް ވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން، ކާފަރުވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ، އެއުރެން އީމާންނުވަނީ ހެއްޔެވެ؟ އަދި އެއުރެންނާއިގެން އެ ބިން، ތެޅިފޮޅިގެންފާނެ ކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް، ތިމަންރަސްކަލާނގެ ބިމުގައި ލެއްވީމެވެ. އަދި އެ ބިމުގައި، ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. (އެއީ) އެއުރެންނަށް މަގު އެނގުމަށްޓަކެވެ. އަދި ރައްކާތެރި ކުރައްވާފައިވާ ފުރާޅެއްކަމުގައި، ތިމަންރަސްކަލާނގެ އުޑު ލެއްވީމެވެ. އަދި އެއުރެންނަކީ އެތާނގެ (އިރު ހަނދާއި ތަރިތައް ފަދަ) ހެކިތަކަށް ފުރަގަސްދޭ ބަޔެކެވެ. އެކަލާނގެއީ، ރޭގަނޑާއި ދުވާލު، އަދި އިރާއި ހަނދު ހެއްދެވި ރަސްކަލާނގެއެވެ. އެއިން ކޮންމެ އެއްޗެއްމެ، ފަލަކެއްގައި ހިނގަހިނގާ ހުރެތެވެ.
އިސްލާމް ދީނުގެ ކުރީގެ ބައެއް ޙަޟާރަތްތައް
- ދިލްމޯނީ ޙަޟާރަތް (ބަޙްރައިން)
- ފިރުޢައުނީ ޙަޟާރަތް (މިޞްރު)
- އާޝޫރީ، ބާބިލީ، އަލް މަނާޛިރާގެ ޙަޟާރަތް (ޢިރާޤު)
- އަލް ޔަބޫސިއްޔާ، ކަންޢާނީ، ފީނީޤީ ޙަޟާރަތް (ފަލަސްޠީން، ލުބުނާން)
- އަލް އަރާމިއްޔާ، އަލް ޣަސާސިނާ ޙަޟާރަތް (ސޫރިޔާ)
- އަލް މުޢާބިޔަތު، އަލް އަންބާތު ޙަޟާރަތް (އުރުދުން)
- ސަބްއިއްޔާ، ޙިމްޔަރިއްޔާ، ތަބާބިއާ ޙަޟާރަތް (ޔަމަން)
- ފާރިސީ ޙަޟާރަތް (އީރާން، އަފްޣާނިސްތާން)
- އުރުދޫ ޙަޟާރަތް (ޕާކިސްތާން، އިންޑިޔާ)
- މަލާޔާ ޙަޟާރަތް (މެލޭޝިޔާ، އިންޑޮނޭޝިޔާ)
- ކޯރުގެ އަނެއް ފަރާތުގެ ޙަޟާރަތް (އުޒްބަކިސްތާން، ކަޒަކިސްތާން، ތުރުކުމާނިސްތާން)
- ތުރުކޫ ޙަޟާރަތް (އައްސީނު ޗައިނާ )
- ޙަބަޝީ ޙަޟާރަތް (އެރިތެރިޔާ / ޞޫމާލިޔާ / ޖިބޫތީ / ސޫދާން)
އިސްލާމް ދީން އައުމުގެ ކުރިން އުފެދިފައިވާ ޙަޟާރާތްތަކަށް ބަލާއިރު، އިސްވެ ދެންނެވި ޙަޟާރަތްތަކުގެ އިތުރުން ރޯމަނުންގެ ޙަޟާރަތާއި ޔޫނާނީ ޙަޟާރަތަކީ ވެސް ތަރައްޤީވެ ކުރިއަރާފައިވާ ޙަޟާރަތްތަކެކެވެ. މި ޙަޟާރަތްތައް މަޝްހޫރުވެ ކުރި އަރާފައިވަނީ ތަފާތު ފަންނީ މަސައްކަތްތަކުގައެވެ. އޭގެ ތެރޭގައި ލޮއިގެ މަސައްކަތާއި ތަފާތު އަތްތެރި މަސައްކަތާއި ތަފާތު ޢިލްމުތަކުގައި ކުރިއަރައިގެން ގޮސްފައިވެއެވެ.
ކީރިތި ރަސޫލާ އިސްލާމީ ރިސާލާތާއިގެން ވަޑައިގަތުމުގެ ކުރިއަށް ބަލާއިރު، ދުނިޔެވަނީ އަނދިރިކަމުގެ ތެރޭގައެވެ. ޖާހިލުކަމާއި އަނިޔާވެރިކަން ޢާންމުވެފައެވެ. އެކަލޭގެފާނުގެ ރިސާލަތަށް ފަހުގައި މުޅި ދުނިޔެ ބަދަލުވެގެން ދިޔައެވެ. މުޅި ދުނިޔޭގައި އަމާންކަމާއި ޢަދުލުވެރިކަން ފެތުރިގެން ދިޔައެވެ. މި ގޮތުގައި މުޅި ދުނިޔެ 1924މ. ވަނަ އަހަރާ ހަމައަށް ދެމިގެން ދިޔައެވެ.
އިސްލާމް ދީން ފާޅުވުމަށްފަހު މިއުންމަތް ހަތް ދައުރަކަށް ބެހިގެން ދެއެވެ.
1- ކީރިތި ރަސޫލާ (صلى الله عليه وسلم)ގެ ދައުރު (1-11ހ.)
2- ޚުލަފާއުއް ރާޝިދީންގެ ދައުރު (11-41ހ.)
3- އުމަވީ ޚިލާފަތުގެ ދައުރު (41-132ހ.)
4- އައްބާސީ ޚިލާފަތުގެ ދައުރު (132-245ހ.)
5- ފުރަތަމަ ބައިބައިވުން (245-656ހ.)
6- އުޘްމާނީ ޚިލާފަތުގެ ދައުރު (656-1342ހ.)
7- ދެވަނަ ބައިބައިވުން (1342 ވަނަ އަހަރުން މިއަދާ ހަމައަށް)
އިސްލާމީ އުއްމަތް:
މި މުޞްތަލަޙް ޝާމިލްވެގެންވާ ގޮތުން ދޭހަވާ މާނައަކީ މިއީ އެއް އުއްމަތެކެވެ. އެއީ އިސްލާމީ އުއްމަތެވެ. އެންމެން އެއް ދީނަކަށް ތަބާވާ އެއް ޘަޤާފަތަކަށް ތަބާވަމުންދާ، އެއް ފިކުރަކާއި އެއް ވިސްނުމަކަށް ތަބާވަމުންދާ، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައެވެ.
އަލްއުއްމަތް: މިއީ ކީރިތި ޤުރުއާނުގައި ކަށަވަރުކޮށްދެއްވާފައިވާ ކަމެކެވެ. ﷲ ވަޙީކުރައްވާފައިވަނީ (إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ)( ) މާނައީ: ހަމަކަށަވަރުން، މިއީ، އެއް އުއްމަތެއް ކަމުގައިވާ ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް އަޅުކަންކުރާށެވެ!
މީގެ އިތުރުން ވެސް ހަމަ މި މާނައިގައި އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (وَإِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ)( ) މާނަ: އަދި ހަމަކަށަވަރުން، މިއީ އެއް އުއްމަތެއް ކަމުގައިވާ، ތިޔަބައިމީހުންގެ އުއްމަތެވެ. އަދި ތިމަން ރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެއަށް ބިރުވެތިވެ، ތަޤްވާވެރިވާށެވެ!
އިސްލާމީ ތާރީޚުގެ ދިގު މުއްދަތުގައި އިސްލާމީ އުއްމަތް، އެއް އުއްމަތްވަންތަކަމުގެ ގޮތުގައި ދެމިއޮތެވެ. މި އުއްމަތް ދެމިއޮތުމާއި އުއްމަތުގެ އާރާއިބާރު، ޢިއްޒަތާއި ޝަރަފް ދެމިހެއްޓި މުހިއްމު ކަމަކީ އެއް އުއްމަތްވަންތަކަމެވެ. އިސްލާމީ އުއްމަތުގެ ޢަދާވަތްތެރިން، ޔަހޫދީންނާއި ނަޞާރާއިންނާއި ޒިންދީޤުންނާއި ބާޠިނީން ފަދަ މި އުއްމަތަށް ގޮންޖެހި އިދިކޮޅު ޖަމާޢަތްތަކުގެ ކުރިމަތީގައި އުއްމަތް ނިކަމެތިނުވެ ސަލާމަތްވީ އެއް އުއްމަތްވަންތަކަމުގެ ސަބަބުންނެވެ. މި އެއްބައިވަންތަކަން ޤާއިމުވެފައި އޮތީ ދިނާއި ސަޤާފީ އެއްބައިވަންތަކަމުގެ ސަބަބުންނެވެ.
ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުގެ ހިޔާވަހިކަމުގެ ތެރޭގައި މި އުއްމަތުގެ ހުރިހާ ކަމެއް ފުރިހަމަކަމާ އެކު ކުރިއަށް ދިޔައެވެ. އުއްމަތުގެ އަގުތަކާއި އާދަކާދަތައް ކަނޑައަޅައިދިނީ މި ދެމަޞްދަރުގެ އަލީގައެވެ. ދުނިޔެ އާރާސްތުކޮށް، އާޚިރަތް ބާއްޖަވެރިކުރުމާ ދިމާއަށް އުއްމަތް މިސްރާބުކުރުވީ މި ދެ މަޞްދަރެވެ. ޢަރަބި ބަސް އުއްމަތުގެ ބަހެއްކަމުގައި ހެދީ މިމާތް އުޞޫލުގެ މަތީގައެވެ.