ވިޔަފާރި

ޓޫރިސްޓް އެނދުގެ އަދަދު 11 ޕަސެންޓް އިތުރުވެއްޖެ

May 13, 2017
  • ޖުމްލަ 127 ރިސޯޓު އެބަހުރި
  • ގެސްޓްހައުސް 414 އަށް އިތުރުވި
  • ސަފާރީޔައް ވެސް ވަނީ އިތުރުވެފައި

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހިދުމަތްދޭ ޓޫރިސްޓު އެނދުގެ އަދަދު 11 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހާއި މަޗު މަހުގެ ނިޔަލަށް ރާއްޖޭގައި ހުރީ 34،167 ޓޫރިސްޓުން އެނދެ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް އެނދުގެ އަދަދު ވަނީ 38،078 އަށް އިތުރުވެފަ އެވެ. މި އަދަދަކީ ގާތްގަނޑަކަށް 11 ޕަސެންޓުގެ އިތުރު ވުމެކެވެ.

ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ 127 ރިސޯޓުގައި 27،478 އެނދު އެބަހުއްޓެވެ. އަދި ރާއްޖޭގެ 16 ހޮޓަލެއްގައި 1،610 އެނދު ހުރިއިރު، 414 ގެސްޓް ހައުސްއެއްގައި 6،311 އެނދު އެބަހުއްޓެވެ. މީގެ އިތުރުން 144 ސަފާރީގައި 2،610 އެނދުން ދަނީ ހިދުމަތް ދެމުންނެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރިސޯޓުތަކުގައި ޓޫރިސްޓުން ހޭދަކޮށްފައިވަނީ 1،842،779 ރެ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޓޫރިސްޓުން ހޭދަކޮށްފައިވާ 1،829،779 ރެއާ އަޅާބަލާއިރު ނުވަ ޕަސެންޓް އިތުރު އަދަދެކެވެ. އަދި ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގައި މި އަހަރުގެ މިހާތަނަށް ޓޫރިސްޓުން 2،014،371 ރޭ ހޭދަކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ހޭދަކޮށްފައިވަނީ 2،010،885 ރެ އެވެ. މި އަދަދަކީ ގާތްގަނޑަކަށް 0.2 ޕަސެންޓް އިތުރުވުމެކެވެ. ނަމަވެސް މި މުއްދަތުގައި ޓޫރިޒަމް އޮކިއުޕެންސީ ވަނި ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު 70.9 ޕަސެންޓުގައި ހުރިއިރު، މި އަހަރު ވަނީ 60.7 ޕަސެންޓުގަ އެވެ. މި އަދަދަކީ 10.2 ޕަސެންޓް ދަށް އަދަދެކެވެ.

ޓޫރިސްޓު އެނދުގެ އަދަދު އިތުރުވެގެން ގޮސްފައިވާއިރު، ރިސޯޓު ތަރައްގީ ކުރުމަށް ސަރުކާރު ދަނީ ބޮޑެތި ލުއިތަކެއް ދެމުންނެވެ. މިދިޔަ އަހަރު ވެސް އާގިނަ ރިސޯޓުތަކެއް ވަނީ ހުޅުވާފަ އެވެ. ސަރުކާރުގެ އަމާޒަކީ މި ދަތުރުގައި 50 ރިސޯޓު ބާޒާރަށް ގެނައުމެވެ.