ބޮލީވުޑް

"ގޯލްމާލް އެގެއިން" އާއި "2.0" ކުރިމަތިލުމަކަށް ނުދާނެ

May 13, 2017

ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ކޮމެޑީ ސިލްސިލާ ފިލްމު "ގޯލްމާލް" ސިލްސިލާގެ ހަތަރު ވަނަ ފިލްމު "ގޯލްމާލް އެގެއިން" އާއި ރަޖްނިކާންތް އަދި އަކްޝޭ ކުމާރުގެ "2.0" އެއް ދުވަހެއްގައި ރިލީޒްނުކުރާނެ ކަމަށް ރޯހިތު ބުނެފި އެވެ.

އިންޑިއާގައި ފާހަގަކުރާ އެއް ބޮޑު ފެސްޓިވަލް ކަމަށްވާ ދިވާލީއާ ދިމާކޮށް މި ދެފިލްމު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް "ގޯލްމާލް އެގެއިން" މިވަނީ ރިލީޒްކުރާ ދުވަސް ބަދަލުކޮށްފަ އެވެ.

އަޖޭ ދޭވްގަން އާއި ޕަރިނީތީ ޗޯޕްޅާ އާއި އަރްޝަދް ވާސީ އާއި ތުޝާރް ކަޕޫރު އަދި ޝްރެޔާސް ތަލްޕަޑޭ މުހިންމު ރޯލުތަކުން ފެނިގެންދާ "ގޯލްމާލް އެގެއިން" ރިލީޒްކުރާ ދުވަސް ބަދަލުކޮށްފައިވަނީ "2.0" އާ އެކު ކުރިމަރިލުމަކަށް ނުދާންވެގެންނެވެ.

މި ފިލްމުގެ ޑައިރެކްޓަރު ރޯހިތު ވަނީ އޭނާގެ ފިލްމު ރިލީޒްކުރާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރީ ރަޖްނިކާންތް އާއި އަކްޝޭގެ ފިލްމާއެކު ކުރިމަތިލުމަކަށް ނުދިއުމުގެ އިތުރުން ފިލްމު އެއްކޮށް ދިވާލީ އަށް ނުނިންމިދާނެ ކަމަށް ބުނެފަ އެވެ.

" ދެ ފިލްމުވެސް ދެން ރިލީޒްވާނީ ދެ ދުވަހެއްގައި. އުންމީދު ކުރަނީ އަހަރެންގެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް" ރޯހިތު ބުނެފައިވެ އެވެ.

ރަޖްނިކާންތް އާއެކު އަކްޝޭ ނުބައިބައި ރޯލަކުން ފެނިގެންދާ "2.0" ފަސްކޮށްފައިވަނީ އަންނަ އަހަރަށެވެ. ބުނެވޭ ގޮތުގައި މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

"2.0" އާ އެއްދުވަހެއްގައި "ގޯލްމާލް އެގެއިން" ރިލީޒްނުކުރި ނަމަވެސް އާމިރް ޚާން ހާއްސަ ރޯލަކުން ފެނިގެންދާ "ސީކްރެޓް ސުޕަސްޓާ" އާ މި ފިލްމު ރިލީޒްކުރާނީ އެއް ދުވަހެއްގަ އެވެ. އެ ދެ ފިލްމުގެ ކުރިމަތިލުމާ ބެހޭގޮތުން ރޯހުތު ބުނެފައިވަނީ އަހަރެއްގައި 52 ހުކުރު އޮންނައިރު، 300 އަށް ވުރެން ގިނަ ފިލްމު ރިލީޒްކުރާ ކަމަށެވެ. އެހެންކަމުން އެ ފިލްމުތަކުގެ ތެރެއިން ކޮންމެ ވެސް ދެ ފިލްމެއް އެއް ދުވަހެއްގައި ރިލީޒްކުރަން ޖެހޭނެ ކަމަށާއި އެކަން މާބޮޑު ކަމަށް ނަހަދާ ކަމަށެވެ.

"ގޯލްމާލް އެގެއިން" ގެ ހާއްސަ ރޯލަކުން ބަތަލާ ތައްބޫ އާއި ނީލް ނިތިން މުކޭޝް ވެސް ފެނިގެންދާނެ އެވެ.