މޯލްޑިވިއަން އައިޑޮލް 2

ފިނާލޭ ބަލަން "މާޓީވީ" މާ ސަޅިވާނެ!

ގޭގައި ކުރަން ހުރި ހުރިހާކަމެއް ނިންމާލާފައި އެންމެން ތައްޔާރުވަނީ މިރޭ އޮންނަ މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭގެ ޝޯ ބަލާށެވެ. ކުލައެއް ފިކުރެއް އުމުރުގެ ތަފާތެއް ނެތި އެ ޝޯއަކަށް މުޅި ރާއްޖެ އިންތިޒާރު ކުރުމުން އަންނަ އައިޑޮލް ގްރޭންޑް ފިނާލާގެ ޝޯގެ ރެޑް ކާޕެޓް މިރޭ ފަށާނީ ބަރާބަރު 8:15 އިގަ އެވެ. ޝޯ ފަށާނީ 9:00 ޖަހާއިރު އެވެ.

ސީޒަން ދޭ ނިމުމަކާ ހަމަޔަށް އައިސް ހިތް ތެޅޭ ވަގުތުތައް ގުނަން ފަށާފައިވާއިރު މިރޭ އެންމެން ވެސް ޝޯ ބަލަން ސިޓިން ރޫމްތަކަށް ޖަމާވާނެ އެވެ. އެކަމަކު އެންމެ ފޯރީގައި މިރޭ "ކައްކާ" ލާނީ މިހާރުވެސް ހުކުރު ހޮނިހިރު ދުވަހުގެ ރޭ ޝޯ ބަލަން ގިނަ ބަޔަކު ޖަމާވާ ބޮޑުތަކުރުފާނު މަގުގައި އުސްފަސްގަނޑާ ދިމާއަށް ވާ ގޮތަށް ކަރަންޓް ކުންފުނި، ސްޓެލްކޯ ބަހައްޓާފައިވާ މާ ޓީވީ ކައިރި އެވެ. އެއީ ގައިމު ތަނެކެވެ. އައިޑޮލްގެ ސީޒަން ދޭއް ފެށީއްސުރެ ޝޯބަލަން މާޓީވީން ކައިރިއަށް ގިނަ އަދަދެއްގެ މީހުން ޖަމާވެ އެވެ. އަދި ދުވަހެއް ދުވަހަކަށް ދިޔައީ ވެސް ޖަމާވާ މީހުން އިތުރުވަމުންނެވެ. މިރޭ ވެސް ފިނާލޭ ބަލަން މާ ޓީވީ ދޮށަށް ދާން ގިނަ ބަޔަކު މިހާރުވެސް "ފުށް ޖަހަން" ފަށާފައިވާނެ ކަން ޔަގީނެވެ.

މާޓީވީގައި ހުކުރު ހޮނިރު ދުވަހުގެ ރޭ ގަވާއިދުން އައިޑޮލްގެ ޝޯ އަޅުވަ އެވެ. އައިޑޮލްގެ ޝޯތައް އޮންނަ އެއްވެސް ރެއެއްގައި އުސްފަސްގަނޑުގެ "ރީނދޫ މުޒާހަރާ" އަކަށް ނުވިޔަސް މީހުން މަދެއް ނުވެ އެވެ. ދުރުގައި ހުރުގެން އެދިމާއަށް ބަލާލާއިރު ސިފަވަނީ ހާމަ އަށް ފިލްމު ބަލާލުމަށް ބޭރު ގައުމުތަކުގައި ހަދާފައި ހުންނަ ބޮޑު އޯޕަން ސިނަމާއެއް ހެނެވެ. އެކި ހިސާބު ތަކުގައި ވަކި ވަކިން މީހުން ފޫހަރާލައިގެން ތިބޭއިރު އެހެންޏާ ތޮށި މަތީގައި އެކަކު އަނެކަށް ލެނބިގެން ތިބޭ ޖޯޑްތައް ވެސް ތިބެނީ މާޓީވީއަށް ބަލަހައްޓައިގެނެވެ. ގުރޫޕް ހަދާލައިގެން ފޯރިނަގާ ބައިގަނޑުގަނޑުވެސް ހީނ ސަކަރާތް ގަންނަނީ މާޓީވީގެ ތެރެއަށް ވަދެ ތިބެގެނެވެ.

މާ ޓީވީ މައިޒާނަކީ މިހާރު ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުވެސް ތަނަކަށް އޮންނަނީ ވެފަ އެވެ. އެހާ މަގުބޫލު ވަނީ ސަބަބުތަކެއް އޮވެގެނެވެ. އެއް ކަމަކީ އެއީ ކަނޑު އަރައިގެން އަންނަ ރާޅާއި ހިތް ފަސޭހަ ވައި ލިބޭ ސަރަހައްދެކެވެ. ހރައްޓެހިން އެކުއެކީގައި ސަމާސާކޮށް ސަކަރާތް ޖަހާލައި ލަވަ ބާޒީ ހަދަން ފައްކާ ތަނެކެވެ. ލޯބިވެރިން އެކުގައި ހިތް ހަމަ ޖައްސާލައި ބޮޑު ޓީވީ އަކުން އައިޑޮލް ބަލާލަން އެވަރު އެހެން ތަނެއް އަމުދިން ވެރިރަށް މާލޭގައި ނެތީމަ އެވެ.

"މިތަން ވަރަށް ހިތްގައިމު. އޯޕެން އޭރިއާއަކަށް ވެފައި ވަރަށް ރޮމޭންޓިކް. އެންމެނާއެކު އައިޑޮލް ބަލާލަންވީމަ ވަރަށް ސަޅި. ހިތް ހަމަ ޖެހިގެން ބަލާލެވޭ. އެންމެންވެސް އައިޑޮލްގެ ފޯރީގަ ތިބޭނީ،" މާ ޓީވީން ޝޯ ބަލަން ރޭ އެ ބިޔަ ޓީވީ ދޮަށަށް ދިޔަ ޒުވާނަކު ކޮމެންޓެއް ދިނެވެ.

ގޭގައި އެކަނި ކުޑަކުޑަ ޓީވީ ބުޑުގައި އިނދެގެން އައިޑޮލް ބަލަން އިންނާނެ ކަމެއް ނެތެވެ. މާޓީވީއަކީ މާ ބޮޑަށް ވެސް ޔަގީނުން ތަނެކެވެ. ކިކްގައި އައިޑޮލް ބަލައިލާ ސަކަރާތް ގެނެލަން ވަރަށް ވެސް ހިތްގައިމު ތަނަކެވެ. ގޭގައި އުޅޭ މީހުންނަށް އުނދަގޫ ވެދާނެތީ ތުނބުން ފުމެލައި ހަޅޭ ލަވައިލެވޭ ގޮތް ނުވިޔަސް މާޓީވީ ދޮށުގައި އެކަހަލަ ހުރަހެއް ނޯންނާނެ އެވެ. އަޑު ގަދަކޮށް މަންޒަރު ބޮޑުކޮށް ޝޯ ބަލާލަން އެހާވެސް ފައްކަލެވެ. މިރޭ މީ ފަހު ރެއެވެ. މިހާރުންސުރެ ރައްޔާރުވާންވީ ގަޑިއަށް ގޮސް ހަމަޖެހިލައިގެން އިނދެވޭނެ ގާޖަހައެއް ހޯދާށެވެ.

"އައިޑޮލްގެ ޝޯތަކުގެ ފޯރި ނަގާލާ ސަކަރާތް ޖަހާލާކަށް މިއަށްވުރެ ކަމުދާ އެހެން ތަނެއް ނޯވެ. ގޭގެ ކުޑަ ތަންކޮޅެއްގައި ޖެހެނީ ކުޑަ ކުޑަ ޓީވީ ބަލަން. އެހެންވީމަ ކިކެއް ނާދޭ. އެކަމު މިތަނަށް ޖައްސާލީމަ އަރަނީ އެހެން ކަހަލަ ކިކެއް. އަަސްލުވެސް އެންމެން އެކީގައި އައިސް ފޯރި ނަގާލާފައި ސަކަރާތް ޖަހާލައި ދާތައް ބޭރުކޮށްލަން މިވަރު ތަނެއް ނޯންނާނެ" އެހެން ޒުވާނަކު ބުންޏެވެ. މިހާ ކިކެއް އަރާފައި ހުރީވެސް އަންހެން ކުއްޖެކެވެ.

މިރޭ މޯލްޑިވިއަން އައިޑޮލްގެ ފިނާލޭއަށް މުޅި ރާއްޖެ ގަނޑުކޮށް އިންތިޒާރު ކުރަމުން އެބަދެ އެވެ. އެހެން ކަމުން އެންމެން އެކީގައިގޮސް މާޓީވީ ކައިރީގައި ފޯރި ހިއްޕާލަން ކިހިނެއް ވާނެ ހެއްޔެވެ؟