ކުޅިވަރު

އިނގިރޭސި ޗެމްޕިއަންކަން ޗެލްސީއަށް، ކޮންޓޭގެ ހުވަފެން ހަގީގަތަކަށް

May 13, 2017

އިނގިރޭސި ޕްރިމިއާ ލީގް ޗެމްޕިއަން ކަމަކީ، ދެކެމުން އައި ހުވަފެނެއް ހަގީތަކަށްވުން، ކަމަށް، މި ސީޒަންގެ ލީގް ޗެމްޕިއަންކަން، ޗެލްސީއަށް ހޯދައިދިން އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ވެސްޓްބްރޯމްވިޗް އަތުން 1-0 ގެ ހަނި މޮޅަކާއެކު، ބާކީ ދެ މެޗު އޮތްވައި ޗެމްޕިއަންކަން ކަށަވަރު ކުރުމަށްފަހު، ކޮންޓޭ ބުނީ، ކާމިޔާބުގެ ހައްގުވެރިންނަކީ އޭނާގެ ކުޅުންތެރިން ކަމަށާއި ކާމިޔާބު ހާއްސަ ކުރަނީ ވެސް ކުޅުންތެރިންނަށް ކަމަށެވެ.

ޗެލްސީގެ ސަޕޯޓަރުންނާއެކު، ވެސްޓްބްރޮމްވިޗް ސިޓީއަށް ދަތުރު ކުރި ޓީމު، ބްރޮމްވިޗްގެ ދަޑުގައި ކުޅުނު މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިޝީ ބަޓްޝުއާއީ އެވެ.

މިއީ ޕްރިމިއާ ލީގް ޗެލްސީއިން ކާމިޔާބު ކުރި ހަ ވަނަ ފަހަރެވެ. މެދު ކެނޑުމަކަށްފަހު އަލުން ކުލަބު ފުޓްބޯޅައަށް އައި ކޮންޓޭގެ މިކާމިޔާބުގެ މާނައަކީ ކުލަބު ފުޓްބޯޅައިގައި އެންމެ ފަހުން މަސައްކަތް ކުރި ހަތަރު އަހަރުވެސް އޭނާ މިވަނީ ކާމިޔާބު ހޯދާފައި ކަމެވެ. އަދި ޔުވެންޓަސް އާއި ޗެލްސީގައި އޭނާ ކުރިމަތިލި 150 މެޗުގެ ތެރެއިން 111 މެޗު އޭނާ މިވަނީ ކާމިޔާބު ކޮށްފަ އެވެ.

ޖެހިޖެހިގެން ހަ ވަނަ ފަހަރަށް، އިޓަލީގެ ޗެމްޕިއަންކަން ޔުވެންޓަސް ހޯދުމުގެ ސިލްސިލާ ފެށިގެން އަންނަނީ 2012 ވަނަ އަހަރު ކޮންޓޭ ހަމައިން ނެވެ. އެއަށް ފަހު ޖެހިގެން އައި ދެ އަހަރުވެސް، ޔުވެނޓްސް ލީގް ހޯދިއިރު އެޓީމުގެ ކޯޗަކަށް ހުރީ ކޮންޓޭ އެވެ. އޭނާ އިޓަލީގެ ގައުމީ ޓީމާ ހަވާލުވީ 2014 ވަނަ އަހަރުގެ ސީޒަނަށް ފަހު އެވެ.

ކޮންޓޭ އަކީ، އިނގިރޭސި ޕްރިމިއާ ލިގް ކާމިޔާބު ކުރި އިޓަލީގެ ހަތަރު ވަނަ ކޯޗެވެ.