ސައުދީ އަަރަބިއްޔާ

އެމެރިކާގެ ހަތިޔާރު ގަންނަން ސައުދީން އަގު ބޮޑު އެއްބަސްވުންތަކެއް ހަދަނީ

May 13, 2017
2

އެމެރިކާއިން އުފައްދާ ހަތިޔާރު ގަތުމަށް އެތައް ސަތޭކަ ބިލިޔަ ޑޮލަރުގެ އަގުހުރި އެއްބަސްުންތަކެއްގައި ސޮއިކުރަން ދެ ގައުމު ތައްޔާރުވެއްޖެ އެވެ.

ނަން ހާމަ ކުރަން ބޭނުންނުވާ އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް ބުނީ އެއްބަސްވުންތަކުގެ ދަށުން 10 އަހަރު ތެރޭގައި އެމެރިކާއިން ސައުދީ އަރަބިއްޔާއަށް ފޯރުކޮށްދޭ ހަތިޔާރުގެ އަގު 300 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށެވެ. ނަމަވެސް އެމެރިކާއިން ސައުދީއަށް ހަތިޔާރު ދޭނީ އިޒްރޭލަށްވުރެ ސައުދީގެ އަސްކަރީ ގާބިލުކަން އިތުރު ނުވާ ގޮތަށް ކަމަށް ވެސް އޮފިޝަލާ ހަވާލާދީ ބުނެފައި ވެއެވެ.

"އަހަރެމެން މިހާރު މިތިބީ އެއްބަސްވުންތަކުގެ ސިލްސިލާގެ ފައިނަލް ސްޓޭޖްގައި،" އެމެރިކާގެ އޮފިޝަލް ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަަބަރުގައި ވެއެވެ. އޭނާ ވިދާޅުވެފައި ވަނީ ސައުދީ އާއި އެމެރިކާއާ ދެމެދު ގާއިމްކުރާ އެއްބަސްވުންތައް ތައްޔާރުކޮށްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަަރަބިއްޔާއަށް ވަޑައިގަންނަވާ ދުވަސްވަރާ ދިމާވާ ގޮތަށެވެ.

އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުފުޅުގައި އޭނާ ސައުދީއަށް ވަޑައިގަންނަވާނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

އެއްބަސްވުންތަކުގެ ދަށުން އެމެރިކާއިން ސައުދީއަށް ފޯރުކޮށް ދޭނީ ހަތިޔާރާއި އެތަކެތީގެ މެއިންޓެނެންސްއާއި މިސައިލް ޑިފެންސް ނިޒާމުތަކާއި ކަނޑުމަގުން ސަލާމަތީ ކަންތައްތައް ބަލަހައްޓާނެ ވަސީލަތްތަކެވެ.

އެމެރިކާއަކީ ސައުދީ އަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމެވެ. އެގޮތުން އެފް 16 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓްތަކުން ފެށިގެން ކޮމާންޑް އެންޑް ކޮންޓްރޯލް ސިސްޓަމްތައް ވެސް އެގައުމަށް ފޯރުކޮށްދެނީ އެމެރިކާއިންނެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި މައިގަނޑު ތިން ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެއީ ސައުދީގެ އިސްބޭފުޅުންނާއެކު ބާއްވާ ބައްދަލުވުމަކާއި ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ހަ ގައުމުގެ އޮފިޝަލުންނާއެކު ބާއްވާ ބައްދަލުމަކާއި އަރަބި އަދި އިސްލާމީ ވެރިންނާއެކު ބާއްބާ މެންދުރުގެ ފަރިއްކޮޅެކެވެ. އެ ފަރިއްކޮޅަށް 56 ބޭފުޅަކަށް ވަނީ ދައުވަތު އަރުވާފަ އެވެ.