ކުޅިވަރު

ގާޑިއޯލާގެ ގޭމް ސްޓައިލް ބަދަލެއް ނުކުރާނެ

May 13, 2017

ލީގް ޗެމްޕިއަންކަން ހޯދަން މެންޗެސްޓާ ސިޓީގައި، ޕެޕް ގާޑިއޯލާ ބޭނުން ކުރާ ގޭމް ސްޓައިލް އަންނަ ސީޒަންގައި ބަދަލު ނުކުރާނެ ކަމަށް، އޭނާ ބުނެފި އެވެ.

ބާސެލޯނާ އާއި ބަޔާން މިޔުނިކަށް ކާމިޔާބު ހޯދައިދިފައިވާ ކޯޗަށް، އިނގިރޭސި ލީގްގައި، ޗެލްސީއާ ވާދަވެރި ފައިޓެއް ދެވޭ ގޮތެއް ނުވި އެވެ. ލީގް ނިމުމާ ގާތްވެފައިވާއިރު، އެ ޓީމު އޮތީ، ތާވަލުގެ ހަތަރު ވަނައިގަ އެވެ. އަދި ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގައި އެޓީމު ވަނީ ފްރާންސްގެ މޮނާކޯ އަތުން ބަލިވެ ކަޓާފަ އެވެ. މިއީ ކޯޗިން ކެރިއަރުގައި ޓީމަކާ ހަވާލުވެ ހުރެ ގާޑިއޯލާ، ހުސްއަތާ ނިންމާލާ ފުރަތަމަ ސީޒަނެވެ.

ސްކައި ސްޕޯޓްސްގެ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މެންޗެސްޓާ ޔުނައިޓަޑާއި އިނގިރޭސި ގައުމީ ޓީމަށް ކުޅެފައިވާ، ގެރީ ނެވިލް ވަނީ، ގާޑިއޯލާގެ ޓެކްޓިކްސްތައް ބަދަލު ނުކޮށް، އޭނާއަށް ލީގް ކާމިޔާބު ކުރެވިދާނެތޯ ސުވާލު އުފައްދާފަ އެވެ. ނަމަވެސް ގާޑިއޯލާ ބުނެފައި ވަނީ އޭނާގެ ސްޓައިލް ބަދަލު ނުކުރާނެ ކަމަށެވެ.

"އަހަރެންގެ އަތުގައި އޮތް ހަމައެކަނި ބާރަކީ، އަހަރެންގެ ޓީމަކީ އަހަރެން ކުޅުވަން ބޭނުންވާ ގޮތަށް ކުޅޭ ކުޅުންތެރިންތަކެެއް ތިބި ޓީމަކަށް ވާކަން،" ގާޑިއޯލާ ބުންޏެވެ.

"އަހަރެންވެސް ބޭނުންވޭ ފިޒިކަލީ ވަރުގަދަ އަދި ހަލުވި ޓީމެއް އަދި ބޮލުން ޖެހުމުގައި ވެސް ރަނގަޅު ޓީމެއް، ނަމަވެސް ޓީމު ކުޅުވާނީ އަހަރެން ބޭނުންވާ ގޮތަށް، ގެރީ ނެވިލް ކުޅުނީ ހަމައެކަނި އިންގްލެންޑްގައި، އެހެން އިތުރު ގައުމެއްގައި އޭނާ ނުކުޅޭ އެހެންވީމަ އޭނައަށް އެކަން އަޅާ ކިރާކަށް ފަސޭހައެއް ނުވާނެ، އަހަރެން މިވާހަކަ ދައްކަނީ މިސާލަކަށް ފިޒިކަލް ނެތްކަމަށް ބުނާ ޖަރުމަންގެ ވާހަކައެއް ނޫން ނުވަތަ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ ވާހަކަ އެއްނޫން، އަހަރެން މިބުނަނީ އެމީހުންގެ ފިޒިކަލް ނެތް ވާހަކަ އެއް ނޫން އެ ހާލަތު ގައި އެެއްގޮތްތަކެއް އެބަހުރި."

އޭނާ ބުނީ އިނގިރޭސި ފުޓްބޯޅައިގައި ވެސް ގިނައިން ކުޅުވަނީ އެގޮތަށް ކަމަށާއި އަދި ވަރަށް ބޮޑަށް ވިއްދައިގެން ކުޅުވާ ކަމަށެވެ. ނަމަވެސް، މެންޓަލީ ވަރުގަދަވެގެން ގިނަ ފުރުސަތުތައް އުފައްދައިގެން ކުޅެވޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ. އެހެންވެ އޭނާ ފޯކަސް ކުރަނީ މެންޓަލީ ވެސް ވަރުގަދަ ޕްލޭންތަކެއް ހިމަނައިގެން ކުޅުވުމަށެވެ.

މެންޗެސްޓާ ސިޓީގެ ސްޕެއިންގެ ފޯވަޑް، ޑޭވިޑް ސިލްވާ ގަބޫލު ކުރާ ގޮތުގައި ވާދަވެރި ޓީމުތަކާ ދެކޮޅަށް އަންނަ ސީޒަންގައި ސިޓީއަށް ރަނގަޅު ކުޅުމެއް ދެއްކޭނެ އެވެ.

"އަންނަ ސީޒަންގައި އަހަރެމެން ވާދަ ކުރާނަން ހުރިހާ ތައްޓަކަށް، މި ސީޒަންގައި މިދިޔައީ އަހަރެމެންގެ ފުރަތަމަ ކުރިމަތިލުން، މިހާރު މުޅި ޓީމަށް އޮޅުންފިލައިފި ޓިމުގެ ހިޔާލަކީ ކޮބައިކަން، އަންނަ ސީޒަންގައި އަހަރެމެން ވާދަވެރި ކަމާއެކު ނިކުންނާނަން. އަހަރެމެންގެ އޮތީ ވަރަށް ސާފު ހިޔާލެއް، އަހަންނަށް ޔަގީން އާ ކުޅުންތެރިން އަންނާނެކަން އަހަރެމެންގެ މި ހިޔާލުގައި މަސައްކަތްކަތް ކޮށް އަހަރެމެންގެ ގޯލް ހާސިލު ކުރެވޭނ،" ސިލްވާ ބުންޏެވެ.