މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ ގަދަ ތިނެއް ހޮވައި ޖަޖުން މާކްސް ދޭ އަދި ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭ އެންމެ ފަހުގެ ޕާފޯމަންސް ރޭ ވަނީ ދައްކާލާފަ އެވެ. ރީތި ހުށަހެޅުންތަކެއް ފެނިގެން ދިޔަ އެވެ. ދޫކުރާނެ ބައިވެރިއެއް ނެތެވެ.
ގަދަ ތިނެއްގެ ހުށަހެޅުންތައް ރޭ ފެނިގެން ދިޔައިރު އާންމުން ކުރަމުން ދިޔައީ އެއްމެ ސުވާލެކެވެ. މި ސީޒަން ކާމިޔާބުކޮށް އައިޑޮލްގެ ޓައިޓަލް ގެންދާނީ ކޮން ބައިވެރިއެއް ހެއްޔެވެ؟ މުހައްމަދު ތަސްނީމް (ބޮބް) ގެ ފޭނުން ތިބީ ބޮބް ކަމަށް ނިންމައިގެންނެވެ. ހަމޫދު އަހްމަދު ފޭނުން ބުނަނީ ޔަގީނުން ވެސް އެއީ ހަމޫދު ކަމަށެވެ. އަދި ޝަމްވީލް މުހައްމަދު ގެ ފޭނުން ވެސް ބުނަނީ މި ފަހަރުގެ އައިޑޮލްއަކަށް ވާނީ އެމީހުންގެ ޝަމްވީލް ކަމަށެވެ.
މި ސީޒަނުގެ އައިޑޮލްގެ ޓައިޓަލް ގެންދާނެ ބައިވެރިއަކީ ކޮބައިތޯ ބެލުމަށް ޓުވިޓާގައި ވެސް ދަނީ ޕޯލްތައް ހަދާ ހިޔާލުތައް ހޯދަމުންނެވެ. މިއިން ކޮންމެ ޕޯލްއަކަށް ވެސް ފޭނުންތައް ވޯޓު ކުރަމުންދާއިރު ނަތީޖާ ގާތްގަނޑަކަށް އެއްވަރެވެ.
ރޭގެ ހުށަހެޅުންތަކަށް ޖަޖުންގެ ކޮމެންޓުތަކަށް ބަލާއިރު ހުރިހާ ބައިވެރިންނަށް ވެސް ދީފައިވަނީ ޕޮޒިޓިވް ކޮމެންޓުތަކެެވެ. ޖަޖުން ވަނީ ބައިވެރިންނަށް ތައުރީފް އޮއްސާފަ އެވެ. ފިނާލޭއެއްގައި ބައިވެރިންގެ ފަރާތުން ފެންނަން ޖެހޭ ވަރުގެ ޕާފޯމަންސް ފެނުނުކަން ޖަޖުން ފާހަގަކުރި އެވެ.
ބައިވެރިންނަށް ބަލާއިރު ޝޯގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ބައިވެރިޔަކީ ހަމޫދު ކަމަށް ޖަޖުން ވަނީ ފާހަގަކޮށްފަ އެވެ. ޝޯ އެންމެ ފުރަތަމަ ފެށިގެން އައިއިރު ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވި އެއް ބައިވެރިޔަކަށް ހަމޫދު ވާނެ އެވެ. ނަމަވެސް ހަމޫދުވަނީ ތަފާތު ޖޯންރާތަކުގެ ލަވަ ހުށަހަޅައިދީ ޖަޖުންނާއި އާންމުން ހައިރާންކޮށްލާފަ އެވެ. މިހާރު ހަމޫދުގެ ފޭން ބޭސް ވަރަށް ބޮޑުވެ ސަޕޯޓަރުންގެ އަދަދުވެސް ވަނީ އެތައް ގުނައެއް އިތުުރުވެފަ އެވެ.
ބޮބް އަކީ ފެށުނީއްސުރެވެސް ވަރަށް ޔަގީންކަމާއެކު ލަވަ ކިޔައި ޖަޖުންގެ ތައުރީފް ހޯދާފައިވާ ބައިވެރި އެކެވެ. ބޮބްވެސް ވަނީ ތަފާތު ލަވަތަކެއް ހުށަހަޅައިދީފަ އެވެ. ބޮބްގެ ފޭން ބޭސްވެސް ވަކިން ކުޑައެއް ނޫނެވެ.
ޝަމްވީލް އަށް ބަލާއިރު ޝަމްވީލް ވަނީ ޝޯ ފެށުނީއްސުރެ އެއްވަރެއްގައި އޭނާގެ ހުށަހެޅުންތައް ހިފާއްޓާލާފަ އެވެ. ނަމަވެސް ރޭގެ ޝޯގައި ޝަމްވީލް ވަނީ ވަރުގަދަ ހުށަހެޅުންތަކެއް ދައްކާލާފަ އެވެ. ޝަމްވީލް އަކީވެސް ޖަޖުންގެ ތައުރީފް އާންމުކޮށް ލިބޭ ބައިވެރި އެކެވެ. ޝަމްވީލްގެ ފޭނުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.
މި ސީޒަންގެ ޓައިޓަލް ހޯދައިދިނުމަށް ފޭވަރިޓް ބައިވެރިޔާއަށް އެސްއެމްއެސް ކުރަމުން ގެންދާށެވެ. އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް އެސްއެމްއެސް ކުރެވޭނެ އެވެ.
މިރޭގެ ޝޯގައި ހަމައެކަނި މިއަހަރުގެ އައިޑޮލް އަކީ ކޮބައިކަން އެނގެނީ އެއް ނޫނެވެ. އެއަށްވުރެ ތަފާތު އަދި ގިނަ ސަޕްރައިޒްތަކެއް އެބަ ހުއްޓެވެ. ކޮންމެހެންވެސް މިރޭގެ ޝޯ ބަލަންވާނެ އެވެ.