ބޮލީވުޑް

ޕްރިޔަންކާ އިތުރު ހޮލީވުޑް ފިލްމެއް ކުޅެނީ

May 14, 2017

އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" ގައި އެލެކްސް ޕެރިޝްގެ ރޯލު ކުޅެގެން ހުޅަނގުގައި ވިދާލި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ޕްރިޔަންކާ މިވަނީ އިތުރު ހޮލީވުޑް ފިލްމެއް ކުޅެން ސޮއިކޮށްފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު އިންޑިއާ އަށް ޗުއްޓީ ދަތުރެއްގައި އެނބުރި އައިސް ޕްރިޔަންކާ ވަނީ އޭނާ ކުރިއަށް ކުޅެން ނިންމާފައިވާ ތިން ހިންދީ ފިލްމު ކަނޑައަޅާފަ އެވެ. އެ ތިން ފިލްމަކީ ކޮން ފިލްމުތަކެއްކަން އަދި އެ ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޝޫޓިން ފަށާނެ ފިލްމެއް އަދި އޭނާ ހާމަކޮށްފައެއްނުވެ އެވެ.

ނަމަވެސް ދެން ވެސް ޕްރިޔަންކާ ހިންދީ ފިލްމެއް ކުޅުމުގެ ކުރިން ކުޅޭނީ ހޮލވުޑް ފިލްމެއްކަން މިވަނީ ހާމަވެފަ އެވެ.

ހޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ޕޮއުލް ބާނޮން ކުރި ޓްވީޓެއްގައި ވަނީ އޭނާ ޕްރޮޑިއުސްކުރާ ފިލްމެއްގައި ޕްރިޔަންކާ "ބިގް ބޭންގް ތިއަރީ" ގައި ޝެލްޑަން ކޫޕާގެ ރޯލުން ފެނިގެން ގޮސްފައިވާ ޖިމް ޕާސަންސް އާ އެކު ފެނިގެންދާނެ ކަމަށް ބުނެފަ އެވެ.

ޕޮއުލް ކުރި ޓްވީޓްގައި ވަނީ މި ފިލްމުގެ ބައެއް މައުލޫމަތު ހިމެނޭ ލިންކެއް ހިއްސާކޮށްފަ އެވެ. އޭގައި ބުނެފައިވާ ގޮތުގައި މި ފިލްމަކީ "އަ ކިޑް ލައިކް ޖޭކް" ނަމުގައި އުފެއްދި ޕްލޭއެއްގެ އަސްލަކަށް ބަލައިގެން އެ ނަމުގައި އުފައްދާ ފިލްމެކެވެ.

ޕްރިޔަންކާ މި ފިލްމުގައި ފެނިގެންދާނީ އަމަލް ނަމަކަށް ކިޔާ އެކަނިވެރި މަަންމަ އެއްގެ ރޯލުންނެވެ.

ޕްރިޔަންކާ އާއި ޖިމް އާއެކު މި ފިލްމުގައި މުހިންމު އެހެން ރޯލުތަކުން ކްލެއާ ޑޭންސް އާއި އޮކްޓޭވިއާ ސްޕެންސާ އަދި އެން ޑޯވްޑް އާއި މިޝޭލާ ވަޓްކިންސް ފެނިގެންދާނެ އެވެ.