ބޮލީވުޑް

ސާރާ އާއި ހަރްޝް އުޅެނީ ލޯބީގެ ގޮތުން ގުޅިގެން

May 14, 2017

މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ އަންހެން ދަރިފުޅު ސާރާ ޚާން ބޮލީވުޑަށް ނިކުންނަން ތައްޔާރުވަމުން އަންނަ ވާހަކަތައް ދެކެވޭތާ ލައްކަ ދުވަސްވެފައިވީ ނަމަވެސް އަދިވެސް އޭނާ ބޮލީވުޑަށް ނިކުންނަ ފިލްމެއް އަދި ހާމަކޮށްފައެއްނުވެ އެވެ.

ސާރާ ކިޔައި ނިންމާލުމަށްފަހު އެނބުރި އިންޑިއާ އަށް މިިދިޔަ އަހަރު އައި ފަހުން އޭނާ ވަނީ މީޑިއާގެ ފަރާތްތަކުގެ ރާޑަރަށް އަރާފަ އެވެ. ސާރާގެ ކޮންމެ ފަރާތަކަށް ފާރަލަމުން އަންނަ މީޑިއާތަކުގެ އަތުގައި މިފަހަރު ޖެހިފައި މިވަނީ ވަރުގަދަ ފޮޓޯ ގަނޑެކެވެ.

ބުދަ ދުވަހުގެ ރޭ މުމްބައިގައި ބޭއްވި ޖަސްޓިން ބީބާގެ ކޮންސެޓަށް ބޮލީވުޑްގެ ކުދި ބޮޑު ހުރިހާ ފަރާތްތަކުން ދިޔަ ނަމަވެސް ސާރާ އާއި މިދިޔަ އަހަރު ބޮލީވުޑަށް ނިކުތް އެކްޓަރު އަނިލް ކަޕޫރުގެ ދަރިފުޅު ހަރްޝްވަރްދަން ކަޕޫރު (ހަރްޝް) ފެނިގެން ގޮސްފައިވަނީ ރޭގަނޑު ޑިނާ އެކުގައި ނަގަން ތިއްބަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި ހަރްޝް އާއި ސާރާ އެކުގައި ކާން ތިބެނީ މަގުމަތީގައި ޖަހާފައި ހުންނަ ކަހަލަ ކަޑައެއްގަ އެވެ.

ހަރްޝް އާއި ސާރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ވާހަކަތައް ދެކެވެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. މި ދެމީހުން އެކުގައި ބޭރު ތެރެއިން ވެސް މިފަހަކަށް އައިސް ފެންނަލެއް ވަނީ ގިނަވެފަ އެވެ. މިފަހުން ހަރްޝް ވަނީ އަންހެން ކުއްޖަކު މޫދާ ދިމާލަށް ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްކޮށްފަ އެވެ. މި ފޮޓޯ ހަރްޝް އިންސްޓަގްރާމް ކުރުމާއެކު އެއީ ސާރާ ކަމށް ގިނަބަޔަކު ބުނަން ފެށުމާއެކު އޭނާ ވަނީ އެ ފޮޓޯ ޑިލީޓްކޮށްފަ އެވެ.

ސާރާ އާއި ހަރްޝް ވަނީ އޭނާގެ ބައްޕަ ސައިފް އާއި ދޮން މަންމަ ކަރީނާ ކަޕޫރު ދިރިއުޅޭ ގެއިން ވެސް ނިކުމެގެން ދަނިކޮށް އެކި ފަހަރު މަތިން ފެނިގެން ގޮސްފަ އެވެ.

ސާރާ ބޮލީވުޑަށް ނިކުންނާނެ ދުވަހެއް އަދި ޔަގީންނުވި ނަމަވެސް ހަރްޝް އަންނަނީ އޭނާގެ ދެވަނަ ފިލްމުގެ މަންޒަރުތައް ނަގަމުންނެވެ.

މިދިޔަ އަހަރު ހަރްޝް ބޮލީވުޑަށް ނިކުތް ނަމަވެސް އޭނާ އަކީ މިހާރު ގިނަ އަންހެނުން ކުދިންގެ ހިތުން ޖާގަ ހޯދާފައިވާ ތަރިއެކެވެ.