ބޮލީވުޑް

"މެރީ ޕިޔާރީ ބިންދޫ" އަދި "ސަރްކާރް 3" އަށް ފިނި ތަރުހީބެއް

May 16, 2017

މެގަސްޓާ އަމީތާބް ބައްޗަން ލީޑްރޯލުން ފެނިގެންދާ "ސަރްކާރް 3" އާއި އާޔުޝްމާން ކުރާނާ އާއި ޕްރިނީތީ ޗޯޕްޅާ "މެރީ ޕިޔާރީ ބިންދޫ" ހުކުރު ދުވަހު ވަނީ ރިލީޒްކޮށްފަ އެވެ.

ދެއަހަރުގެ ބްރޭކަކަށްފަހު ޕަރިނީތިގެ ރިލީޒްވި "މެރީ ޕިޔާރީ ބިންދޫ" އާއި އަމީތާބް އަދި އަމިތް ސާދު އާއި ޔާމީ ގޯތަމް މުހިންމު ރޯލުތަކުން ފެނިގެން ގޮސްފައިވާ ޕޮލިޓިކަލް ތްރިލާ "ސަރްކާރް 3" އަށް ލިބިފައިވަނީ ފިނި ތަރުހީބެކެވެ.

ރާމް ގޯޕާލް ޑައިރެކްޓެކްޓްކޮށްފައިވާ "ސަރްކާރް 3" "މެރީ ޕިޔާރީ ބިންދޫ" އާ އަޅާ ބަލާއިރު ވަނީ މާ ގިނަ ސްކްރީންތަކުގައި އަޅުވާފަ އެވެ. އެހެން ނަމަވެސް މި ދެ ފިލްމަށް ވެސް ފުރަތަމަ ދުވަހު ލިބިފައިވަނީ ވަރަށް ދަށް އާމްދަނީ އެކެވެ.

ކްރިޓިކްސްއިން މި ދެ ފިލްމަށް އިންތިހާ އަށް ފާޑުކިޔާފައިވާއިރު، ފުރަތަމަ ހަފްތާ ބަންދުގައި "ސަރްކާރް 3" އަށް 6.75 ކްރޯޑެވެ. އަދި "މެރީ ޕިޔާރީ ބިންދޫ އަށް ލިބިފައިވަނީ 6.50 ކްރޯޑެވެ.

"ސަރްކާރް" ސިލްސިލާގެ ކުރީގެ ދެ ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް މިފަހަރުގެ ފިލްމަށް ލިބިފައިވަނީ ވަރަށް ފިނި ތަރުހީބެވެ. މި ފިލްމު ހުކުރު ދުވަހު ރިލީޒްކޮށްފައިވަނީ 1425 ސްކްރީންގަ އެވެ. އަދި އާޔުޝްމާން އާއި ޕަރިނީތީގެ ފިލްމު ރިލީޒްކޮށްފައިވަނީ މި ފިލްމަށް ވުރެން ދެގުނަ މަދު ސްކްރީންގަ އެވެ.

މި ދެ ފިލްމަށް ފާޑުކިޔާފައިވާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި "ސަރްކާރް 3" ގައި އާ އެއްވެސް ކަމެއް ނުފެނުނުއިރު ތަފާތު މޮޅު ކަމެއް ވެސް ނުފެނެ އެވެ. ނަމަވެސް އަމީތާބް އެކްޓިން އަދިވެސް ކުރިއެކޭ އެއްގޮތަށް މޮޅު ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި ބާކީ ތިބި ތަރިންގެ އެކްޓިން ފާހަގަކޮށްލެވޭ ވަރަށް މޮޅު ނޫން ކަމަށް ވަނީ ބުނެފަ އެވެ.

"މެރީ ޕިޔާރީ ބިންދޫ" އަކީ ލިޔުންތެރި އަކާއި އަރަމުން އައި ޒުވާން ލަވަކިޔުންތެރިއެއްގެ މެދުގައި ކުޑައިރުން ފެށިގެން އޮތް ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ ޒުވާން ލޯބީގެ ފިލްމެއް ނަމަވެސް ބެލުންތެރިންގެ ހިތް އަތުލެވޭފަދަ އެއްވެސް އަސަރެއް ނެތް ކަމަށް ބުނެފަ އެވެ.

މި ދެފިލްމަށް މިހާ ދަށް އާމްދަނީއެއް ލިބިފައިވަނީ ފިލްމާ ގުޅޭގޮތުން ކްރިޓިކްސްއިން ފާޑުކިޔާފައިވާތީ އާއި މީގެ ހަފްތާތަކެއް ކުރިން ރިލީޒްވި "ބަހޫބަލީ 2" އަށް ލިބެމުން އަންނަ ބޮޑު ތަރުހީބެއްގެ ސަބަބުންނެވެ.

"މެރީ ޕިޔާރީ ބިންދޫ" އަކީ ދެ އަހަރުގެ ބްރޭކަކަށްފަހު ޕަރިނީތީގެ ރިލީޒްވި ފިލްމެކެވެ. މީގެކުރިން ޖެހިޖެހިގެން ރިލީޒްވި ފިލްމުތައް ފްލޮޕްވެ އޭނާގެ ކެރިއަރު އޮތީ ވަޅުޖެހިފަ އެވެ.

ޕަރިނީތީ މިހާރު އަންނަނީ "ގޯލްމާލް އެގެއިން" ގެ މަންޒަރުތައް ނަގަމުންނެވެ.