މިއުޒިކް

މުއައްޒިންގެ "ލޭކޮކާ" ވަރަށް ތަފާތު!

ދެވަނަ މޯލްޑިވިއަން އައިޑޮލް އަކީ ކޮން ބައިވެރިއެއްތީ ބެލުމަށް ކުރި އިންތިޒާރެކޭ އެއް ވަރަށް، މިދިޔަ ސީޒަނުން ވިދާލި މުހައްމަދު މުއައްޒިންގެ އާ ވީޑިއޯ ލަވައަށް އިންތިޒާރު ކުރި އެވެ. މިއީ މުއައްޒިންގެ ފުރަތަމަ އަމިއްލަ ވީޑިއޯ ލަވަ އެވެ. އެ ލަވަ ރިލީޒް ކޮށްފައިވަނީ ރޭ މޯލްޑިވިއަން އައިޑޮލްގެ ތެރެއިންނެވެ. މި ލަވަޔާއި ބެހޭގޮތުން މުއައްޒިން ބުނި ގޮތަށް މި ލަވަ އަކީ ކިތަންމެ ވަރަކަށްވެސް ތަފާތެވެ.

"މިއީ ރާއްޖޭގައި އަދި މިހާތަނަށް ނުހަދާ ކަހަލަ ލަވައެއް. މި ޖޮންރާގެ ލަވައެއް ރާއްޖޭގައި އުފެއްދި ފުރަތަމަ ފަހަރު މީ. ފިލްމީ ލަވައެއް ނޫން. ވަރަށް ޑްރީމީ ލަވައެއް މީ. މިކަހަލަ ގޮތަކަށް މި ލަވަ ސިފަކޮށް ދެވޭނީ." ލަވަ ސިފަކޮށްދެމުން ކުރިން ދިން އިންޓަވިއުއެއްގައި މުއައްޒިން ބުންޏެވެ.

މިއީ އަމިއްލަ ރާގުގެ ލަވައެކެވެ. ހަބޭސް ސްޓޫޑިއޯ އިން އުފައްދާފައިވާ މި ލަވައިން ފެނިގެން ގޮސްފައިވަނީ މުއައްޒިން އާ އެކު ހަބޭސް ބޭންޑް އަދި މުޅިން އަލަށް ދާއިރާއަސް ނުކުންނަ އެކްޓްރެސް އެކެވެ. މި ލަވައިން ފެނިގެން ގޮސްފައިވަނީ ދިވެހި މޮޑެލް އައިޝަތު އަފާ އެވެ.

"ލޭކޮކާ" މިލަވައަކީ އަންހެން ކުއްޖަކު ދެކެ ލޯބިވެވިގެން އުޅޭ ޒުވާނަކު އެ އަންހެން ކުއްޖާ ސިފަކޮށްދިނުމަށް ކިޔާކަހަލަ ލަވަ އެކެވެ. އަންހެން ކުއްޖާ ސިފަކޮށްފައިވަނީ ބަގީޗާއެއްގައި މިނިވަން ކަމާއެކު އުދުހުލާފައި އުޅޭ ރީތި ކޮކާލެއްގެ ސިފައިގަ އެވެ. ލޯބީގައި ކެހި ލިބި ބޭވަފާތެރިކަމާއި ކުރިމަތިލާން ބިރުގަނެފައިވާ މީހެއްގެ އިހުސާސްތައް ސިފަކޮށްދޭން އުޅޭހެންވެސް ހީވެ އެވެ.

ލޯބިވާވަރު ދެނެގަންނަން މަސައްކަތްކޮށް ލޯބިދޭން އާދޭތޯ ކުރާ އާދޭސްތަކެއްގެ ވާހަކަ މި ލަވައިގައި ބުނެދެ އެވެ. މިއީ ރޮކްސްޓައިލެއްގެ ލަވަ އެކެވެ.

ލަވައިން ފެނިގެންދަނީ ލިރިކްސް އާ އެއްގޮތަށް އަންހެން ކުއްޖަކު މިނިވަން ކަމާއެކު އުޅޭ މަންޒަރެވެ. އަދި ބަންދުކޮށްފައި ހުންނަ ތަނެއްގައި ހުރެ އަސަރާއެކު މުއައްޒިން ލަވަ ކިޔާ ތަން ފެނިގެންދެ އެވެ. މިލަވައިން ވިލިމާލޭގެ ހިތްގައިމު މަންޒަރުތައް ފެނިގެންދެ އެވެ.

މި ލަވަ ޑައިރެކްޓް ކޮށްފައިވަނީ ހަބޭސްގެ އަލީ މަމްދޫހު އެވެ.

މިދިޔަ އަހަރު މޯލްޑިވިއަން އައިޑޮލް އިން ވަކިވުމަށްފަހު މުއައްޒިންގެ ރީތި، ގިނަ ލަވަތަކެއް ދިޔައީ އަޑުއިވެމުންނެވެ. ހާއްސަކޮށް ރީތި ގައުމީ ލަވަތަކެކެވެ.

"ލޭކޮކާ" އަކީ މުއައްޒިން ނެރެން ނިންމާފައިވާ އަލްބަމްގައި ހިމެނޭ ލަވަ އެކެވެ. މި އަލްބަމްގައި އިތުރު ދެ ވީޑިއޯ ލަވައެއް ހިމެނޭނެ އެވެ. ދެން ހުންނާނީ އޯޑިއޯ ލަވަތަކެކެވެ. އެ ލަވަތައްވެސް ވަރަށް އަވަހަށް ފެނިގެންދާނެ އެވެ.