އަހުމަދު ނާޝިދު (ފްލޫ ނާޝިދު) ފޭނުންނަށް މިއީ ލިބޭނެ އެންމެ އުފާވެރި އެއް ހަބަރެވެ. މޯލްޑިވިއަން އައިޑޮލްގެ ގްރޭންޑް ފިނާލޭ ބޭއްވިއިރު ނާޝިދުއަށް ހާއްސަ ޓްރިބިއުޓެއް މިވަނީ ދީފަ އެވެ. މިއީ ނާޝިދު ވަކިވެ ދިޔުމަށްފަހު ދިން މިފަދަ ދެވަނަ ޓްރިބިއުޓެވެ. ނާޝިދުއަށް ހާއްސަކޮށް ރޭ ވަނީ ޒީރޯ ޑިގްރީގެ ލަވަ "މަރުފަލި" ވަރަށް ހާއްސަކޮށް ހުށަހަޅައިދީފަ އެވެ.
މި ލަވަ ހުށަހަޅައިދީފައިވަނީ ނާޝިދުގެ ދަރިފުޅު ނިޝް، މޯލްޑިވިއަން އައިޑޮލްގެ ދެ ޖަޖުން ކަމަށްވާ އިސްމާއިލް އައްފާން އަދި އިބްރާހީމް އަލީ (ކުޑަ އިއްބެ) އަދި އައިޑޮލްގެ މި ސީޒަންގެ ގަދަ ތިނެއް ކަމަށްވާ މުހައްމަދު ތަސްނީމް (ބޮބް)، ހަމޫދު އަހްމަދު އަދި ޝަމްވީލް މުހައްމަދު އެވެ. ބޮބް ލަވަ ހުށަހަޅައިދިން އިރު ވަނީ ނާޝިދު ބޮލުގައި އެޅުމަށް ބޭނުންކުރާ ފޮތިކޮޅު ބޭނުންކޮށްފަ އެވެ.
އެހިސާބުން ނިންމާލީކީ ނޫނެވެ. މި ލަވައަށް ފަހު ވަނީ ނާޝީދުގެ އާ އަލްބަމެއް ވަރަށް އަވަހަށް ނެރޭނެ ކަމުގެ އުފާވެރި ހަބަރު ދީފަ އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް އެ އަލްބަމަކީ ނާޝިދު ނިޔާވިއިރު ގާތްގަނޑަކަށް މަސައްކަތް ނިންމާލާފައިވާ އޭނާގެ ސޯލޯ އަލްބަމް ކަމަށް ބެލެވެ އެވެ. އެ އަލްބަމްގެ ނަމަކީ "ޖާނީ" އެވެ.
ނާޝިދަކީ ދިވެހި މިއުޒިކަށް އިންގިލާބެއް ގެނެސްދިން ފަރާތެކެވެ. ނާޝިދު ނިޔާވެފައިވަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އުމުރުން 55 އަހަރުގަ އެވެ.
ކުޑައިރުގެ ގާތްއެކުވެރިޔާ މޮހޯޖު އާއި އަހުމަދުއާ އެކު ނާޝިދު ޒީރޯ ޑިގްރީ އެޓޯލް އުފެއްދީ 1987 ވަނަ އަހަރު އެވެ. އެއަށް ފަހު "ދޯނި" އަލްބަމްގެ މަސައްކަތް 80ގެ ފަހުކޮޅު ފަށައިގެން ގޮސް އަލްބަމް ނެރުނީ 1991 ވަނަ އަހަރު އެވެ. މާސްޓަރިން ހަދައި ކެސެޓަށް ޕްރިންޓްކޮށްގެން ގާތްގަނޑަކަށް 5000 އެއްހާ ކޮޕީސް މާލެ ގެނެސް ވިއްކި އެވެ.
ބޭންޑްގެ އާ އަލްބަމެއް އުފެއްދިފައި ނެތް ނަމަވެސް 1993 ވަނަ އަހަރު ނާޝިދުގެ ބްލޫސް ސޯލޯ އަލްބަމެއް ވެސް ނެރެފައިވެ އެވެ. އެއީ ބައިނަލްއަގުވާމީ ސްޓޭޖުގައި ވެސް ތައުރީފު އޮހުނު "ބާޑް އިން ފްލައިޓް" އެވެ.