ބޭރު ކުޅިވަރު

ނުވަ އަހަރަށް ފަހު ޒަބަލެޓާ ސިޓީއާ ދުރަށް

May 14, 2017

މެންޗެސްޓާ ސިޓީގައި ނުވަ އަހަރު ހޭދަ ކުރުމަށް ފަހު، އާޖެންޓީނާގެ ތަޖުރިބާކާރު ޑިފެންޑަރު ޕަބްލޯ ޒަބަލެޓާ މި ސީޒަނަށް ފަހު އެ ޓީމާ ދުރަށް ދާނެ އެވެ.

ޒަބަލެޓާ 32، ސިޓީއާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. އެސްޕަންޔޯލް އިން 2008 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ޒަބަލެޓާ އަކީ ސިޓީގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން، އެންމެ ގިނަ ދުވަހު އެ ޓީމަށް ކުޅެފައިވާ އެއް ކުޅުންތެރިޔާ އެވެ.

އެކަމަކު ސިޓީއާއެކު އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ލީގު ކަޕް ކާމިޔާބު ކުރި ޒަބަލެޓާ މި ސީޒަންގައި ސިޓީގެ ފުރަތަމަ 11 ގައި ކުޅެފައިވަނީ 22 މެޗުގަ އެވެ.

"އަހަންނަށް އެނގޭ 20 އަހަރު ވަންދެން އަހަންނަށް ނުކުޅެވޭނެކަން. ޒުވާން ކުޅުންތެރިން އެބަތިބި. އެ ކުޅުންތެރިންނަށް ފުރުސަތު ލިބެންޖެހޭ،" ޒަބަލެޓާ ބުންޏެވެ. "އަހަރަމެން ޖެހޭނީ މިކަންތައްތައް ގަބޫލްކުރަން. މި ކްލަބަށް ކުރިއަށް ދެވޭނީ ޒުވާން ކުޅުންތެރިން ނެރިގެން."

ޒަބަލެޓާގެ އިތުރުން ޔާޔާ ޓޫރޭ އާއި ހެސޫސް ނަވާސް އާއި ގައެލް ކްލީޝީ އާއި ބަކާރީ ސަންޔާ އަދި ވިލީ ކަބަލޭރޯ ސިޓީއާއެކު ހަދާފައިވާ ކޮންޓުރެކްޓް މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ.