ކުޅިވަރު

އާސެނަލްއިން ލިވަޕޫލަށް ޕްރެޝާކޮށްފި، ސިޓީ ސަލާމަތްވީ ކިރިޔާ

May 14, 2017

ލެސްޓާ ސިޓީގެ މައްޗަށް 2-1 ގެ ހަނި މޮޅަކުން ކާމިޔާބު ހޯދައި މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ އުންމީދު އާ ކުރިއިރު، ސްޓޯކް ސިޓީގެ މައްޗަށް 4-1 ނަތީޖާ އަކުން ކާމިޔާބު ހޯދައި އާސެނަލްއިން ލިވަޕޫލަށް ޕްރެޝާ ކުރިމަތި ކޮށްފި އެވެ.

ރޭ ގެ މެޗުން ސިޓީ މޮޅުވުމުން، އެ ޓީމު ވަނީ ލިވަޕޫލަށްވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެން، ތާވަލުގެ ތިން ވަނައަށް ޖެހިލާފަ އެވެ. އާސެނަލް ވެސް އެއް ޕޮއިންޓްގެ ފަރަގަކާއެކު ލިވަޕޫލްގެ ފަަހަތުން ވަނީ ވިއްދާފަ އެވެ.

ސްޓޯކް ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު އާސެނަލްއިން ނިންމާލީ އޮލިވާ ޖިރޫޑް ކާމިޔާބު ކުރި ލަނޑުން ލީޑްގައި އޮވެގެން ނެވެ. ދެ ވަނަ ހާފު ފެށިގެން 10 ވަނަ މިނެޓް ތެރޭގައި މެސްޓް އޮޒިލް ވަނީ އާސެނަލްގެ ލީޑް ދެ ލަނޑަށް ފުޅާ ކޮށްދީފަ އެވެ.

މެޗުގެ 67 ވަނަ މިނެޓްގައި ޕީޓާ ކްރޯޗް ވަނީ ސްޓޯކް ސިޓީއަށް ނަތީޖާގެ ފަރަގު ކުޑަ ކޮށްދީފަ އެވެ. އޭގެ ދިހަ މިނެޓް ފަހުން އެލެެކްސިސް ސަންޗޭޒް، އާސެނަލްގެ ލީޑް އަނެއްކާވެސް ފުުޅާ ކޮށްދިނެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން، ޖިރޫޑް ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-1 ށް ބަދަލު ކޮށްލާފަ އެވެ.

ހަނި މޮޅަކާއެކު، ސިޓީ ސަލަމަތްވީ ކިރިޔާއެވެ. ފުރަތަމަ ހާފުގައި، ޑޭވިޑް ސިލްވާ އާއި ގެބްރިއަލް ޖީސަސް ކާމިޔާބު ކުރި ލަނޑުން، ސިޓީ ދެ ލަނޑުގެ ލީޑެއް ނެގި އެވެ. ޖީސަސް ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުން ނެވެ. ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޝިންޖީ އޮކަޒާކީ ވަނީ ލެސްޓާގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ދެ ވަނަ ހާފުގައި ލެސްޓާއަށް ދިމާވީ އެހެން ގޮތެކެވެ. އެޓީމަށް ލިބުނު ޕެނަލްޓީ ރިޔާދު މާރެޒް ފޮނުވާލި ޕެނަލްޓީ ގޯލަށް ވަން ނަމަވެސް، ބޯޅަ ފޮނުވާލއިރު، މާރެޒް ފައިގައި ދެ ފަހަރަށް ބޯޅަ ޖެހުމުން، ރެފްރީ އެ ޕަނަލްޓީ ގަބޫލެއް ނުކުރި އެވެ.