ކުޅިވަރު

ރެއާލްއަށް އަދި މޮޅެއް ނުވޭ ކުރިއަށް އޮތީ ހަތަރު ފައިނަލު

May 14, 2017

ރެއާލް މެޑްރިޑަށް މި ސީޒަންގައި އަދި އެއްވެސް މޮޅެއް ނުލިބޭ ކަމަށާއި ކުރިއަށް އޮތީ ހަތަރު ފައިނަލު ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް، ޒައިނުއްދީން ޒިދާން ބުނެފި އެވެ.

ޒިދާން ހަތަރު ފައިނަލު ކަމަށް އެ އިޝާރާތް ކުރަނީ، ސްޕެނިޝް ލީގްގައި އެ ޓީމަށް ބާކީ އޮތް ތިން މެޗާއި، ޗެމްޕިއަންސް ލީގްގެ ފައިނަލަށް އިޝާރާތް ކޮށެވެ. ސްޕެނިޝް ލީގް ހޯދަން، ވާދަ ކުރާ ރޭހުގައި، މިރޭ ރެއާލް ނިކުންނާނީ، ސެވިއްޔާއާ ދެކޮޅަށެވެ.

ރެއާލް އާއި އެއް ވަނައިގައި އޮތް ބާސާއަށް ވެސް ޕޮއިންޓް ލިބިފައި ވަނީ އެއް އަދަކަށެވެ. ދެޓީމަށްވެސް 84 ޕޮއިންޓް ލިބިފައިވާއިރު، ބާސާ އަށް އެއް ވަނަ ލިބެނީ ފައިދާ ގޯލުން ކުރީގައި އޮތުމުން ނެވެ. ނަމަވެސް ރެއާލްއަށް ބާކީ އެއް މެޗު އެބަޮތެވެ. ބާސާ ދެން އޮތީ ބާކީ ދެ މެޗެވެ. އެހެންވެ، މިއަހަރުވެސް ސްޕެނިޝް ލީގް ކަށަވަރު ވާނީ ލީގްގެ އެންމެ ފަހު މެޗުން ނެވެ.

ޒިދާން ބުނީ، ރެއާލް އަށް ލީގްގައި ކުރިއަށް އޮތް ތިން މެޗަކީވެސް، އުނދަގޫ ތިން މެޗު ކަމަށެވެ.

"މި އޮތީ ހަތަރު ފައިނަލު، އެއަށްފަހު ޑަބަލް ކާމިޔާބު ހޯދަން، އަހަރެމެން އޮންނާނީ ވަރަށް ކައިރީގައި، ނަމަވެސް، އަދި އަހަރެމެންނަށް އެއްވެސް މޮޅެއް ނުލިބޭ، މި ހުރިހާ އެއްޗެއް އަހަރެމެން މުޅި ސީޒަންގައި ކުރި މަސައްކަތުގެ ނަތިޖާއަކަށް ވާނީ،" ޒިދާން ބުންޏެވެ.

ރެއާލްއާ ދެކޮޅަށް، މިރޭ ނިކުންނަ ސެވިއްޔާގެ ކޯޗް ހޯޖޭ ސަމްޕައޮލީ ބުނީ، މިހާރު ދުނިޔޭގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް ޓީމަކީ ރެއާލް ކަމަށާއި، އަދި މިރޭގެ މެޗުގައި އެޓީމާ ދެކޮޅަށް ނިކުންނާނީ އެންމެ އެންމެ މަތީ ލެވަލްގައި އެކަން ނަގައިގެން ކަމަށެވެ.

"މިވަގުތަށް ބަޅައިރު، އެޓީމަކީ، ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ޓީމު ވާދަ ކުރަނީ ލަލީގާ ހޯދަން އަދި ޗެމްޕިއަންސްލީގްވެސް ކާމިޔާބު ކުރަން." ސަމްޕޯލީ ބުންޏެވެ.

ރެއާލް ސްކޮޑް މެނޭޖްކުރުމުގައި ޒިދާން އަމަލު ކުރަނީ ކިހިނެއްތޯ ސުވާލު ކުރުމުން، އޭނާ ބުނީ އޭނާ އަމިއްލައަށް ކަންކަން ނެގުމުގެ ބަދަލުގައި އެހެންމީހުންނާވެސް އޭނާ ވާހަކަ ދައްކާ ކަމަށެވެ.