ތާލިބާނުންގެ ލީޑަރުގެ ގޮތުގައި މުއްލާ އުމަރު 19 އަހަރު ހޭދަކުރުން ފާހަގަކުރުމަށް އެ ޖަމާއަތުން އޭނާގެ ބަޔޮގްރަފީއެއް އާންމުކޮށްފި އެވެ.
ތާލިބާނުންގެ ސުޕްރީމް ލީޑަރުގެ ގޮތުގައި ހުރި މުއްލާ އުމަރުގެ، 5000 ބަހުގެ ބަޔޮގްރަފީ އާންމުކޮށްފައި ވަނީ ތާލިބާނުންގެ މައި ވެބްސައިޓުގަ އެވެ. މުއްލާ އުމަރުގެ އުމުރާ ބެހޭ ގޮތުން މީގެ ކުރިން އެކި ގޮތްގޮތަށް ވާހަކަ ދެކެވެނު ކަމުގައި ވިޔަސް ބަޔޮގްރަފީގައި އެކަން ސާފުކޮށްދީފައިވެ އެވެ. އޭގައި ބުނެފައި ވަނީ މުއްލާ އުމަރު އުފަންވެފައި ވަނީ 1960 ވަނަ އަހަރު ކަންދަހާރުގެ ޗާހީ ހިއްމަތު އަވަށުގައި ކަމަށެވެ.
މުއްލާ އުމަރު ހިފައި ހައްޔަރު ކުރެވޭނެ ނުވަތަ މަރާލެވޭނެ ފަދަ މައުލޫމާތެއް ދިން ފަރާތަކަށް އެމެރިކާ އިން 10 މިލިއަން ޑޮލަރު ހުށަހަޅާފައިވެ އެވެ.
ބަޔޮފްރަފީގައި ބުނެފައި ވަނީ މިހާރުވެސް ތާލިބާނުންގެ ކޮންމެ ދުވަހެއްގެ ހަރަކާތްތައް މުއްލާ އުމަރު މޮނިޓކުރެ އެވެ. އަދި އަފްޣާނިސްތާނާއި ދުނިޔޭގެ މަސްރަހުގައި ވާނުވާ ކޮންމެ ދުވަހަކު ވެސް އޮޅުންފިލުވާ ކަމަށް ބުނެފައިވެ އެވެ. އަދި އޭނާގެ އެންމެ ފޭވަރިޓް ހަތިޔާރަކީ އާރްޕީޖީ-7 ކަމަށް ފާހަގަކޮށްފައިވެ އެވެ.
އަފްޣާނިސްތާނުގައި ރަޝިއާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރި އިރު މުއްލާ އުމަރުގެ ބައިވެރިވުން ފާހަގަކޮށް ބުނެފައި ވަނީ ހަތަރު ފަހަރަކު ޒަހަމްވި ކަމަށާއި އެއް ހަމަލާއެއްގައި އޭނާގެ އެއް ލޯ އަނދިރިވެފައިވާ ކަމަށް ބުނެފައިވެ އެވެ. މިއީ ކުރިން ވެސް ދެކެވޭ ވާހަކައެކެވެ.
މުއްލާ އުމަރަކީ ސަމާސާ މިޒާޖެއްގެ ސާދާ މީހެއްކަން ބަޔާންކުރަމުން ބުނެފައި ވަނީ އޭނާ އަކީ ރުޅިމަޑު އަދި ހިތްވަރު އެލިގެން ނުދާ މީހެއް ކަމަށެވެ. އަމިއްލަ ގެއެއް އަދި ބޭރު ގައުމެއްގައި ބޭންކް އެކައުންޓެއް ވެސް މުއްލާ އުމަރުގެ ނެތް ކަމަށް ވެސް އޭގައިވެ އެވެ. --ބީބީސީ