ކުޅިވަރު

ޕޯޗްގަލްގެ ޗެމްޕިއަންކަން މިފަހަރުވެސް ބެންފީކާއަށް

May 14, 2017

ވިޓޯރިއާ ގިމަރޭސްގެ މައްޗަށް 5-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޕޯޗްގަލްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ބެންފީކާ ހޯދައިފި އެވެ.

ބާކީ އެއް މެޗު އޮއްވައި، ބެންފީކާއިން ލިގް ކަށަވަރު ކުރީ، ވާދަވެރި ޕޯޓޯގެ މައްޗަށް އަށް ޕޮއިންޓްގެ ލީޑެއް ހޯދައިގެނެވެ.

ބެންފީކާގެ ކޯޗް ރުއީ ވިޓޯރިއާއަކީ، ހަތަރު އަހަރު ވަންދެން ގިމަރޭސް އަށް އިރުޝާދު ދިން ކޯޗެވެ. އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ފުރަތަމަ 16 މިނެޓް ތެރޭގައި ވަނީ އެޓީމު ކޮޅަށް ދެ ލަނޑު ޖަހައި ޕްރެޝަރަށް ވައްޓާލާފަ އެވެ. ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ފްރެންކޯ ޗެރުވީ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ރައުލް ހިމެނޭޒް އެވެ.

އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުން ވަނީ ހަތަރު ލަނޑު ޖާހަފަ އެވެ. ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ޕިއްޒީ އެވެ. ފުރަތަމަ ހާފު ފަހު ވަގުތުގައި އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ޖޯނަސް ގޮންސާލެވްސް އޮލިވޭރާ އެވެ.

ދެ ވަނަ ހާފުގައިވެސް އިތުރު ލަނޑުތަކެއް ފެނިގެންދާނެ ކަމަށް ބެލުވުނު ނަމަވެސް ފެނިގެން ދިޔައީ އެންމެ ލަނޑެކެވެ. އެއީ ބެންފީކާ އަށް ލިބުނު ޕެނަލްޓީ އެއްގައި ޖޯނަސް ކާމިޔާބު ކުރި ލަނޑު އެކަންޏެވެ.

ބެންފީކާގެ ކުރިން، ލީގް ޖެހިޖެހިގެން ހަތަރު ފަހަރަށް ކާމިޔާބު ކޮށްފައި ވަނީ ޕޯޓޯ އެވެ. އެޓީމުން ވަނީ 2006 ގެ ސީޒަނުން ފެށިގެން 2009 ވަނަ އަހަރު ސީޒަނާ ހަމަޔަށް ޖެހިޖެހިގެން ހަތަރު ފަހަރަށް ލީގް ކާމިޔާބު ކޮށްފަ އެވެ. އޭގެ ކުރިން، އެ ޓީމުން ވަނީ ޖެހިޖެހިގެން ފަސް ފަހަރުވެސް ލީގް ކާމިޔާބު ކޮށްފަ އެވެ. އެއީ 1995 ން 1999 ގެ ސީޒަނާ ހަމަޔަށެވެ.

ބެންފީކާއިން ވަނީ މީގެ ކުރިން ޖެހިޖެހިގެން ތިން ފަހަރެއްގެ މަތިން ލީގް ކާމިޔާބު ކޮށްފަ އެވެ. އެއީ 1975 ން 1977 ށެވެ. ޕޯޗްގަލް ލީގް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ވެސް، ބެންފީކާ އެވެ. އެޓީމުން ވަނީ 36 ލީގް ޓައިޓަލް ކާމިޔާބު ކޮށްފަ އެވެ. ޕޯޓޯއަށް ހޯދިފައި ވަނީ 27 ފަހަރު އެވެ.