މިއުޒިކް

ބޮޑު އީދާ ދިމާކޮށް މުޅި ރާއްޖޭގެ ޓުއާއަކަށް ކިޑީ ނުކުންނަނީ

ދިވެހި މިއުޒިކް އިންޑަސްޓްރީގައި މަރިޔަމް އުނޫޝާ (ކިޑީ) މިހާރުގެ ގޮތަށް ނަމަ "ކިޑީދައްތަ" އަކީ އެންމެ އުހުގައިވާ ބްރޭންޑެވެ. އެންމެ މޮޅު އެންމެ ތަފާތު އެއް އާޓިސްޓެވެ. އެންމެ މޮޅު އެއް ފަންނާނެވެ. އެއަކާ އެއްވެސް މީހަކު ދެބަހެއް ނުވާނެ އެވެ. މޯލްޑިވިއަން އައިޑޮލްގެ ދެ ސީޒަނުގައި ވެސް ޖަޖުކަން ކޮށްދިން ކިޑީއަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި ވެސް ގިނަ ޝޯތަކެއްގައި ދީފައިވާ އަދި ހިނދީ ފިލްމަކަށް ލަވައެއް ކިޔައިދިން ވެސް ފުރަތަމަ ދިވެހި ލަވަކިޔުންތެރިޔާ އެވެ. އޭނާގެ ކޮންމެ ހަރަކާތެއް ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. ހެދުން އެޅުމުގައި ވެސް އޭނާ ގެންގުޅޭ ތަފާތު ސްޓައިލެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް މީހުން ޝައުގުވެރި ވަނީ ވެސް އެހެންވެގެނެވެ.

އިޖުތިމާއީ ގިނަ ކެމްޕޭންތަކެއްގައިވެސް ބައިވެރިވާ ކިޑީގެ ތަފާތު އާ ޕްރޮޖެކްޓެއް މިހާރު ވަނީ އިއުލާނުވެފަ އެވެ. މިއީ ރަނުގެ ފުރުސަތަކެވެ. ޝޯ ދިނުމަށް ކިޑީ މިފަހަރު ހާއްސަ ޓުއާ އެއް ފަށަނީ އެވެ. ކިޑީގެ މި ޓުއާގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ގޮސް ރަށްތައް ކައްކުވާލާނެ އެވެ. މި ހާއްސަ ޓްއާގައި ކޮންމެ އަތޮޅަކުން ވެސް ކިޑީ އަރާނީ ކޮންމެވެސް އެއްރަށަކަށެވެ. އެ ރަށެއް ވާނީ ނަސީބުވެރި ރަށަކަށެވެ.

އަންނަ ސެޕްޓެމްބަރު މަހާ ދިމާވާ ބޮޑު އީދު ތެރޭގައި ފަށާ ޝޯތައް ދެ މަސް ދުވަހަށް ދެމިގެންދާނެ އެވެ. ޓުއާ ކުރިއަށް ގެންދާނީ ރާއްޖެ ތިން ޒޯނަކަށް ބަހާލައިގެންނެވެ. އެއީ އުތުރު، މެދު ރާއްޖެ އަދި ދެކުނުގެ ޒޯނެ އެވެ. މިއީ ދިވެހި ލަވަކިޔުންތެރިޔަކު މިގޮތަށް ހަދާ ފުރަތަމަ ޓްއާ އެވެ. ފޯރިއެއް ހުންނާނެ އެވެ.

ކިޑީގެ ޓްއާގައި ޝޯތައް ދޭނެ ރަށްތަކުގެ އިންތިޒާރުގައި އެންމެން މިހާރު ތިބޭނެ އިރު އެރަށްތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ. އެ ރަށްތަކުގައި ކިޑީ ޝޯދޭނީ އާންމުންނަށް ހިލޭ ބަލައިލެވޭ ގޮތަށެވެ.

މިިދިޔަ ހުކުރު ދުވަހުގެ ރޭ ގެނެސްދިން މޯލްޑިވިއަން އައިޑޮލް ސީޒަން ދެ އެއްގެ ގަދަ ތިނެއްގައި ޕާފޯމަންސް ޝޯގައި އުނޫޝާ ވަނީ އޭނާގެ އާ ލަވައެއް ވެސް އިއުލާނު ކޮށްފަ އެވެ. އެއީ ޕާކިސްތާނު ލަވަ ކިޔުންތެރިޔާ އަލީ އަޒްމަތު އާ އެކީގައި ރިކޯޑުކޮށްފައިވާ ލަވަ އެކެވެ. އެއީ މަޝްހޫރު ލަވަ "ސައްޔޯނީ" ވެސް ކިޔާފައިވާ އާޓިސްޓެވެ. ކިޑީގެ ތަފާތު ފެނިގެންދާނެ ޓްއާއަށް ތައްޔާރުވާށެވެ. ވަރަށް ތަފާތުވާހެން ހީވެ އެވެ.