ހުޅުމާލޭގައި ގަތަރު ސަރުކާރުން ތަރައްގީ ކުރަން ނިންމާފައިވާ އިންޓަނޭޝަނަލް ފުޓްބޯޅަ ސްޓޭޑިއަމްގެ ކޮންސެޕްޓް ޑިޒައިނިން ހަދާފައިވާ ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
އެޗްޑީސީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން "އަވަސް" އަށް ވިދާޅުވީ ގަތަރު ސްޓޭޑިއަމްގެ އެޅުމަށް ކުރެހުން ފައިނަލްކޮށް ކޮންމެވެސް ވަރެއްގެ އެސްޓިމޭޓް ތަކެއް ވެސް ހެދިފައިވާ ކަމަށެވެ.
"ހުޅުމާލޭގައި މެގަ ސްޕޯޓްސް އިންފްރާސްޓްރަކްޗާގެ މަސައްކަތް ދަނީ ކުރަމުން. މިހާރު ގަތަރު ސަރުކާރާއެކު ދިވެހި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން،" ސައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސްޓޭޑިއަމްގެ ކޮންސެޕްޓް ޑިޒައިނިން ހަދާފައިވާއިރު، ޑީޓެއިލް ޑިޒައިނިން ހަދާއިރު ބަދަލު ތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ހުޅުމާލޭގައި ގަތަރު ސަރުކާރުން އިންޓަނޭޝަނަލް ސްޓޭޑިއަމްއެއް އަޅަން ނިންމާފައިވާކަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އިންވެސްޓް ކުރިކަން އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެ ރަސްމިއްޔާތުގައި، އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްސާނީ ވިދާޅުވީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމްއެއް އަޅައިދޭން ގަތަރު ސަރުކާރުން ނިންމާފައިވާ ކަމަށާއި މި ސްޓޭޑިއަމް 2022 ގެ ކުރިން އަޅައިދޭނެ ކަމަށެވެ.
"އަޅައިދޭ ސްޓޭޑިއަމް ވެގެންދާނީ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ހުރި ތަނަކަށް،" އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްސާނީ ވިދާޅުވި އެވެ.
ނަމަވެސް މި ސްޓޭޑިއަމްގެ މަސައްކަތް ފެށޭނެ ތާރީހެއް ގަތަރު ސަރުކާރަކުން އަދި ނުބުނެ އެވެ.
އެޗްޑީސީން ދަނީ ހުޅުމާލޭގައި ކުޅިވަރުގެ މަތީ ފެންވަރުގެ ވަސީލަތްތައް ގާއިމް ކުރަން މަސައްކަތް ކުރަމުންނެވެ. މިގޮތުން ބައިނަލްއަގުވާމީ ދުވާ ޓްރެކެއް އަޅައި މިހާރު ވަނީ އެތަނުގެ އެހެން ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ފަށާފަ އެވެ.