""ދާށޭ އަނބުރާ... ވާށެ އަހަންނާ ދުރުގާ..." މި ލަވަ ހޮނިހިރު ދުވަހުގެ ރޭ ރިލީޒް ކުރީއްސުރެ މި ނޫން ލަވައެއް ބޮލަކަށް ނުވަދެ އެވެ. ލަވަ ޑައުންލޯޑް ކޮށް ޕްލޭލިސްޓުގެ އެންމެ ކުރިއަށް މި ލަވަ އަރައިފި އެވެ. މިއީ ޝަލަބީ އިބްރާހިމްގެ ފުރަތަމަ ވީޑިއޯ ލަވަ "އާދޭސް" އެވެ. ޝަލަބީގެ އަމިއްލަ ލަވައަކަށް ސަޕޯޓަރުން ކުރަމުން ދިޔަ "އާދޭސްތަކަށް" މިވަނީ ނިމުން އައިސްފަ އެވެ.
ޝަލަބީ ބުނިހެން މިއީ ލޯބިވެރިއަކާ ހިއްސާކޮށްލާނެ ވާހަކަތައް އެބަހުއްޓެވެ. އަދި ބޭވަފާތެރިވެފައިވާ ލޯބިވެރިއަކަށް ހާއްސަކޮށްލަންވެސް މި ލަވަ އެންމެ ރަނގަޅެވެ. ލަވަ ފެށިގެން އަންނަނީ ތަރުތީބު ކަމެއް ނެތި އެއްޗެހިތައް އުކާލާފައިވާ ގެއެއްގެ ތެރޭގައި ހުރެ ޝަލަބީ އަންހެން ކުއްޖަކު ދެކެ ހިންހަމަ ނުޖެހި ދެރަވެ ހުރެގެން އޭނާ އާ ދުރަށް ދިއުމަށް އެދި ލަވަ ކިޔާ ތަނެވެ. އެއަށްފަހު ލަވަޔަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސެޓެއްގައި ޝަލަބީ މިއުޒިކް ބޭންޑަކާއެކު ލަވަ ކިޔާތަން ފެނެ އެވެ. ޝަލަބީ ލަވަ ކިޔަނީ ގިޓާ ކުޅެމުންނެވެ.
މެދު ތެރެއިން އަންހެން ކުއްޖަކުވެސް ފެނިގެންދެ އެވެ. ނަމަވެސް އަބަދުވެސް އަންހެން ކުއްޖާ ފެނިގެންދަނީ "ސްޓަކް" ވެފައި ހުއްޓަ އެވެ. ލަވަ ފެށިގެން އަންނަ އިރުވެސްމެ އެވެ. ލަވައިގެ ވީޑިއޯ ކިތަންމެ ހާވެސް ސަޅި އެވެ.
އެންމެ ހާއްސަ އީ ލަވަ ނަގާފައި އިން ސެޓެވެ. މިއީ ދިވެހި ލަވައަކުން މަދުން ނޫނީ ނުފެންނަ ކަހަލަ ސެޓެއްގައި ނަގާފައިވާ ރީތި ލަވަ އެކެވެ. ލަވަ ފެށިގެން އަންނައިރު މަޑުމައިތިރި ނަމަވެސް މިއީ މަޑުމައިތިރި ލަވައެއް ނޫނެވެ.
"އާދޭސް" ގެ ލިރިކްސް ހަދާފައިވަނީ ހުސެން ރަޝީދު އެވެ. މި ލަވަ މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން ބަލާފައިވެ އެވެ.
ފުރަތަމަ ވީޑިއޯ ލަވަ އަށްފަހު ޝަލަބީ މިހާރު ދަނީ ރޯދައަށް ހާއްސަކޮށް އުފެއްދުންތަކެއްގެ މަސައްކަތްތަކެއް ކުރަމުންނެވެ. ޝަލަބީ ބުނީ އެއީ ސަޕްރައިޒެއް ކަމަށާއި އެއާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް ދޭނެ ކަމަށެވެ.