ސްޕެނިޝް ލީގްގެ އެއް ވަނައިގައި އޮތް ބާސެލޯނާއިން، ލަސްޕަލަމްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާގެ ހެޓްރިކުން، 4-1 ގެ ނަތީޖާ އަކުން ބާސާ މޮޅުވިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑަށް ކާމިޔާބު ކޮށްދިން 400 ވަނަ ގޯލާއެކު، ސެވިއްޔާގެ މައްޗަށް 4-1 ކާމިޔާބު ހޯދައި، ބާސާގެ ފަހަތުގައި ވިއްދައިފި އެވެ.
ރެއާލްއިން ސެވިއްޔާ ކޮޅަށް ޖެހި ފުރަތަމަ ލަނޑަކީ، ތަފާތު ހާލަތެއްގައި އޮއްވައި، ނަޗޯ ކާމިޔާބު ކުރި ލަނޑެ ކެވެ. މެޗުގެ 10 ވަނަ މިނެޓްގައި، ސެވިއްޔާގެ ޕެނަލްޓީ އޭރިއާ ބޭރުން ރެއާލްގެ އެސެންސިއޯ އަށް، ސެވިއްޔާގެ ކުޅުންތެރިން ކުރި ފައުލަކާ ގުޅިގެން ދިން ހިލޭ ޖެހުމުގައި، ސެވިއްޔާގެ ކުޅުންތެރިން ބޯޅަ ތައްޔާރު ނުވަނީސް، ނަޗޯ ވަނީ ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. ސެވިއްޔާގެ ކުޅުންތެރިން، އެ މައްސަލައިގައި، ރެފްރީ ގާތު އެޕީލްވެސް ކުރި އެވެ.
މެޗުގެ 23 ވަނަ މިނެޓްގައި، ރޮނާލްޑޯ ލަނޑު ޖަހައި، ރެއާލްގައި އޭނާގެ ހަތަރު ސަތޭކަ ވަނަ ލަނޑު ހެޖީ ހަމޭސް ރޮޑްރިގޭޒް ފޮނުވާލި ބޯޅަ ސެވިއްޔާގެ ކީޕަރު ސާޖިއޯ ރޮކޯ ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެން ނެވެ. ރޮނާލްޑޯ 400 ގޯލް ހަމަ ކުރީ 391 މެޗު ގަ އެވެ.
ސެވިއްޔާގެ ލަނޑު ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސްޓީވަން ޔޯވެޓިކް އެވެ. ޔޯވެޓިކް ރެއާލްގެ ގޯލްގެ ކަނަށް ބޯޅަ ފޮނުވާލީ ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެފައި ސެމީ ސާކަލް ތެރެއިން ނެވެ. ރޮނާލްޑޯގެ ދެ ވަނަ ލަނޑަކީ 78 ވަނަ މިނެޓްގައި ޓޯނީ ކްރޫޒު ދިން ޕާހަކު އެއްފަހުން ފޮނުވާލި ބޯޅައިން ކާމިޔާބު ކުރި ލަނޑެ ކެވެ. މެޗުގެ 84 ވަނަ މިނެޓްގައި ރެއާލް ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ކްރޫޒް އެވެ. ނަޗޯ ޕެނަލްޓީ އޭރިއާ ތެރެއަށްނަގައިން ބޯޅަ ކްރޫޒް ފައިން ޖައްސާލުމުން ބޯޅައިގައި މިސްރާބު ބަދލުވެ ބޯލް ވަދެގެން ދިޔައީ ސެވިއްޔާގެ ގޯލްގެ ދުރު ކަނަށެވެ.
ލަސްޕަލަމްސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ލަސްޕަލަމްސްގެ ގޯލް ހުޅުވައި ދިނީވެސް، ނޭމާ އެވެ. މެޗުގެ 25 ވަނަ މިނެޓްގައި ސުއަރޭޒް ދިން ޕާހުން، ނޭމާ ވަނީ ފަސޭހަ ކަމާއެކު، ލަސްޕަލަމްސްގެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ. މިއީ ނޭމާ ބާސާގައި ހެދި ހަތަރު ވަނަ ހެޓްރިކެވެ.
އޭގެ ދެ މިނެޓް ފަހުން، ނޭމާ ދިން ފުރުސަތަކުން ސުއަރޭޒް ވަނީ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 63 ވަނަ މިނެޓްގައި ޕެޑްރޯ ބިގާސް ވަނީ ލަސްޕަލަމްސްގެ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ނޭމާ ދެ ވަނަ ލަނޑު ކާޟިޔާބު ކުރީ 67 ވަނަ މިނެޓްގައެވެ. އަދި ހެޓޤރިކް ހެދީ 71 ވަނަ މިނެޓް ގަ އެވެ.
ރެއާލް ބެޓިސްއާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު ނިމުނީ 1-1 އެއްވަރު ވެގެން ނެވެ.
ބާސާ އަށް ލީގްގައި ދެން އޮތީ އެންމެ މެޗެކެވެ. އެއީ އަންނަ އާދިއްތަ ދުވަހު އެއިބާއާ ދެކޮޅަށް ކުޅޭ މެޗެވެ. ނަމަވެސް ރެއާލް އަށް ބާކީ ދެމެޗު އެބައޮތެވެ. އަންނަ ބުދަ ދުވަހުގެ ރޭ އެޓީމު ނިކުންނާނީ ސެލްޓަވީގޯއާ ދެކޮޅަށެވެ. އަދި އާދިއްތަ ދުވަހުގެ ރޭ އެޓީމު ނިކުންނާނީ، މަލާގާއާ ދެކޮޅާށެވެ. ސްޕެނިޝް ލީގް ޗެމްޕިއަންކަން ކަށަވަރު ވާނީ އެ މެޗުން ނެވެ.