ތެޔޮ އުފައްދާ މިންވަރު އަންނަ 2018 ވަނަ އަހަރުގެ މާޗްމަހާ ހަމައަށް މަދުކޮށްފައި ބޭއްވުމަށް ސައުދީ އަރަބިއްޔާއާއި ރަޝިޔާއިން އެއްބަސްވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ބޮޑުވެއްޖެ އެވެ.
އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް ( އޯޕެކް)ގައި އިސްކޮށް އުޅޭ ސައުދީ އަަރަބިއްޔާއާއި އެޖަމާއަތުގައި ނުހިމެނޭ ރަޝިޔާއިން ތެޔޮ އުފައްދާ މިންވަރު މަދުކޮށްފައި ބޭއްވުމަށް އެއްބަސްވިކަން އިއުލާން ކުރީ އެ ދެގައުމުގެ ހަކަތައާ ބެހޭ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައެވެ. ބަޔާން ނެރުއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ދެބޭފުޅުން ބޭއްވެވި ބައްދަލުވުމަކަށް ފަހުގައެވެ. ބަޔާނުގައި ބުނެފައި ވަނީ އޯޕެކްގެ ގައުމުތަކާއި ރަޝިޔާއިން އެގޮތަށް އަމަލުކުރުމުން ވާ ފައިދާ ފެނި އެހެން ގައުމުތަކުން ވެސް އެގޮތަށް އަމަލުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެެ.
ބްރެންޓް ކްރޫޑް ބްރޭންޑްގެ ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު މިހާރު ހުރީ 51.68 ޑޮލަރުގައެވެ. އެބާވަތުން ބޮޑުވެފައި ވަނީ 80 ސެންޓެވެ. އެއީ 1.7 ޕަސެންޓްގެ އިތުރުވުމެކެވެ. ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑް ފީފާއެއް މިހާރު ލިބެނީ 48.64 ޑޮލަރަށެވެ. އެބާވަތުން ވެސް ބޮޑުވެފައި ވަނީ 80 ސެންޓެވެ. އެއީ1.7 ޕަސެންޓެވެ.
ތެލުގެ އަގު މާބޮޑަށް ވެއްޓުމުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން އޯޕެކްގެ ގައުމުތަކާއި ރަޝިޔާއިން ނިންމީ މިދިޔަ އަހަރުއެވެ. އޭރު ނިންމީ ކުރިން އުފައްދާ ވަރަށް ވުރެ ދުވާލަކު 1.8 މިލިޔަން ފީފާ މަދުކުރުމަށެވެ.