އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން މެންޗެސްޓާ ޔުނައިޓެޑަށް ފުރުސަތު ގެއްލުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށާއި ގަދަ ހަތަރަކަށްވުރެ ބޮޑަށް ޔުނައިޓެޑަށް މުހިންމީ ތައްޓެއް ކަމަށް ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާ އަތުން 2-1 އިން ބަލިވެ، ޔުނައިޓެޑަށް ވަނީ މި ސީޒަންގައި ގަދަ ހަތަރަަކަށް އެރުމުގެ ފުރުސަތު ގެއްލިފަ އެވެ. ލީގުގައި ބާކީ ދެ މެޗު ޔުނައިޓެޑަށް އޮތްއިރު، އެ ޓީމު އޮތީ ތާވަލްގެ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށްވުރެ ހަތް ޕޮއިންޓް ފަހަތުގަ އެވެ.
ޔުނައިޓެޑަށް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ދެން ފުރުސަތު ލިބޭނީ ޔޫރޮޕާ ލީގުގެ ފައިނަލްގައި އަޔަކްސްގެ މައްޗަށް ކުރި ހޯދައިގެނެވެ.
ލީގުގައި ރޭ ޓޮޓެންހަމް އަތުން ޔުނައިޓެޑް ބަލިވި މެޗުގައި މޮރީނިއޯ ވަނީ މުހިންމު ކުޅުންތެރިން ކަމަށްވާ މާކަސް ރަޝްފޯޑާއި ހެރޭރާ އަދި ހެންރިކް މިކިތާރިޔަންއަށް ރެސްޓް ދީފަ އެވެ.
"އަހަރެން މާ ބޮޑަށް ދެރައެއް ނުވޭ މި މެޗު ބަލިވީމަ. އަހަރެމެން ރިސްކެއް ނެގީކީ ނޫން. އަހަރެމެންނަށް މި ވަގުތު މުހިންމީ ޔޫރޮޕާ ލީގުގެ ފައިނަލް،" މޮރީނިއޯ ބުންޏެވެ. "އަހަންނަށް އިތުރު ގޮތެއް ނެތީ. މުހިންމު ކުޅުންތެރިންތަކެއް އިންޖަރީގައި ތިބުމުން އަހަންނަށް ނެތް މި ނޫން ގޮތެއް ހެދޭކަށް. އެ ކުޅުންތެރިން ތިބި ނަމަ އަހަރެމެންނަށް ކޮންމެ މެޗަކަށް ވެސް ވަރުގަދަ ޓީމަކާއެކު ނުކުމެވޭނެ."
މޮރީނިއޯ ބުނީ ކައިރި ކައިރީގައި މެޗުތަކެއް ކުޅެންޖެހުމުން ޔުނައިޓެޑަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށާއި އެހެންވެ ކުޅުންތެރިންނަށް ރެސްޓް ދީގެން ނޫނީ ޓީމު ހަމައަކަށް ނޭޅޭނެ ކަމަށެވެ.
ރޭގެ މެޗަކީ ޓޮޓެންހަމް އިން ފާއިތުވި 118 އަހަރު ދުވަހު ބޭނުންކުރި ސްޓޭޑިއަމް ކަމަށްވާ ވައިޓް ހާޓް ލޭންގައި އެ ކްލަބު ކުޅުނު ފަހު މެޗެވެ. އަންނަ ސީޒަން އިން ފެށިގެން ޓޮޓެންހަމް އާ ސްޓޭޑިއަމްއަކަށް ބަދަލުވާނެ އެވެ. އެހެންކަމުން ރޭގެ މެޗަކީ ޓޮޓެންހަމަށް ވަރަށް ހާއްސަ މެޗެކެވެ.
މޮރީނިއޯ ބުނީ ވައިޓް ހާޓް ލޭންގައި ކުޅޭ ފަހު މެޗުން މޮޅުވުމަށް ޓޮޓެންހަމް އިން އިތުރު ހިތްވަރެެއް ނެރުނު ކަމަށާއި އެ ތަފާތު ރޭގެ މެޗުގައި ފެނިގެންދިޔަ ކަމަށެވެ.
ރޭގެ މެޗުގައި ޓޮޓެންހަމް އިން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ ވިކްޓަ ވަންޔާމާ އާއި ހެރީ ކޭން ޖެހި ލަނޑުތަކުންނެވެ. ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ ވޭން ރޫނީ އެވެ.