ބޭރު ކުޅިވަރު

ރޯމާ އިން ޔުވެންޓަސް ހުއްޓުވައިފި

May 15, 2017

އިޓާލިއަން ލީގުގައި ރޭ އޭއެސް ރޯމާ އަތުން ރަށުން ބޭރުގައި 3-1 އިން ބަލިވެ، ލީގު ޗެމްޕިއަންކަން ދިފާއު ކުރުމަށް ޔުވެންޓަސް އަށް އިތުރު އިންތިޒާރެއް ކުރަންޖެހިއްޖެ އެވެ.

މި މެޗުން ބަލިވި ނަމަވެސް، ޔުވެންޓަސް އެއްވަނައިގައި އޮތީ ދެވަނަައިގައި އޮތް ރޯމާގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ހޯދައިގެނެވެ. ލީގުގައި އަންނަ އާދީއްތަ ދުވަހު ކްރޮޓޯނޭއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ ޔުވެންޓަސް އަށް ލީގު ކަށަވަރުވާނެ އެވެ.

މެޗުގެ 21 ވަނަ މިނިޓުގައި ޔުވެންޓަސްގެ މާރިއޯ ލެމީނާ ޖެހި ލަނޑާއެކު އެ ޓީމުން ކުރި ހޯދި ނަމަވެސް، ޑެނިއޭލޭ ޑިރޮސީ އާއި ސްޓެފާން އެލް ޝަރާވީ އަދި ރަޑްޖާ ނައިންގޮލާންގެ ލަނޑުތަކުން ރޯމާ ވަނީ މެޗު އަނބުރާލައިފަ އެވެ.

މި މެޗުން ބަލިވި ނަމަވެސް، ލީގު ޗެމްޕިއަންކަން ދިފާއު ކުރުމަށް ޔުވެންޓަސް އަށް އިތުރު އުނދަގުލެއް ދެން ކުރިމަތިވާނެ ކަމަކަށް ނުބެލެވެ އެވެ. އަމިއްލަ ދަނޑުގައި އަންނަ އާދިއްތަ ދުވަހު ޔުވެންޓަސް ކުރިމަތިލާ ކްރޮޓޯނޭ އަކީ ރެލިގޭޝަނުން ސަލާމަތްވާން އުޅޭ ޓީމެކެވެ.

ޔުވެންޓަސް އިން ދަނީ މި ސީޒަންގައި ތިން ތައްޓަށް ވާދަ ކުރަމުންނެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލާއި ކޮޕާ އިޓާލިއާ ފައިނަލުން ވެސް ޔުވެންޓަސް ވަނީ ފުރުސަތު ހޯދައިފަ އެވެ.