ވިޔަފާރި

ދެކުނު އެފްރިކާގެ "ބާސެލޯސް" މާލޭގައި ހުޅުވައިިފި

May 15, 2017
  • އެކި ގައުމުތަކުގައި 100 އަށްވުރެ ގިނަ ތަން
  • ކުކުޅުން ތައްޔާރު ކުރާ ބާވަތްތަކަށް ހާއްސަ
  • އަގުތައް ރަނގަޅު ދިވެހިންގެ ރަހަތަކަށް ހެޔޮވަރު

ދެކުނު އެފްރިކާގެ، އިންޓަނޭޝަނަލް ފްރެންޗައިޒް ބްރޭންޑް "ބާސެލޯސް" ގެ ރެސްޓޯރެންޓެއް މާލޭގައި ހުޅުވައިިފި އެވެ.

ނޫރާނީމަގު، ހ. ތިނޫނު (މުލީއާގެ) ކައިރީގައި ހުޅުވި "ބާސެލޯސް" ރެސްޓޯރެންޓުގެ މެނޭޖަރު އަލީ ހުސެއިން ވިދާޅުވީ މި ރެސްޓޯރެންޓަކީ ކުކުޅުން ތައްޔާރުކޮށްފައިވާ އެކި އެކުންތަކަށް ހާއްސަ ތަނެއް ކަމަށެވެ.

"ފާސްފުޑް ރެސްޓޯރެންޓެއް މިއީ. މިތަން މިއީ ސިމިލާ ނަންދޯސް ބްރޭންޑު ގާތްގަނޑަކަށް،" އަލީ ވިދާޅުވި އެވެ.

ކުކުޅު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކެއުންތަކަށް ހާއްސަ މިތަނުގެ ކެއުންތަކުގެ ރަހަ މީރުކޮށްދޭން "ޕެރީޕެރީ" ގެ ނަމުގައި ހާއްސަ ސޯސްއެއް ހުރެ އެވެ.

އަލީ ވިދާޅުވީ މި ސޯސްއަކީ ބާސެލޯސްގެ އެންމެ ހާއްސަ އެއްޗަށް ވާނެ ކަމަށެވެ.

"މީގައި ހުންނާނެ ދިވެހިންނާ ގުޅޭ އެންމެ ކުޅިކޮށް ކާން ބޭނުންވާ މީހުންނަށްވެސް އެރަހަ ހުންނާނެ. ކުޅި މަޑުކޮށް ކާން ބޭނުންނަމަ އެގޮތަށްވެސް މި ސޯސް ބޭނުން ކުރެވޭނެ. މިތަނުގެ އެންމެ ހާއްސަ ކަމަކީ ދެކުނުއެފްރިކަން އެންވަޔަރުމަންޓް އޮތުން،" މީގެ ހަ ދުވަސް ކުރިން ހުޅުވި ރެސްޓޯރެންޓުގެ މެނޭޖަރު، އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބާސެލޯސް ރެސްޓޯރެންޓުގެ ހުޅުވިތާ މާގިނަ ދުވަހެއް ނުވިނަމަވެސް ދިވެހިންގެ ޝައުގުވެރިކަން ވަރަށް ބޮޑު ކަމަށެވެ.

"ރާއްޖޭގައި އެންމެ ފްރެންޗައިޒް އެބަހުރި. އެކަމަކު މިތަން ތަފާތު ވާނެ. މިތަނުގައި މި ހުންނަނީ ކުކުޅު ބޭނުންކޮށްގެން ތައްޔާރު ކުރި ބާވަތްތައް އެހެންވެ ވަރަށް ބާރު ބޮޑު. އަނެއްކާ މި ތަން މި ހުންނަނީ އެންމެ ރަނގަޅު އެއް ލޮކޭޝަންގައި. އޮފީސްތައް ކައިރިވުމުން ވަރަށް ގިނަ ބަޔަކު އާދެ. ހެނދުނުން ފެށިގެން ގާތްގަނޑަކަށް ފުލްކޮށް މި އޮންނަނީ،" ބާގަ އާއި ސެލެޑުގެ އިތުރުން، ގިނަ ބާވަތްތައް ހުރި ރެސްޓޯރެންޓުން ވާހަކަ ދެއްކެވި އަލީ ވިދާޅުވި އެވެ. ވިދާޅުވި އެވެ.

"މި ތަނުގައި ކުކުޅު ހުންނާނީ އެމީހަކު ބޭނުންވާ ގޮތަކަށް ނެގޭ ގޮތަށް. ފުލް ޗިކަން ބޭނުންނަމަ އެގޮތަށް ވެސް ނެގޭނެ. ހާފް ބޭނުންނަމަ އެގޮތަށް ވެސް ނެގޭނެ."

އޭނާ ވިދާޅުވީ މި ރެސްޓޯރެންޓުގައި 12 މުވައްޒަފުން މަސައްކަތް ކުރާއިރު، ގިނައީ ދިވެހިން ކަމަށާ މިއީ އެންމެ ބޮޑު ހިތްހަމަ ޖެހުން ކަމަށެވެ.

"މި ތަނުގެ 8 މުވައްޒަފުންނަކީ ދިވެހިން. އިންޓަނޭޝަނަލް ތަނެއްގައި ދިވެހިން މަސައްކަތް ކުރުމަކީ ލިބޭ ކާމިޔާބީއެއް،" އަލީ ވިދާޅުވި އެވެ.

ބާސެލޯސް ރެސްޓޯރެންޓު ހުޅުވާފައިވާއިރު މުސްތަގުބަލުގައި މި ތަނުން ޑެލިވަރީގެ ހިދުމަތް ދިނުމަށް ވެސް ދަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް މިހާރު ވެސް މިތަނުން ޓޭކްއަވޭ ހެދެ އެވެ. އަދި މި ރެސްޓޯރެންޓުގައި އެއް ފަހަރާ 68 މީހުންގެ ޖާގަ އޮވެ އެވެ.

ބާސެލޯސްއަކީ 1993 ވަނަ އަހަރު ދެކުނު އެފްރިކާގައި ހުޅުވި ތަނެކެވެ. މިހާރު މި ރެސްޓޯރެންޓުތައް އެފްރިކާގެ ގިނަ ގައުމުތަކާއި މެދުއިރުމަތި އަދި އާސިއާންގެ ގައުމުތަކާއި ޔޫރަޕުގައި ވެސް ހިންގަ އެވެ. ރެސްޓޯރެންޓުގެ އަދަދު 100 އަށް ވުރެ ގިނަ އެވެ.