ހަބަރު

އޭޖީ ހުށަހެޅި ދުސްތޫރީ މައްސަލައާމެދު ސުވާލު އުފައްދައިފި

އެކަށީގެންވާ ސަބަބެއް ނެތި މިނިސްޓަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ގޮތަށް ކަނޑައަޅައިދިނުމަށް އެދި، އެޓާނީ ޖެނަރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ސުވާލު އުފައްދައިފި އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ގާނޫނު އަސާސީގެ 101 ވަނަ މާއްދާ މާނަ ކުރުމަށެވެ. އެ މާއްދާގައި ބުނެފައިވަނީ، މަޖިލީހުގެ 10 މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ހުށަހެޅިދާނެ ކަމަށެވެ.

ކޯޓަށް ވެއްދި އެ މައްސަލާގައި ބުނެފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ސިޔާސީ ބޭނުމަށް މިނިސްޓަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ (ވޯޓް އޮފް ނޯ ކޮންފިޑެންސް) ހުށަނޭޅެނެ ކަމަށެވެ. މިނިސްޓަރަކު ވަކިކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ އިމްޕީޗްމެންޓް ވޯޓަކުން އެކަނި ކަމަށެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން މަދުވެގެން 10 މެންބަރުންގެ ސޮޔާއެކު ހުށަހަޅާ މައްސަލަ އަގުލަބިއްޔަތުން ފާސްވެއްޖެނަމަ އެ މިނިސްޓަރަކު މަގާމުން ވަކިވާނެ އެވެ.

މިކަމާ ގުޅިގެން މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ މައްސަލަ ހުށަހެޅިދާނެތޯ ސުވާލު އުފައްދަވާފަ އެވެ. މައުމޫން އެ ސުވާލު އުފެއްދީ، މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމަވާފައިވާ ނިންމުމަކާ ރިޔާއަތްކޮށެވެ. މައުމޫން ވިދާޅުވީ، ދައުލަތުގެ ބަންޑާރަ ނައިބު ގާނޫނު ހަދާ ބާރާ ދެކޮޅަށް ސަރުކާރުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ.

ސުޕްރީމް ކޯޓުން 2010 ވަނަ އަހަރު ނިންމަވާފައިވާ އެ ނިންމުމުގައި ބުނެފައިވަނީ، ބަންޑާރަ ނައިބަކީ ދައުލަތުގެ ތިން ބާރު ހިމެނޭ ގޮތަށް މުޅި ދައުލަތް ތަމްސީލް ކުރަންޖެހޭ ފަރާތެއް ކަމަށެވެ. ވެރިކަން ހިންގުމުގެ ބާރާއި އަދުލު އިންސާފުގެ ބާރާއި ގާނޫނު ހެދުމުގެ ބާރު އެކުވެގެން އުފެދިފައިވާ ގާނޫނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރަކުން ނިންމެވި ނިންމުމަކާ ގުޅިގެން އުފެދޭ ގާނޫނީ ހިލާފެއްގައި ބަންޑާރަ ނައިބު ޝަރީއަތަށް މައްސަލަ ހުށަހެޅުންފަދަ ކަންކަމުގައި ހަމައެކަނި އެއް ފަރާތެއްގެ ނިންމެވުމުގެ ދިފާއުގައި ވަކާލާތުކުރެއްވުމުން ގާނޫނު އަސާސީގައި ބުނާ ފަދައިން ބަންޑާރަ ނައިބަށް މުޅި ދައުލަތް ތަމްސީލް ނުކުރެވޭނެ ކަމަށް ފާހަގަވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން އެގޮތަށް އޮތްއިރު އިއްޔެ، ދައުލަތުގެ ފަރާތުން އޭޖީ އޮފީހުގެ ވަކީލް ވިދާޅުވެފައިވަނީ، ވެސް ސަބަބެއް ނެތި މިނިސްޓަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮންނަނަމަ އެއީ އެއް ބާރު އަނެއް ބާރުގެ މައްޗަށް އަރައިގަތުން ކަމަށާއި އެއް ބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ ކަމަށެވެ. ވަކީލް ވިދާޅުވީ، ރިޔާސީ ނިޒާމްތައް އޮންނަ އެހެން ގައުމުތަކުގައި ވެސް މަޖިލީހަށް މިނިސްޓަރަކު ވަކިކުރެވޭނީ ވަކި ސަބަބެއް ދިމާވެގެން ނަގާ އިމްޕީޗްމަންޓް ވޯޓަކުން ކަމަށެވެ.

އޭޖީގެ އެ މައްސަލައާ ވަރަށް ބޮޑަށް ތާއިދު ކުރައްވާ ރޭ ޕީޕީއެމް ޕީޖީ ގުރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ ވާހަކަ ދައްކަވާފަ އެވެ. ނިހާން ވިދާޅުވީ، ވަޒީރުންގެ އަދަދު ގާނޫނު އަސާސީގައި ވަކި އަދަދަކަށް ލިޔެފައި ނެތުމުން ދިހަ ބާރަ ވަރަކަށް މެމްބަރުން ލައްވައި ސޮއި ކުރުވައިގެން ސަރުކާރަށް ޖެއްސުން ކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ ކަމަށެވެ. އެމީހުން ބޭނުން ވަނީ މަޖިލީހުގެ ތެރެއިން ސަރުކާރު ހުއްޓުވަން ކަމަށެވެ.

ނިހާންގެ ތާއިދު އެ މައްސަލައަށް އޮތްއިރު އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް އެ މައްސަލައަށް ފާޑުވެސް ވިދާޅުވެފަ އެވެ. ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވިދާޅުވީ، އޭޖީ ހުށަހެޅި މައްސަލައަކީ ދުސްތޫރީ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ ޗެކް އެންޑް ބެލެންސްގެ އަސާސުތަކާ ހިލާފު ކަމަށެވެ. އޭނާ ވަނީ ކޯޓުތައް މެދުވެރިކޮށް "ސިޔާސީ ކަންތައްތައް" ނުކުރުމަށް ގޮވާލައްވާފަ އެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރު މާރިޔާ ދީދީ ވިދާޅުވީ، މިނިސްޓަރުން މަޖިލީހަށް ވަކިނުކުރެވޭ ގޮތް ހަދަން ކޯޓަށް ދިޔުމުން އިދިކޮޅަށް 42 މެންބަރުން ހަމަވެފައިވާކަން ސަރުކާރުން ގަބޫލުކޮށްފައިވާ ކަމަށެވެ. މާރިޔާ އެހެން ވިދާޅުވީ، އެ ބަދަލު މަޖިލީހުގެ ތެރެއިން ގެނައުމުގެ ބަދަލުގައި ކޯޓު މެދުވެރިކޮށް ގެންނަން މަސައްކަތް ކުރަމުންދާތީ އެވެ.