ދުނިޔެ

ކުއާލަ ލަމްޕޫރުގައި ޓެރަރިސްޓް ހަމަލާތަކެއް ދޭން އުޅުުނު ބަޔަކު ހައްޔަރުކޮށްފި

Apr 6, 2015

މެލޭޝިއާގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކުއާލަ ލަމްޕޫރުގައި ޓެރަރިސްޓް ހަމަލާތަކެއް ދޭން ރާވަމުން ދިޔަ 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުން މިއަދު ބުނެފި އެވެ.

އިންސްޕެކްޓަ ޖެނެރަލް އޮފް ޕޮލިސް ޚާލިދު އަބޫބަކުރު ވިދާޅުވީ ހަމަލާ ރާވަމުން ދިޔަ މީހުން ހައްޔަރުކޮށްފައި ވަނީ އިއްޔެ ކަމަށެވެ. ޚާލިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަމަލާގައި ބައިވެރިވާ މީހުންގެ ތެރެއިން ދެ މީހަކު ސީރިއާގައި އުޅުމަށް ފަހު އެނބުރި މެލޭޝިއާ އަށް އައީ ވަރަށް ފަހުން ކަމަށެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފައި މި ވަނީ މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުން ކިތަންމެ ދުވަހަކު ވެސް ތަހުގީގަށް ބަންދުކޮށްފައި ބެއިތިއްބޭ ގޮތަށް ޓެރަރިޒަމާ ބެހޭ ގާނޫނު އިސްލާހުކުރަން ހުށަހަޅާފައި ވަނިކޮށެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކުން ވަނީ މި އިސްލާހަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. --އޭޕީ