ހަބަރު

ހެކި ނެތިގެން ގާސިމަށް ދައުވާ ނުކުރަން ނިންމައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ފުލުހުން މިހާރު ކުރާ ތުހުމަތުތަކާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ނިންމައިފި އެވެ.

އެ މައްސަލާގައި ދައުވާކުރެވެން ނެތް ކަމަށް ކަނޑައަޅައި ޕީޖީއިން ފުލުހަށް މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ، ދައުވާ ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ ނެތުމުންނެވެ.

ގާސިމްގެ މައްޗަށް ފަހުން ފުލުހުން ކޮށްފައިވާ ތުހުމަތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއެކު ކަމަށް 10 އޭޕްރީލް 2017 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާއި ގުޅިގެން މަޖިލީހުގެ ރައީސް މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް މަޖިލީހުގެ އެކި މެންބަރުންނަށް އެކި ގޮތްގޮތުން ނުފޫޒުފޯރުގައި ގާނޫނާއި ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރުމެވެ. އަދި، ސަލާމަތީބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށް ރައްޔިތުންގެ މެދުގައި ފިތުނައާއި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓާއާ ދިމާކޮށް ގާސިމް، މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމަށް ތުހުމަތުކޮށް އެމަނިކުފާނުގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް ކޮށް ޝަރީއަތް ވެސް ފަށާފަ އެވެ.

ފުލުހުން ފަހުން ކުރި ތުހުމަތުތަކާ ގުޅިގެން ގާސިމް ހައްޔަރުކޮށް ބަންދުގައި 15 ދުވަހަށްވުރެ ގިނަ ދުވަހު ބަހައްޓާފައިވެ އެވެ. ގާސިމް ދޫކޮށްލާފައިވަނީ އެ މައްސަލާގައި އެކަށީގެންވާ ހެކި ފުލުހުން ކޯޓަށް ހުށަނޭޅުމުންނެވެ. ގާސިމް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކުރީ ބޮޑެތި ޝަރުތުތަކަކާ އެވެ.